ރައީސް މުހައްމަދު ނަޝީދު

ވަޒީފާ ހޯދާ މީހުންގެ ދަފުތަރެއް ގެންނާނަން: ނަޝީދު

ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވައިލާނެ ގާނޫނެއް ހެދުމަކީ އެމްޑީޕީގެ އަމާޒެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީ ޒުވާނުންގެ ކޮންގެރެސް 2019 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ ޑްރަގްގެ ވަބާގައި ޖެހިފާ ތިބި ޒުވާނުންނާއި ވަޒީފާ ނެތި މަގުމަތީގައި ތިބޭ ޒުވާނުން އަދަދު ގިނަ ކަމަށާއި މި ސަރުކާރުން އެފަދަ ޒުވާނުންނަށް ގޮތްތަކެއް ހޯދައި ދޭނެ ކަމަށެވެ

އަދި ވިދާޅުވީ ސަރުކާރުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި އެންމެ މުހިއްމު މަސައްކަތް ކުރަން ޖެހޭ ސަބަބަކީ ވަޒީފާ އަދާކުރާ ޒުވާނުންނަށް ރަނގަޅު މަންފާއެއް ހޯދައިދުނުމުގެ ބޭނުން އޮތުމުން ކަމަށެވެ.

"ދޮރުން ދޮރަށް ހިނގި އިރު ޒުވާނުންގެ އެންމެ ބޮޑު ޝަކުވާ އަކަށްވީ މުސާރަ ކުޑަ ވާހަކަ. އޯވަޓައިމާއި އެލަވަންސް ނުދޭ ވާހަކަ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި އެންމެ މުހިއްުމުކޮށް މަސައްކަތް ކުރަން ޖެހޭ ސަބަބަކީ އެއީ ޒުވާނުންނަށް ކޮށްދޭން ޖެހޭ ކަމަކަށް ވުމުން." ރައީސް ނަޝީދު ވިދާޅުވި އެވެ.

އާއިލާގެ ތެރޭގައި ޑްރަގްގެ ވަބާ އާއި ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފަވާ ކުދިންގެ އަދަދު ގިނަ ކަން ފާހަގަ ކުރައްވާ ވިދާޅުވީ އެފަދަ ކުދިންނަށް އަޅާލަން ސަރުކާރުން ސިޔާސަތެއް އެކުލަވާލަން ޖެހޭ ކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޒުވާނުންނަށް ދިމާވެފަވާ ގޮންޖެހުންތައް ގިނަ ކަމަށާއި އެ މައްސަލަތަކުން ޒުވާނުން އަރައިގަތުމަށް ސަރުކާރުން ގެންގުޅެން ޖެހޭ ސިޔާސަތުތައް ސަރުކާރަކަށް ނޯޅޭނެ ކަަމަށެވެ. އަދި ޒުވާނުންނަށް ދިމާ ކުރުމުގެ ބަދަލުގައި ޒުވާނުންނާއެކު މަސައްކަތް ކުރުމުގެ ރޫހު އާލާކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ގިނަ ޒުވާނުންނަށް ދިމާ ނުވާ އެއްވެސް ކަމެއް ނެތް. އެމީހުން ބޭނުންވޭ ރަނގަޅުވާން. މި ސަރުކާރުން ޒުވާނުންނަށް ދިމާވެފަވާ ގޮންޖެހުންތައް ނައްތާލާ މަސައްކަތް ކުރާނީ ޒުވާނުންނާއި އެކުގައި." ރައީސް ނަޝީދު ވިދާޅުވި އެވެ.