ކުޅިވަރު

ޒުވާން ޗޯޓް ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފޯކައިދޫ ފުޓްބޯޅަ ކުލަބުގެ ޒުވާން ފޯވަޑް ހަސަން ނަޒީމް (ޗޯޓް) ވޯލްޑްކަޕް ކޮލިފިކޭޝަންގެ 23 ކުޅުންތެރިންގެ ފައިނަލު ސްކޮޑުން ޖާގަ ހޯދައިފި އެވެ.

އާލީޓަޗް އެކެޑެމީގެ ތެރެއިން ފުޓްބޯޅައިގެ ތެރެއަށް ނުކުތް ޗޯޓް ސީނިއާ ގައުމީ ޓީމު ޖާގަ ހޯދީ މުޅިން އަލަށެވެ. އޭނާ އަކީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ.

ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ، ޗޯޓް 18، އަކީ ފޯވަޑްލައިންގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށެވެ. ސްކޮޑުން ބާކީ ކޮށްފައި ވަނީ، ޓީސީގެ ޑިފެންޑަރު މުހައްމަދު އަޖުފާން އާއި ޔުނައިޓަޑް ވިކްޓަރީގެ ގޯލްކީޕަރު ތޮލާލް ހުސައިން އެވެ.

ފައިނަލު ސްކޮޑުން ޖާގަ ހޯދި އެހެން ޒުވާން ކުޅުންތެރިންގެ ތެރޭގައި، ގްރީން ސްޓްރީޓްގެ އަބްދުﷲ ޔާމީން (ޔާން) އާއި ފޯކައިދޫގެ މުހައްމަދު ޖައިލަމް (އޮގީ) އީގަލްސްގެ ހައިޝަމް ހަސަންގެ އިތުރުން ޓީސީގެ އިބްރާހިމް އައިސަމް ހިމެނެ އެވެ. ގައުމީ ޓީމުން އަލަށް ޖާގަ ހޯދި ދަ ގުރޭންޑޭގެ އަޔާޒު އަހްމަދު (އަޔާ) ވެސް ވަނީ ފައިނަލު ސްކޮޑުން ޖާގަ ހޯދާފަ އެވެ.

ގައުމީ ޓީމުގެ މެނާޖަރު ޔާމީން އިބްރާހިމް، ވިދާޅުވީ މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް) އާއި ގޯލްކީޕަރު ހުސައިން ޝަރީފް ފިޔަވައި އެހެން ހުރިހާ ކުޅުންތެރިންނަށް އެމެރިކާގެ ވިސާ ލިބިފައިވާ ކަމަށެވެ.

ކޮލިފިކޭޝަންގައި ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ އެމެރިކާގެ ބެލުމުގެ ދަށުގައި އޮންނަ ގުއާމް އާ ދެކޮޅަށެވެ. ޔާމީން ވިދާޅުވީ ނިހާޓް އާއި ކީޕަރު ހުސައިންގެ އިތުރުން ޓީމުގެ އާ ފިޓްނަސް ކޯޗް މޮންޓެނީގުރޯގެ މިރުކޯ ކުރުނިޗް ލަންކާގައި މަޑު ކުރުވުމަށް ފަހު ޓީމުގެ އެހެން ކުޅުންތެރިންނާއެކު ސްކޮޑު ގުއާމް އަށް ދަތުރު ފަށާފައިވާ ކަމަށެވެ. ރޭ ފަތިހު ޓީމު ވަނީ މެލޭޝިއާ އަށް ގޮސްފަ އެވެ.

"މި ވަގުތު މިކޮޅުގައި [ކޮލަމްބޯ] ގައި މިތީބީ އަހަންނާއި ނިހާޓް އަދި ހުސައިންގެ އިތުރުން ކިޓް މެނޭޖަރާއި ފިޓްނަސް ޓްރޭނަރު،" ޔާމީން ވިދާޅުވި އެވެ. "ފިޓްނަސް ޓްރޭނަރުގެ ބެލުމުގެ ދަށުން އެ ދެ ކުޅުންތެރިންގެ ޓްރެއިނިންތައް މެދުކަނޑާ ނުލައި މިކޮޅުގައި ކުރިއަށް ދާނެ، އުންމީދު ކުރަނީ ހޯމަ ދުވަހު އެމްބަސީ ހުޅުވުމުން އެ ކުޅުންތެރިންނަށް ވިސާގެ ކަންކަން ހަމަޖެހި ދަތުރު ފެށޭނެ ކަމަށް."

މިދިޔަ ބުރާސްފަތި ދުވަހު ހދ. ނޮޅިވަރަމްފަރުން ފުރައިގެން އެ އަތޮޅު ހަނިމާދޫއަށް ދަތުރު ކުރަނިކޮށް ބަނޑުންޖަހާލި ލޯންޗު ހާދިސާގައި މަރުވި ފަސް މީހުންގެ ތެރޭގައި ގައުމީ ޓީމުގެ އެޓޭކިން މިޑްފީލްޑާ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ގެ އާއިލީ ހަތަރު މެންބަރު ހިމެނުމުން އޭނާ ވަނީ ކޭމްޕް ދޫކޮށް ރާއްޖެ އައިސްފަ އެވެ.

މެނޭޖަރު ޔާމީން ވިދާޅުވީ، އާއިލާއާކު ހުރުމަށް އިއްބެއަށް ފުރުސަތު ދީފައިވާ ކަމަށެވެ.