ކުޅިވަރު

ޕީއެސްޖީ ބޭނުންވާވަރުގެ ހުށަހެޅުމެއް ނުލިބޭ

ޕީއެސްޖީ ބްރެޒިލްގެ ފޯވަޑް، ނޭމާ ޖޫނިއާއަށް ޕީއެސްޖީން ބޭނުންވާ ވަރުގެ ހުށަހެޅުމެއް ނުލިބޭ ކަމަށް އެ ކުލަބުގެ ސްޕޯޓިން ޑައިރެކްޓާ ލިއަނާޑޯ ބުނެފި އެވެ.

ޔޫރަޕްގެ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑް ބަންދު ވާނީ އަންނަ ހޯމަ ދުވަހު އެވެ. ކުރިން ޕީއެސްޖީއަށް ކުޅުނު ވިންގާ ބުނީ، ނޭމާ ގެންދަން ބޭނުންވާ ކުލަބަކަށް އަދިވެސް ފުރުސަތު އެބައޮތް ކަމަށެވެ.

ނޭމާ އަނބުރާ ގެންދަން މަސައްކަތް ކުރަނީ އޭނާގެ ކުރީގެ ކުލަބު ބާސެލޯނާ އެވެ. ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫޜޯގެ އަގަކަށް ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ނޭމާ އަލުން ބާސާއަށް ގެންދިއުމަށް އެ ކުލަބުން ވަނީ 130 މިލިއަން ޔޫރޯ އާއި އެ ޓީމުގެ މިޑްފީލްޑާ އީވާން ރަކިޓިޗް އާއި ޑިފެންޑަރު ޖީން ކްލިއާ ޓޮޑިބޯގެ ޕެކޭޖެއް ހުށަހާޅާފަ އެވެ.

ނަމަވެސް ފަހުން ޕީއެސްޖީން ވަނީ އެ ޕެކޭޖުގައި ރެކިޓިޗް އާއި ޓޮޑިބޯގެ އިތުރުން ފޯވަޑް އުސްމާން ޑެމްބެލޭ އާއި 170 މިލިއަން ޔޫރޯ ދިނުމަށް އެދިފަ އެވެ. ނަމަވެސް އެ އަދަކީ ބާސާގެ ޓްރާންސްފާގެ ލިމިޓަށް ވުރެ އިތުރު އަދަދެއް ކަމަށް ވުމުން، އެވަރުގެ ބޯޑު ހޭދައެއް ކޮށްފިނަމަ ޔޫއެފާގެ އަދަބެއް އެޓީމަށް އަތުވެދާނެ ކަމަކެވެ.

"ވާހަކަ ދެއްކުމުގެ މަރުހަލާ އަދިވެސް ބަންދެއް ނުވޭ، އެކަމަކު އެއްވެސް ހުށަހެޅުމެއް ނެތް އަހަރެމެންނަށް އެއްބަސްވެވޭ ވަރުގެ،" ލިއާނާޑޯ ބުންޏެވެ. "ނޭމާ އާ މެދު އަހަރެމެންގެ ނިންމުން އަބަދުވެސް ސާފު އަހަރެމެން ހިތްހަމަޖެހޭ ވަރުގެ ހުށަހެޅުމެއް އަތުވެއްޖަނަމަ ކުޅުންތެރިޔާ ދޫކޮށްލާނަން."

ބާސެލޯނާ އަށް ބަދަލު ވުމަކީ ނޭމާ ބޭނުންވާ ކަމެކެވެ. އެހެންނަމަވެސް މިހާރު އޮތް ގޮތުން މިފަހަރުގެ ޓްރާންސްފާގައި އެކަމަށް އޮތް ފުރުސަތު ކުޑަ އެވެ.