ރިޕޯޓް

އެމްޑީޕީގެ އައްޑަނައަކަށްވި މެންބަރުންގެ އަގެއް ނެތް!

"އަޅުގަނޑުމެން އަނިޔާވެރި ސަރުކާރެއް ނިންމަން އެތައް ގުރުބާނީއެއް ވީން، އެތައް އަނިޔާއެއް ތަހަންމަލް ކުރިން، އެތައް ފަހަރަކު ޖަލު ގޮޅި ދެކުނިން، ޕެޕާ ސްޕްރޭގެ އަސަރު ފިލައިގެން ނުދަނީސް މުޒާހަރާ އެންމެ ކުރީގައި ކެރިގެން ތިބިން، މިއަދު އެމްޑީޕީގެ ސަރުކާރު ގެނެވުނީ އަޅުގަނޑުމެން ވެސް ކުރި މަސައްކަތުން، އެކަމަކު ހިތާމައަކީ އެ ޕާޓީއަކަށް މަރުދިން ޕާޓީން އަޅުގަނޑުމެންގެ އަގު ވަޒަން ނުކުރާކަން، އަޅުގަނޑުމެން ބާކީ ކޮށްލައިފި،" އެމްޑީޕީގެ އެކްޓިވިސްޓަކު އޭނާގެ އުދާސްތައް ބަނޑުންކޮށްލި އެވެ.

ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރި ބަޔަކީ އެމްޑީޕީ އެވެ. އަނިޔާވެރި ވެރިކަމެއް ނިންމަން ކަމަށްބުނެ އެމްޑީޕީން ކުރި މުޒާހަރާތަކުގައި އެޕާޓީގެ އެތައް މެންބަރުންނެއް ބައިވެރިވި އެވެ. އެތައް އަނިޔާތަކެއް ތަހަންމަލް ކުރި އެވެ. ޕެޕާ ސްޕްރޭ ޖަހައިގެން ލޯ ނުހުޅުވި އެތައް އިރަކު ތިބި މަންޒަރު ވެސް ފެނުނެވެ. ގަދަ ބާރުން އަނިޔާކޮށް އެމްޑީޕީގެ އެތައް މެންބަރުންނެއް އޭރު ހައްޔަރު ކުރި އެވެ.

ނަމަވެސް މިހާރު އޮތް ޝަކުވާއަކީ އެ މެންބަރުން މަތިން އެމްޑީޕީ ހަނދާން ނެތުނު ކަމުގެ ޝަކުވާ އެވެ. އެ ޕާޓީއަކަށްޓަކައި މަރުދިން އެތައް މެންބަރުންގެ ޝަކުވާއަކީ އެއީ އެވެ. ޕާޓީގެ ދިފާއުގައި، ޕާޓީގެ އިސްވެރިންގެ ނިވާފަތްގަނޑަކަށް ވެގެން ތިބި މެންބަރުންގެ މަތިން ހަނދާން ނެތުނު ވާހަކަ އެވެ.

އެމްޑީޕީގެ އިސްވެރިންނަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅުން މެންބަރުންގެ ރުޅިގަނޑު އިތުރަށްވީ ބޮޑެވެ. މެންބަރުންގެ ޝަކުވާއެއް ކަމަށް ނަޝީދު ވިދާޅުވަނީ ވަޒީފާ ނުދެވޭނެ ވާހަކަ އެވެ. އެކަމަކު އެ މަނިކުފާނު ވިދާޅުވާ ގޮތުގައި ޕެޕާ ސްޕްރޭގައި ޖެހުނު އެންމެނަށް ސަރުކާރުން ވަޒީފާ ނުދެވޭނެ އެވެ.

"އާދެ އަޅުގަނޑުމެން ބޭނުން ޅިޔަނަށް ވަޒީފާދޭން، އޭނަ ގަޔަށް ހުރީ ވަރަށް ބައިވަރު ޕެޕާ ސްޕްރޭ ޖަހާފަައި. ދެން ޕެޕާ ސްޕްރޭޖެހި ހުރިހާ އެންމެނަށް ކޮންމެސް ކަހަލަ ފުރުސަތެއް އޮތުމަކީ ބޭނުންތެރި ކަމެއް، އެހެން ނަމަވެސް އަނެއްކާ ވެސް އަޅުގަނޑަށް ވަނީ އެވަރަށް ލަދުވެތި ވާހަކައަކަށް، ތިމަންނާ މިވެނި ކަމެއް ކުރީމޭ މިހެން ހެދީމޭ އެހެން ހެދީމޭ، އެހެން ނަމަވެސް ތިމަންނާ އަކަށް މިއަދު ނެތޭ އެއްވެސް ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން އޭނައަށް ކަމެއް ނެތި އޮންނާކަށް،، އެކަމަކު އޭނާގެ ކަމެއް އޭނާއަށް ކަމެއް ހޯދުން، ކަމެއްގެ ތެރެއަށް ނުކުތުން، ހުރިހާ އެންމެނަށް ސަރުކާރުން ވަޒީފާ ދިން ދިނީނުން މިގައުމު ފުލް އެމްޕޮލޯއީމެންޓަކަށް ނުގެންދެވޭނެ، އެއީކީ ވާނެ ކަމެއް ނޫން،"

ގިނަ މެންބަރުންނަށް މި ވާހަކަތައް "ހަޖަމެ"އް ނުވެ އެވެ. ރައީސް ނަޝީދުގެ ދިފާއުގައި، މުޒާހަރާތަކުގައި ނިވާފަތްގަނޑަކަށް ވެގެން ތިބެ އެ މަނިކުފާނު ސަލާމަތް ކުރި މެންބަރުންގެ މަތިން ހަނދާން ނެތިފައިވާ ކަމަށް އެ މެންބަރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެ މެންބަރުންގެ އަގު ވަޒަން ނުކުރާ ކަމަށް ބުނެ އެމްޑީޕީގެ އިސްވެރިންނަށް ދަނީ ފާޑުކިޔަމުންނެވެ.

"އަދިވެސް ހަނދާންވޭ ބައެއް މުޒާހަރާތަކުގައި އެމްޑީޕީގެ އެންމެ އިސްވެރިން ހައްޔަރު ކުރިޔަ ނުދީ ފުލުހުންގެ ކިބައިން ސަލާމަތް ކުރަން ކުރިހާ މަސައްކަތް، ލިބުނުހާ އަނިޔާ، ނަމަވެސް މިއަދު އަޅުގަނޑުމެންގެ އަގެއް ނެތެއް ނޫންތޯ، މުހިންމުވީ އެހެން މީހުން،" އެމްޑީޕީ މެންބަރަކު ބުންޏެވެ.

އެ ޝަކުވާ އެކަންޏެއް ނޫނެވެ. އެމްޑީޕީ މެންބަރުންނަށް ސަރުކާރުން ވަޒީފާ ނުދޭ އަދި އަޅާ ނުލާ ވާހަކަ އެކަންޏެއް ވެސް ނޫނެވެ. ކުރީ ސަރުކާރުގައި ވަޒީފާގައި ތިބި މީހުން ވަޒީފާގައި ތިބި ޝަކުވާ ވެސް އެބައޮތެވެ. އެކަމަށްވެސް ނަޝީދު ވަނީ ރައްދު ދެއްވާފަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ވެރިކަމަށް އެމްޑީޕީން އައީ އިންސާފުވެރިކަމާއެކީ ކަންކަން ކުރާށެވެ. ވަޒީފާއެއްގައި ހުރި މީހަކު ނަގާ އެއްލާލައި މަގުމަައްޗަށް އުކާލާކަށް ނޫނެވެ.

އެމްޑީޕީގެ މެންބަރުންގެ ޝަކުވާތައް ވަރަށްވެސް ގިނަ އެވެ. ގިނަ މެންބަރުން ދެކޭ ގޮތުގައި އަދިވެސް ހާލަތު ބަދަލެއް ނުވެ އެވެ. އޮތީ ހަމަ ކުރީގެ ހާލަތެވެ. ބަދަލުވީ ނަން އެކަންޏެވެ.