ވިޔަފާރި

އެނބޫދޫ ފަޅުގައި ހެދި ސައި ލެގޫން މޯލްޑިވްސް ރިސޯޓު ހުޅުވައިފި

Sep 1, 2019
1

އެނބޫދޫ ފަޅުގައި ހެދި ހިލްޓަން ކަލެކްޝަންގެ އާ ރިސޯޓް، ސައި ލެގޫން މޯލްޑިވްސް ހުޅުވައިފި އެވެ.

ތައިލެންޑުގެ ސިންހަ ކުންފުނިން ތަރައްގީކުރި އެނބޫދޫ ފަޅުގައި ހަދާފައިވާ، ސައި ލެގޫން މޯލްޑިވްސް ހިންގާނީ ސިއުރިއޯ ކަލެކްޝަން ބައި ހިލްޓަން ބްރޭންޑުގަ އެވެ.

ހިތްގައިމުކޮށް ފަރުމާކޮށްފައިވާ ސައި ލެގޫން މޯލްޑިވްސްގައި ޑިލަކްސް ކޮޓަރިތަކާއި ބީޗް ވިލާ އަދި މޫދު ވިލާ ހިމެނޭ ގޮތަށް 198 ކޮޓަރި ހުރެ އެވެ. މި ތަން ޑިޒައިން ކޮށްފައިވަނީ މަޝްހޫރު ޑިޒައިނަރު ބިލް ބެންސްލީ އެވެ.

އެނބޫދޫ ފަޅުގައި މި ރިސޯޓުގެ އިތުރުން މަޝްހޫރު ހާޑްރޮކް ހޮޓެލްގެ ރިސޯޓެއް ވެސް ހުޅުވަން ދަނީ ތައްޔާރު ވަމުންނެވެ.

ސައި ލެގޫން މޯލްޑިވްސް ހުޅުވާފައިވާ އެނބޫދޫ ފަޅުގައި ވަކިވަކި ލައިފްސްޓައިލް ކޮންސެޕްޓް ތަކަށް ނުވަ ރަށެއް ދަނީ ތަރައްގީ ކުރަމުންނެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ތިން ރަށެއް ތަރައްގީކުރާއިރު މި ތަންތަނަށް އެކަނި 311.5 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާ) އިންވެސްޓް ކުރާނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ސްޕީޑް ލޯންޗުގައި 10 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީ ކޮށްފައިވާ އެނބޫދޫ ލެގޫން މަޝްރޫއު ނިމޭއިރު 3،000 ކޮޓަރި ހުންނާނެ އެވެ.