(29 އޯގަސްޓް 2019 އާ ގުޅޭ)
ރީތިވާ މޭޒުކައިރީ ހުރެ ލިއަމް ވާހަކަދެއްކިއެވެ. އޭނާ ހަމަޖެހިފައި ހުރުމުން ހޭޒަލް ދުށް ކަންތައްތަކަށް ޖަވާބެއް ނުލިބުނަސް އެކަން މަތިން ހަނދާންނައްތާލިއެވެ. އަދި މަންމައާ ބައްދަލުވާން އުޅޭތީ ގެއަށް ދާއިރު އެއްޗެއް ހިފައިގެން ދިއުމާމެދު ލިއަމްއާ ޚިޔާލު ބަދަލުކުރިއެވެ.
* * * * *
މ.ސްނޯލޭންޑްގޭ ސިޓިންރޫމު ސޯފާގައި ސާއިރާ އިނީ އޭނާގެ މާމަ ދަރިފުޅު އަމީރާ ގާތް ކޮށްލައިގެންނެވެ. އަމީރާއަކީ އާތިޝްއާއި ކީރާގެ ފަސް އަހަރުގެ އަންހެން ދަރިފުޅެވެ. ވަކިން ހުރި ގޮނޑީގައި ރިޒްވާން އިންއިރު އޭނާގެ ވައަތްފަރާތުގައި ހުރި ސޯފާ ގޮނޑީގައި އާތިޝްއާއި ކީރާ ތިއްބެވެ. ފަނަބުރިއަށް ނަގައިފައި ހުރި އެ ގެ އިމާރާތްކޮށް ނިމުނުތާ އަދިވީ އެންމެ ހަތަރު އަހަރެވެ. އެންމެ މަތިން ދެ ފަންގިފިލާއާއި ހާމަފެންޑާނޫން ހުރިހާ ބައެއް ހުންނަނީ ކުއްޔަށް ދޫކޮށްފައެވެ. އެގެއަކީ ރިޒްވާނު ބައްޕަގެ ގެއެވެ. މިހާރު އެއީ ރިޒްވާނުގެ މިލްކިއްޔާތެކެވެ.
ސާއިރާއަކީ ވެސް މާލޭ މީހެކެވެ. ގ.ރަންމުތް ގެއަކީ އޭނާގެ މައިންބަފައިންގެ ގެއެވެ. ޢާއިލާގައި ތިބެނީ ސާއިރާއާއި ސަމީނާއެވެ. ސަމީނާގެ ދިރިއުޅުން އޮތީ އެއްކޮށް ރާއްޖޭން ބޭރުގައެވެ. އެހެންވެ ގެ ދެބެންނަށް ބަހައި ސާއިރާއަށް ލިބުނު ތަންކޮޅު ރަނގަޅު ފެންވަރަކަށް ރިޒްވާން ހަދައިދިނުމުން އެތަން ވެސް ހުންނަނީ ކުއްޔަށް ދީފައެވެ. ﷲގެ ރަޙުމަތުން ފައިސާ ލިބޭނޭ މަގު ހުޅުވިފައިވާތީ ސާއިރާގެ ދިރިއުން ވަރަށް ތަނަވަހެވެ. އެހެންނަމަވެސް އޭނާއަކީ ބޮޑާ މީހެއްނޫނެވެ. އެހީތެރިކަމަށް އެދެފި މީހަކަށް އެހީތެރި ވެސް ވެއެވެ. މާލޭގައި ގިނަ ދުވަހު މަޑުނުކުރާތީ އޭނާގެ ރަޙުމަތްތެރީންގެ އަދަދު ވެސް މަދެވެ. އެކަމަކު މާލޭގައި ހުންނަ ދުވަސްކޮޅެއްގައި ނަމަ އެކުވެރީންނަށް ދަޢުވަތުދީ ގޭގައި ކެއުންތައް ބޭއްވުމަކީ އާންމުކަމެވެ.
"ކޮއްކޮ ބުނިތަ މިއަންނަނީއޭ" އާތިޝް އަހާލީ ސާއިރާގެ ގާތުންނެވެ. އޭނާ ހޭޒަލްއަށް އީޝާރާތްކުރާނަމަ އަބަދުވެސް ބުނާނީ ކޮއްކޮއެވެ.
"ލިއަމް ދެން އެއީ މާ ބިޒީ މީހެއްނު، އޭނާ އާއެކު އަންނާނަމޭ ބުނި... އާތިޝް ތަނަކަށް ދާން އޮތީތަ" ސާއިރާ އަހާލިއެވެ.
"އާތިޝްއެއްނޫން، އަޅުގަނޑު ދާން ޖެހޭތީ... ޢީދަށް ފުރަން އުޅެނިކޮށް އަޅުގަނޑަށް ގުޅުނީ. އޭގެފަހުން އޭނާގެ އެއްވެސް ޚަބަރެއްނުވޭ، އެހެންވެ މިއަދު ޒެއްލު ވެސް ފެންނާނޭ ހީކޮށްގެން މިއައީ" ކީރާ ބުންޏެވެ.
ކީރާއަކީ ޓީވީ ޗެނެލެއްގައި މަސައްކަތްކުރާ ޕްރެޒެންޓަރެކެވެ. އޭނާގެ ކޮނޑާ ހަމައަށް އޮންނަ ބުޅި އިސްތަށިގަނޑާއި އެ ދޮން މޫނުގެ ވައަތް ފަރާތު ލޮލާއި ކޯތާފަތް ގުޅުނު ހިސާބުގައިވާ ދެ ކަޅުތިލަ އަކީ ކީރާގެ ރީތިކަން އިތުރުކޮށްދޭ ދެ ކަމެވެ. އުޅުމުގައި މީހުންނާ ގުޅޭ މިޒާޖެއްގެ ޒުވާނެކެވެ. ޓީވީ ފަދަ ގިނަބައެއްގެ ސަމާލުކަން ލިބޭ ފަދަ މަސައްކަތެއް ކުރާތީ ރަނގަޅު ސިއްޙަތާއެކު ރީތިކޮށް ހުންނަން ކީރާ ވަރަށް މަސައްކަތް ކުރެއެވެ. އަބަދުވެސް އޭނާ ފެންނާނީ ވަރަށް ތާޒާކޮށެވެ. ލުއި މޭކަޕެއް ކޮށްފާ ހުއްޓާއެވެ.
އާތިޝް އޭނާގެ އޮފީހުން ވަކިވެ ރިޒްވާންގެ ވިޔަފާރިއާ ގުޅުނީއެވެ. ރިޒްވާނަކީ ދަރިއަކު ހުރި މީހަކަށް ނުވާތީ އޭނާ ޤަބޫލުކުރަނީ ސާއިރާގެ ދަރީންނަކީ އޭނާގެ ވެސް ދަރީން ކަމުގައެވެ. ސާއިރާ ގޮވައިގެން ދަތުރުމަތީގަ އުޅެން ޖެހޭތީ ވިޔަފާރިއަށް ދޭން ޖެހޭ ސަމާލުކަން ރިޒްވާން ބޭނުންވާ ވަރަށް ނުދެވެއެވެ. އާތިޝްއާ ވިޔަފާރީގެ ކަންކަން ހަވާލުކުރީ އެހެންވެއެވެ. އަމިއްލަ ބައްޕައަށްވުރެ ދޮންބައްޕަ ގާތްވެފައި ހެޔޮވީމަ އާތިޝް ވެސް ރިޒްވާނުގެ އެދުން ޤަބޫލުކުރީ ހެޔޮ ހިތުންނެވެ. އެ ހިތުން ރިޒްވާނަށް ބައްޕައެއްގެ މަޤާމު ވެސް ދެވިފާވާތީއެވެ. ހުރިހާ ކަމަކަށްވުރެ ބޮޑަށް އާތިޝްއަށް އޭނާގެ މަންމަގެ އުފާވެރިކަން މުހިންމެވެ. އެ އުފާވެރިކަން ގުޅިފައިވަނީ ރިޒްވާނާކަން ވަރަށް ކުރީން އާތިޝްއަށް އެނގިއްޖެއެވެ.
"މިއޮއްއައީނު..." ހުޅުވުނު ދޮރުން ހޭޒަލް އެތެރެއަށް ވަންތަން ފެނި ސާއިރާ ބުންޏެވެ. ހޭޒަލްގެ ފަހަތުން ލިއަމް ވަނެވެ.
"ޒެއްލު ކުރީން އަންނާނެނަމޭ މިކިޔަނީ" ކީރާ އިނދެފައި ބުންޏެވެ.
"މިއައީނު" ހޭޒަލް ނިކަން ބޮޑަށް ހިނިތުންވެލަމުން ބުންޏެވެ. އޭނާ ފުރަތަމަވެސް އައިސް ބައްދާލީ ސާއިރާގެ ގައިގައެވެ. އަދި ދުރަށް ޖެހިލައި މަންމައަށް އައިސްފައި ހުރި ބަދަލު ބަލާލިއެވެ.
"ވާއު މަންމާ... އިސްތަށިގަނޑު ކޮށާލީތަ؟... ނޮޓް ބޭޑް އިނގޭ، މަންމައާ ހުރިހާ ސްޓައިލެއް ވެސް ގުޅޭ، ދޯ ކީރާ... ޔޫ ލުކިން ސޯ ޔަންގް" ހޭޒަލް ބުންޏެވެ. އޭނާއާ ކީރާ ވެސް އެއްބައިވެލިއެވެ. ރިޒްވާނު ލާނެތް ހިނިގަނޑެއް ޖަހާލިއެވެ.
ސާއިރާގެ ކުކުޅުބިސް ބުރު ގޮތަށް ކުޑަކޮށް ދިގުކޮށް ހުންނަ މޫނާ ގުޅޭނޭހެން އޭނާގެ ފަން އިސްތަށިގަނޑު އޮތީ ކަންފަތުގެ ފޫޅާ ހަމައަށް ކޮށާލައި ކުލަ ޖައްސާލާފައެވެ. ޒުވާންކޮށް ހުންނަން މަސައްކަތްކުރާ ސާއިރާގެ ނަސީބު ވެސް ގަދައީއެވެ. އެ އުމުރުގެ އެހެން އަންހެނުންނާ ބަލާފައި އޭނާގެ ހަންގަނޑު އޮމާންވެފައި މުސްކުޅި ސިފައެއް އެއްގޮތަކަށް ވެސް ނުޖަހައެވެ. އެކަމުގެ ސިއްރަކީ އޭނާ ނަގާހާ ޓްރީމެންޓުތަކާއި ބޭނުންކުރާ އަގުބޮޑެތި ކްރީމްތައް ކަމަށް ވެސް ވެދާނެއެވެ. އެކަންތައްތަކަކީ ޢާއިލާގެ ހުރިހާ ކުދީންނަށް ވެސް އެނގޭ ކަންތައްތަކެވެ. ހޭޒަލްގެ ވާހަކަތަކުން ލިބުނު އުފަލާއެކު އަނެއްކާ ވެސް އޭނާގެ ގައިގާ ސާއިރާ ބައްދާލައިފިއެވެ. އަދި އޭނާގެ ގާތުގައި އިށީނުމަށް ތަންދެއްކިއެވެ. އެވަގުތު ސާއިރާގެ އަނެއްފަރާތުގައި މަޑުމަޑުން އިން އަމީރާގެ ކޮލުގައި ހޭޒަލް ހިފާލައިފިއެވެ.
"ޗަޝްމިޝް ކުއީން" އަމީރާއާ ލޯތްބާއެކު ދިމާކޮށްލަމުން ހޭޒަލް ބުނެލިއެވެ. ލޮލުގައި އަޅާފައިވާ ނަންބަރު އައިނު ރަނގަޅުކޮށްލަމުން އަމީރާ ދޫނެރިލާ ވައްތަރު ޖައްސާލިއެވެ. ލުއި ގޮތަކަށް ހޭޒަލް ހީނލީއެވެ.
"ލިއަމް... ކިހިނެއްތަ؟... ޖައްސާލާ މިތާ" އާތިޝް ގޮވާލިއެވެ. އަދި އެ ދެމީހުން އަތްޖަހާލައި ސަލާމްކޮށްލިއެވެ. އާތިޝްއާ ގާތަށް ކީރާ ޖެހިލުމުން އޭނާގެ އަނެއްފަރާތުގައި ލިއަމް އިށީނެވެ.
"ކޯޗެއްތަ ކާންހުރީ... އަނެއްކާ ކާނެ އެއްޗެއް އެބަހުރިތަ؟ ލިއަމް އޮފީހުން އައިއިރަށް އޭނާއަށް ކާން ވެސް ނުދީ އަވަހަށް މިއައީ" ހޭޒަލް ބުންޏެވެ.
"ދޮންބެ އެ އިންނީ ޕީޒާއަށް އޯޑަރު ދީގެން" ސާއިރާ ބުންޏެވެ.
"އޯ ސަޅި" ކުޑަކުއްޖަކު ފަދައިން އުފަލުން އަތްތިލަބަޑި ޖަހާލުމާއެކު ހޭޒަލް ބުންޏެވެ.
ސާއިރާގެ ވާހަކަތަށް ރަނގަޅަށް ފެށުނީ ހޭޒަލް އައީމައެވެ. ކުދީންނަށް ހަދިޔާ ގެނައިވާހަކަ ބުނުމުން ހޭޒަލް އިނީ އޭނާގެ ހަދިޔާ ހޯދާ ހިތުން ކެތްމަދުވެފައެވެ. ބައެއްފަހަރަށް އެތަނުގައި އިން ފަސް އަހަރުގެ އަމީރާއަށް ވުރެ ވެސް ހޭޒަލް ކުޑަހެން ހީވެއެވެ. އެހެންނަމަވެސް އޭނާއަކީ އެތަނުގައި ތިބި އެންމެންގެ ހިތުގެ ފިނިކަމެވެ. އެ މޫނުތަކުން ފާޅުވާ އުފާވެރި ހިނިތުންވުމުގެ އަސްލެވެ. ހޭޒަލް ގެއަށް ވަނީސުރެން ރިޒްވާނުގެ ނަޒަރު ފަރުވާތެރިކަމާއެކު އޭނާއަށް ހުއްޓިފައިވީކަމެއް ނުދެނަހުއްޓެވެ. ރިޒްވާން އިނީ އޭނާއަށް ހޭޒަލް ގޮވާލާތޯއެވެ. ނަމަވެސް އެވަގުތެއް ނައެވެ. އެހެންވިޔަސް ރިޒްވާން ހިމޭންކަން ޚިޔާރުކޮށް ހިނިތުންވެލައިގެން އިނީ ހިތުގައި ބުރަކަމެއް ނެތިއެވެ. އޭނާއަށް ހޭޒަލްގެ ގޮތް އެނގޭތީއެވެ.
"ކީރާ ދެތިންފޮތި ކާލިޔަސް ފަލައެއްނުވާނޭ" އެންމެ ޕީޒާ ފޮއްޗެއް ކާލުމަށްފަހު ކީރާ ނިންމާލިކަން އެނގިގެން ސާއިރާ ބުންޏެވެ.
"އަޅުގަނޑު ކީރާގެ ބައި ވެސް ކާލަފާނަން" ކަމުން ހޭޒަލް ވާހަކަދެއްކިއެވެ. އޭނާގެ ފުށުން މިހާރު ފެންނަ ސިފަތަކަކީ ހަމައެކަނި ސާއިރާގެ ގާތަށް އައުމުން ފާޅުވާ ސިފަތަކެކެވެ. އަމިއްލަ ޢާއިލާގެ ގާތަށް އާދެވުމުން އެލިބޭ އުފަލާއި ހިތްހަމަޖެހުން އެހެން ބައެއްގެ ގާތުން އިޙްސާސެއްނުވާނެއެވެ. ނަފްސަށް ލިބޭ މިނިވަންކަން ވެސް އެހެންބައެއްގެ ތެރޭ ކުޑަވާނެއެވެ. ގޯހެއް ހެދިދާނެތީ އަބުއިވެގެން އުޅޭކަށް ނުޖެހޭނެއެވެ. ހޭޒަލްއަށް ވެސް އެވަނީ އެހެންކަން ޔަގީނެވެ.
ކީރާ ދާންޖެހޭތީ އޭނާ އޮފީހަށް ލާފައި އަންނާނަން ކަމުގައި ބުނެ އާތިޝްއާއި ކީރާ ނުކުމެގެން ދިޔައެވެ. ލިއަމް ވެސް އެބައަންނަން ކަމުގައި ބުނެ ގޭގެ ބެލްކަންޏަށް ނުކުތެވެ. ހުސްވެފައި ހުރި ޕީޒާ ފޮށިތައް ހިފައިގެން ސާއިރާއާއެކު އަމީރާ ވެސް ހިނގައިގަތީ ބަދިގެ ފަރާތަށެވެ.
"ޒެލް ކިހިނެއްތަ؟" ރިޒްވާނު އަހާލިއެވެ.
"ރަނގަޅު" ކުޑަކޮށް ހިނިތުންވެލަމުން ހޭޒަލް ބުންޏެވެ.
"ޒެލްއަށް ޚާއްޞަ ޕްރެންޒެންޓެއް އޮންނާނެ ގެނެސްފަ، އަހަރެން ޚިޔާލު ދިނީމަ ޗޫޒް ކުރީ ސާއިރާ އިނގޭ" ރިޒްވާން ބުންޏެވެ. ހޭޒަލް ހަމައެކަނި ބޯޖަހާލީއެވެ. އެ ދެމެދުގައި އަދިވެސް ނޭނގޭ ދުރުކަމެއް އޮންނާތީ އެކަމުން ރިޒްވާނަށް އުނދަގޫވިއެވެ. އެ ބީރަށްޓެހިކަން ކަނޑުވާލަން ރިޒްވާން މަސައްކަތް ކުރި ނަމަވެސް ހޭޒަލް އެ ފުރުސަތު އޭނާއަށް ދޭން ބޭނުންނުވަނީކަން އޭނާއަށް ވެސް އެނގެއެވެ. މާގިނަ ވާހަކައެއް ދެމެދުގައި ނުދެކެވުނީ އެހެންވެއެވެ. ހޭޒަލް ވެސް ރިޒްވާނާއެކު ސިޓިންރޫމުގައި އެކަނި ނީންނަންވެގެން ސާއިރާމެންގެ ގާތަށް ބަދިއަށް ދިއުމަށް ދިޔައެވެ.
* * * * *
އެނބުރި އެޕާޓްމެންޓަށް ހޭޒަލްމެންގެ ދެމަފިރިން އައީ ސާއިރާއާއި ރިޒްވާން ދިން ހަދިޔާތައް ހިފައިގެންނެވެ. ރިޒްވާން ގެނެސްދިން ހަދިޔާއަކީ އެންމެފަހުގެ އެޕަލް ގަޑިއެކެވެ. ސާއިރާ ހުރީ ލިއަމްއާއި ހޭޒަލްއަށް ހަދިޔާ ގެނެސްދީފައެވެ. އެތަކެތި ގެނެސް ކޮޓަރިއަށް ލާފައި ހޭޒަލް ނުކުތީ ހެދުން ވެސް ބަދަލުކޮށްލައިގެންނެވެ. ޓީޝާޓުކޮޅަކާއި ސޯޓުބުރިއެއް ލައިގެންނެވެ.
"އޮފީހަށް ގޮސްލަން އެބަޖެހޭ" ސޯފާގައި ފޯނަށް ބަލަން އިނދެފައި އިސްއުފުލާލައި ލިއަމް ބުންޏެވެ.
"އެގާރަޖަހައިފިއެއްނު... ލަހެއްނޫންތަ؟" ގަޑިއަށް ބަލާލާފައި ހޭޒަލް ބުންޏެވެ.
"މިގަޑީގަ ވެސް އޮފީހުގަ މީހުން އުޅޭނު... ޑިއުޓީގަ ވެސް ތިބޭނެ، ކަމެއް ނިންމާލަން ހުރީމަ، އެކަންކޮށްލެވޭނީ ތަންކޮޅެއް ލަހުން ގޮސް، އެހެންވެ..." ލިއަމް ބުންޏެވެ.
"އޯކޭ... އެކަމަކު އެހާ ލަސްނުވައްޗޭ" ހޭޒަލް ބުންޏެވެ.
"ނުވާނެ ލަހެއް" ސޯފާއިން ތެދުވަމުން ލިއަމް ބުންޏެވެ.
"ކިހާއިރެއް" ހޭޒަލް އަހާލިއެވެ.
"ދެން އެހެންބުނާކަށް ނޭނގެ... އޮފީހަށް ދެވި މަސައްކަތްކުރަން ފެށީމަ އެނގޭނީ" ލިއަމް ބުންޏެވެ. ހޭޒަލް އިތުރަކަށް ވާހަކައެއް ނުދެއްކިއެވެ. ލިއަމްގެ ފަހަތުން ދޮރާ ހަމައަށް އައެވެ.
"ޒެއްލު ނިދިއައިސްފިއްޔާ ނިދާލާ އިނގޭ، ސޯފާގައެއްނޫން އޮންނާނީ، އަހަރެން އަންނާނަން ވަރަށް އަވަހަށް" ހޭޒަލްގެ އަތުގައި ހިފާލައި އޭނާގެ ތުންފަތުގައި އަވަސްގޮތަކަށް ބޮސްދީފައި ލިއަމް ބުންޏެވެ. އަދި ލިފްޓާ ދިމާއަށް އޭނާ ދިޔައެވެ. ހޭޒަލް އެޕާޓްމެންޓުގެ ދޮރު ލައްޕާލައި ތަޅުލިއެވެ. އަދި ސޯފާގައި އޭނާ އޮށޯވެލީ ޓީވީ ހުޅުވާލައިގެންނެވެ. ސޯޓުގެ ޖީބަށް ޖަހާލި ފޯނު ނަގައި ފޭސްބުކަށް ހޭޒަލް ވަނެވެ.
"ދާރިއަން..." މެސެންޖާއިން އައިސްފައި އޮތް މެސެޖު ބަލާލުމާއެކު ހޭޒަލް ހިނިތުންވެލިއެވެ.
"އަހަރެން ނުގުޅާތީ ޚަބަރެއްނުވާންތަ ތިހުންނަނީ" ދާރިއަން އަހާފައި އޮތެވެ. އޭނާއަށް އެ މެސެޖު އައިސްފައި އޮތީ ސާއިރާމެންގޭގައި އުޅެނިކޮށެވެ. ޢާއިލާގެ ކަންކަމުގައި ޝާމިލްވެފައި އިންވަރުން ހޭޒަލްގެ ސަމާލުކަން އޭރު ފޯނަށް ނުދެވުނީއެވެ.
"އަހަރެން ހަނދާންނެތުނީ... ސޮރީ" ހޭޒަލް މެސެޖު ފޮނުވާލިއެވެ. މެސެޖު ބަލައިފިކަން ހޭޒަލްއަށް ޔަގީންވުމުން ފޯނަށް ބަލަހައްޓައިގެން އޮވެވުނީ ދާރިއަންގެ ޖަވާބު އަންނާނެ ގޮތެއްގެ އިންތިޒާރުގައެވެ. ނަމަވެސް މެސެޖެއް ނައެވެ. ޓެލެގްރާމްއިން ފޯނުކޯލެއް އަންނަން ފެށިއެވެ. އެއާއެކު ވަގުތުން އެ ކޯލަށް ހޭޒަލް ޖަވާބުދިނެވެ.
"ނިދަންތަ ތިއުޅެނީ" ދާރިއަންގެ އަޑު ހޭޒަލްގެ ކަންފަތުގައި ޖެހުނެވެ.
"ނޫން، ހަމައޮތީ... ޓީވީ ބަލަން" ހޭޒަލް ބުނެލިއެވެ.
"އެހެންވީރު މިގުޅުނީ އުނދަގޫ ވަގުތެއްގައެއް ނޫން ދޯ" ދާރިއަން ބުންޏެވެ. ހޭޒަލް ހޫން ލައްވާލިއެވެ.
"ލެޓްސް މީޓް" ދާރިއަން ބުންޏެވެ.
"މިހާރު..." ހައިރާންކަމާއެކު ތަންކޮޅެއް ބާރަށް ހޭޒަލްއަށް އަހާލެވުނެވެ. އެއާއެކު ދާރިއަންގެ ހުނުމުގެ އަޑު އިވިގެންދިޔައެވެ.
"އަހަރެންނަށް ގަޑިންވީއިރު އެނގެޔޭ... ހޭޒަލް ގާތު މިކަހަލަ ވަގުތަކު މީޓުކުރާކަށް ނުބުނާނެއެއްނު" ދާރިއަން ބުންޏެވެ.
"އައި ނޯ... ދާރިއަން އެހެން މީންކޮށްފަނޫންކަން ބުނީ އެނގޭ، އެހެންވިޔަސް މަޖާކޮށްލީ... އަހަރެން ވެސް ދާރިއަންނޫންނަމަ މިވަގުތު ފޯނެއް ނުނަގާނަން، އައި ނޯ ޔޫ... ޔޫ އާ ޑިފަރެންޓް ފްރޮމް އަދާ މެން" ހޭޒަލް ބުންޏެވެ.
ގަޑިއެއްގެ އިރު ފޯނުގައި އޮވެވުނުކަން ހޭޒަލްއަށް ރެއަކާލީ ދާރިއަން ބުނީމައެވެ. އެހާ ލަސްގަޑިއެއްގައި ދާރިއަންނާ އެހާ ގިނައިރު ހޭޒަލް ފޯނުން ވާހަކަދެއްކި މީ ފުރަތަމަ ފަހަރެވެ. ހޭޒަލްގެ ޟަމީރު އެދުނީ އެ ފޯނުކޯލު އިތުރަށް ދިގު ނުކުރުމަށެވެ. އަދި ލިއަމްވީ ހިސާބެއް ބަލާލަން އޭނާއަށް ގުޅުމަށެވެ. އެހެންވެ ދާރިއަން ގާތު ނިދަންކަމަށް ބުނެ ހޭޒަލް ފޯނުކޯލު ކަނޑާލިއެވެ. އޭރު އެ ދެމީހުން ބައްދަލުވާނޭ ވަގުތަކާއި ތަނެއް ވަނީ ކަނޑައެޅިފައެވެ. ހޭޒަލް އަވަސް އަވަހަށް ލިއަމްގެ ނަންބަރަށް ގުޅާލިއެވެ. ފުރަތަމަ ގުޅުމުން ލިއަމް އެ ކޯލު ކަނޑާލީއެވެ. އިރުކޮޅަކު މަޑުކޮށްލާފައި ހޭޒަލް ގުޅިއެވެ. މިފަހަރު ލިއަމް ފޯނުނަގައި ނިކަން އަވަހަށް އިރުކޮޅަކުން މިދަނީ ކަމުގައި ބުނެފައި ކޯލު ކަނޑާލީއެވެ. ހޭޒަލްއަށް އެއްޗެކޭ ބުނަން ފުރުޞަތު ވެސް ނުދީއެވެ. ހަށިފުރާ ލީ ނޭވާއާއެކު ހޭޒަލް ސޯފާއިން ތެދުވިއެވެ. ޓީވީ ނިވާލާފައި އޭނާ އައިސް ވަނީ ކޮޓަރިއަށެވެ. ނިދަން ތައްޔާރުވެގެން އައިސް އެނދަށް އެރީ ލިއަމްއަށް މަޑުނުކޮށް ނިދާލާނީއޭ ގަސްދުކޮށްގެންނެވެ.
ނިދެމުންދިޔަ ހޭޒަލްއަށް ލިއަމް ކޮޓަރިއަށް ވަންކަން އެނގުނެވެ. ހޭޒަލްއަށް ބަލާލާ ނިދަނީ ތޯ ލިއަމް އަހާލިއެވެ. ހޭޒަލް އަނގައިން ނުބުނެ ލޯ މަރައިގެން އޮތް ގޮތަށް އޮތީއެވެ. ނިދިގެއްލި ދާނެތީ ލިއަމްއާ ވާހަކަދައްކަން އޭނާ ބޭނުންނުވީއެވެ. ލިއަމް ބޮކްސާ ކޮޅަށް ހަދާލުމުން އޭނާ ވެސް އެނދަށް އަރަންއުޅެނީ ކަމުގައި ހޭޒަލް ހީކުރިއެވެ. ނަމަވެސް ދެން އިވުނީ އަނެއްކާ ވެސް ކޮޓަރި ދޮރުހުޅުވުނު އަޑެވެ. ކުޑަކޮށް ލޯ ހުޅުވާލައި ހޭޒަލް ބަލާލިއިރު ލިއަމް ފޯނު ހިފައިގެން ކޮޓަރިން ނުކުންނަނީއެވެ.
"އެއޮތީވާ ފޯނެއް އޭނާއަށް ލިބިފަ" ހިތާހިތާ ކުދިކިޔާލަމުން ހޭޒަލް ލޯ މަރާލީއެވެ.
ފަތިހު ފަހެއް ޖަހަންވީއިރު ހޭޒަލް ހުރީ ހޭލައެވެ. ފާޚާނާއަށް ވަދެފައި ނުކުމެ އެނދުގައި އޮތް ލިއަމްއަށް ހޭޒަލް ބަލާލިއެވެ. އޭނާގެ މޫނަށް ނުތަނަސްވަކަމުގެ ހިޔަނި އެޅުނެވެ. ފަތިސް ނަމާދަށް އަރަން އޭނާ ތައްޔާރުވާއިރު ލިއަމްއަށް ގޮވާލިޔަސް އޭނާ ޖަވާބެއް ނުދޭނެކަން އެނގޭތީ އެކަމާ ހޭޒަލް ދެރަވެއެވެ. އޭނާއާއެކު ލިއަމް ވެސް ނަމާދުކޮށް ހަދަން ހޭޒަލް ބޭނުމެވެ. އެކަންކަމަށް ލިއަމް އެހާ ފަރުވާކުޑައީ ކީއްވެކަމެއް އެއްގޮތަކަށް ވެސް ހޭޒަލްއަކަށް ނޭނގެއެވެ. ހޭޒަލް ކުރާތީ ފެނިގެން ލިއަމް ކުރާ ހިތް ޖެހޭނަމަ މިހާރު ޖެހުނީސްކަން ހޭޒަލްއަށް އެނގެއެވެ. މާގިނައިން ހޭޒަލް ކިޔާނަމަ ލިއަމް ބުނަނީ އޭނާ ކުރަންވީމަ އެނގޭނީ އޭނާއަށް ކަމެވެ. އޭނާގެ އެ ހުންނަ ކޫސަނި ރުޅިއަކީ ވަރަށްފަހުން ހޭޒަލްއަށް ފާހަގަވި ކަމެކެވެ. މާގިނަ ސުވާލުކުރުމަކީ ލިއަމް ހިތްހަމަޖެހޭ ކަމަކަށްނުވަނީއެވެ. އެއްކަމެއްގައި އޭނާ ގާތު މާގިނައިން ކިޔުމުން ވެސް އޭނާ ރުޅިއަތުވެދާނެއެވެ. މުއްސަލަމަތީ ހޭޒަލް އައިސް ހުއްޓިލާފައި ނަމާދު ދޮޅި އަޅާލިއެވެ. އަދި ނަމާދަށް ފަށައިގަތުމުގެ ކުރީން ފަހު ފަހަރަށް އެނދުގައި އޮތް ލިއަމްއަށް ބަލާލިއެވެ.
ނަމާދުން ފައިބައިގެން ހޭޒަލް ކޮޓަރިން ނުކުތެވެ. ބަދިގެއަށް އައިސް ކޮފީއެއް ހަދައިގެން އައިސް ސިޓިންރޫމުގައި މަޑުކޮށްލީ ޓީވީ ބަލާލާށެވެ. އޭނާއަށް ދެން އޮންނާނީ ލިއަމް އޮފީހަށް ދާންވާއިރަށް ހެނދުނުގެ ސައި ތައްޔާރުކުރުމާއި ލިއަމްއަށް އޮފީސް ހެދުމެއް ތައްޔާރުކުރުމެވެ. އެކަން ކުރަން އަދި ވަރަށް ގިނަ ވަގުތު އެބައޮތެވެ.
* * * * *
"ސައެއްނުބޯނަން... އޮފީހަށް ގޮސް ގޮތެއް ހަދާލާނީ" އޮފީހަށް ދާން ތައްޔާރުވަމުން ލިއަމް ބުންޏެވެ.
"ލިއަމް ކުރިން ހޭލިނަމަ ސައިބޯން ވަގުތު ވެސް އޮތީހެއްނު" ސައިޑްޓޭބަލް މަތީ އޮތް ލިއަމްގެ ފޯނު ނަގަން ދިޔަ ހޭޒަލް ބުންޏެވެ.
"މީ ކޮން ދެ ފޯނެއް؟" ހޭޒަލްއަށް ލިއަމްގެ ފޯނާއެކު އިތުރު ފޯނެއް ފެނުމުން އަހާލިއެވެ.
"ތީ އޮފީސް ފޯނެއް... އޮފީސް ކަންތަކުގަ ގެންގުޅެން ދީފައޮތް ފޯނެއް، ތިވެސް ގެނޭ" ލިއަމް ބުންޏެވެ.
"އަވަހަށް ނިދީމަ ކުރިން ހޭލެވޭނެ" ހޭޒަލް ދެ ފޯނު ހިފައިގެން އެނބުރިލިއެވެ.
"ރޭގަ މަސައްކަތް ނިންމާފަ ގެއަށްދާން ނުކުތިން އަވަހަށް، އެކަމަކު އާމިރުމެން އުޅޭތީ އެމީހުން ކިޔާވަރުން ކޮފީއަކަށް އެރީ، އަސްލު ކޮފީ ބުއީމައޭ އެހާލަހުން ނިދުނީ" ހޭޒަލްގެ އަތުން ފޯނުތައް ނަގައި ޖީބަށް ލާފައި ލިއަމް ވާހަކަދައްކަމުން އައިސް ދޮރުކައިރީ ހުރި އޮފީސް ބޫޓަށް އެރިއެވެ.
"ދަނީ އިނގޭ... އޮފީހަށް ގޮސް ފްރީވީމަ ގުޅާލާނަން، ސައިބޮއްޗޭ" އަވަސް އަރުވާލާފައި ލިއަމް ބުންޏެވެ. އަދި ހޭޒަލްގެ ކޯތާފަތުގައި ފިރުމާލާފައި ނުކުމެގެން ހިނގައްޖެއެވެ.
އާދައިގެ މަތިން ލިއަމް އޮފީހަށް ގޮސް ހޭޒަލްއަށް ގުޅާނީ ހެނދުނު ނުވަގަނޑި ބައި ދިހައެއް ޖަހާލާހާއިރެވެ. މިއަދުވެސް ކަންތައްވީ އެހެންނެވެ. ލިއަމް ގުޅާލާފައި އޮފީސް އެކުވެރިންނާއެކު ސަޔަށް ދަނީކަމުގައި ބުންޏެވެ. އޭނާގެ ޚަބަރެއް ދެން ވާނީ މެންދުރު ފަހުއެވެ. އެކެއް ދޭއް ޖަހާލާއިރުއެވެ. އެ ކޯލުތަކަށް ހޭޒަލް ވަނީ އާދަވެފައެވެ. އުނިވެފައިވަނީ އެންމެ ކަމެކެއެވެ. ދޭތެރެއަކުން ލިއަމް ފޮނުވާ ލޯބީގެ މެސެޖުތަކެވެ. ފަހަރެއްގައި ދިރިއުޅުން އައިސްފައިވާ ހިސާބުގެ ސަބަބުން ލިއަމްއަށް އެ ބަދަލު އައީކަމުގައި ހޭޒަލްއަށް ހީވެއެވެ. އެ ދެމީހުންނަކީ ވެސް އެކަކުއަނެކަކުގެ ހައްޤެއްކަން ޔަގީންވާތީ ކަމަށް ވެދާނެއެވެ.
* * * * *
ހޭޒަލް ބޭރަށް ދާން އުޅޭ ވާހަކަ ބުނުމުން ލިއަމް އޮފީސް ނިންމާފަ އައިސް ގެއަށް ނުވަދެ ސައިކަލުގައި މަޑުކޮށްލައިގެން އިނެވެ. ހޭޒަލް އެކަނި ތަންތަނަށް ދާން ލިއަމް ބޭނުމެއްނުވެއެވެ. ދޮރޯށިން ހޭޒަލް ނުކުތުމާއެކު ސައިކަލުމަތީ މަޑު ނޫކުލައިގެ ގަމީހެއް ލައިގެން އިން ލިއަމް ފެނިއްޖެއެވެ. ފުޅާ ހިނިތުންވުމެއް ބަދަލުކޮށްލަމުން ހޭޒަލް އައިސް ސައިކަލު ފަހަތަށް އެރިއެވެ.
"އަހަރެން ގެއަށް އައިސް ޗޭންޖުކޮށްލައިގެން ބޭރަށް ދާނީ، ޒެއްލު ވެސް ތިދަނީ ކޮފީއަކައްނު، ނިންމާފަ ގުޅާ އިނގޭ، ދާނަން ބަލާ" ލިއަމް ބުންޏެވެ.
"ލިއަމް މީޓުނުކޮށްލާނަންތަ" ހޭޒަލް އެއްސެވެ.
"ދާރިއަން އެއީ ޒެއްލުގެ ފްރެންޑެއްނު.... އިޓް ވުޑް ބީ އޯކްވާޑް ދޯ... އައި ޑޯންޓް ވޯންޓް، ތި ދެމީހުން ކޮފީ ބޯލާ" ގަޔާނުވާކަން ދައްކާލަމުން ލިއަމް ބުންޏެވެ. ހޭޒަލް ޖަހާލީ ހިނިގަނޑެކެވެ. ލިއަމް ވެސް ހިނިތުންވެލިއެވެ.
* * * * *
ކޮފީ މޭޒުދޮށުގައި އިން ދާރިއަން ފޯނު ބޭއްވީ ހޭޒަލްއަށް އޭނާ ފެނިއްޖެކަން އެނގުމުންނެވެ. ހޭޒަލްގެ ސޫރައަށް ދާރިއަންއަށް އަވަސް ނަޒަރެއް ހިންގާލެވުނެވެ. އެއްފަރާތަކަށް ނިކަން ފާޑުވެރިކޮށް ހުޅިއެއް ހޭޒަލްގެ ދިގު އިސްތަށިގަނޑުން ހުޅިއެއް ޖަހާލައި ހުއްޓެވެ. ލުއި މޭކަޕުގައި ވަކިން ހޭޒަލްގެ މޫނު އަލިކަމަށް ދައްކައެވެ. އޭނާ ލައިގެން ހުރީ ފިޔާތޮށްޓާއި ދަނބުކުލަ އެއްވެފައި ހުރި ކަކުލާ ހަމައަށް އަރާ ގަމީހަކާއި ސްކްނީ ޖީންސެކެވެ. ހިނިތުންވެލައިގެން ހުރެ އައިސް ދާރިއަންއާ ކުރިމަތިވާހެން ހުރި ގޮނޑީގައި ހޭޒަލް އިށީނެވެ.
"ލަސްވިތަ؟" ހޭޒަލް އަހާލީ ލިއަމްގެ ކުރިމަތީ ކޮފީ ތަށްޓެއް ހުރީމައެވެ. ދާރިއަން ފަނޑު ހިނިތުންވުމަކާއެކު ދެފަރާތަށް ބޯހޫރާލިއެވެ.
"ކޯޗެއް ގެންނާނީ" ދާރިއަން އަހާލިއެވެ.
"ކޮފީއެއް އެކަނި" ހޭޒަލް ބުންޏެވެ.
"މިއަދު މިތާ ހާދަ މީހުންގިނައޭ ދޯ" ވަށައިގެން ނަޒަރި ހިންގާލަމުން ހޭޒަލް ބުންޏެވެ.
"އެހެންތަނަކަށް ދާންވީތަ؟" ދާރިއަން އަހާލީ ވަރަށް ސީރިއަސްވެފައެވެ.
"ސާބަސް، މީނަ ސީރިއަސްވާވަރުން ނޯންނާނެ އެއްޗެކޭ ބުނެވޭކަށް... މީ އަހަރެމެން އަބަދުވެސް އަންނަ ތަނެއްނު، މިހާ މީހުން ގިނައިރު އަހަރެން އަޖައިބުވީ މި މޭޒު ލިބުނީމަ... މިތަނަށް އަތުވެއްޖެއްޔާ އަހަރެމެން ތިބެނީ މި މޭޒުގައެއްނު" ހޭޒަލް ބުންޏެވެ.
"މިތާ މީހާއާ އަހަރެން ރައްޓެހިވާނެ، ތަންކޮޅެއް ކުރީން ގުޅާފަ ބުނިން މި މޭޒަށް ކޮފީއަކަށް އަރަން އެބަދަމޭ... ހުސްކޮށްދެއްޗޭ" ދާރިއަން ބުންޏެވެ.
"ބާރުގެ ބޭނުންކޮށްލީ" ހޭޒަލް ލޯ ބޮޑުކޮށްލަމުން އަހާލިއެވެ.
"އެއީ ބާރެއްނޫން... އެއީ އެކުވެރިކަން" ކުޑަކޮށް ހީނލަމުން ދާރިއަން ބުންޏެވެ.
"އޯކޭ..." ނޫން ގޮތަކަށް ހޭޒަލް ބުންޏެވެ. ދާރިއަން އެމީހުން ކައިރިން ދިޔަ ވެއިޓަރަކަށް ގޮވާލައި ގެނައެވެ. އަދި ހޭޒަލް ބޯނީ ކޮންކަހަލަ ކޮފީއެއްކަން އޭނާއަށް އެނގޭތީ އެއަށް އޯޑަރު ދިނެވެ. ވެއިޓަރު އޯޑާ ނަގައިގެން ދިއުމުން ދާރިއަންގެ ނަޒަރު އަނެއްކާ ވެސް ހޭޒަލްއަށް ހުއްޓުނެވެ.
"އަދިވެސް ގޭގަ ހުންނަނީތަ؟ މަސައްކަތެއް ކުރަންވީނު" ދާރިއަން ބުންޏެވެ.
"މިހާރު ދެން އޮފީހަކަށް ވަދެގެން ނޫޅެވޭނެ... މިގޮތަށް ގޭގަ ހުރެހުރެ އާދަވެއްޖެ" ހޭޒަލް ބުންޏެވެ.
"އޮފީހަށް ނުދިޔަޔަސް މަސައްކަތް ކުރެވޭނެ... ހޭޒަލްއަކީ ކިހާ ޓެލެންޓެޑް ކުއްޖެއްކަން އެނގޭ، އަހަރެން ޚިޔާލެއް ދެންތަ؟" ދާރިއަން ބުންޏެވެ.
"ހޫމް!... ޓެލް މީ" މޭޒުގައި ވިދެލި އަތުގައި ހޭޒަލް ދަތްދޮޅި އަޅުވާލައި ހިނިތުންވެލިއެވެ.
"ކްރާފްޓިން މަސައްކަތް އަލުން ފަށަންވީނު" ދާރިއަން ބުންޏެވެ. ހޭޒަލްއަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. ދަތްދޮޅިން އަތްނެއްޓި ދާރިއަންއަށް ބަލަން އިރުކޮޅަކު ހޭޒަލްއަށް އިނދެވުނެވެ. ދާރިއަން އެ ދައްކަނީ އެތައް އަހަރުތަކެއް ކުރީން ހޭޒަލް ކުރި މަސައްކަތެއްގެ ވާހަކައެވެ. ކުނިބުނި އެއްކޮށް އެއިން ބޭނުންހިފޭ ފަދަ ސާމާނު ހޭޒަލް ހަދާއުޅުނެވެ. އެކަމުގައި އޭނާގެ އުފެއްދުންތެރި ޚިޔާލު ފާހަގަކޮށްލެވެއެވެ.
"އެއީ އަހަރެން އެހާ ސީރިއަސްކޮށް ކުރިކަމެއް ނޫނޭ، އޭގެ ފަހުން މިހާރު ކިތައް އަހަރުމިވަނީ" ހޭޒަލް ބުންޏެވެ.
"ސްޓިލް ޔޫ ހޭވް ދި ޓެލެންޓް... އަހަރެން ހެލްޕްވާނަމޭ، ހޭޒަލްއަށް އެކަމުން އާމްދަނީއެއް ލިބޭގޮތް ވެސް ވެދާނު، އަނެއްކާ އަހަރެން މިދެނީ ހޭޒަލްގެ ހުރި ޓެލެންޓެއް ގިނަ ބަޔަކަށް ދައްކާލެވޭނޭ ކަހަލަ ފުރުޞަތެއް، ޓުއަރިސްޓުންގެ އިތުރުން ލޯކަލްސް ތެރޭ ވެސް މާކެޓު އޮންނާނެ" ދާރިއަންގެ އަޑުގައިވަނީ ސީރިއަސްކަމެވެ. އޭނާގެ ފަރާތުން އެފަދަ ހުށަހެޅުމެއް ލިބިދާނޭ ހޭޒަލް ހިތަކަށް ނާރައެވެ. އަދި މިނޫނީ އެފަދަ ވާހަކައެއް މީހަކު އޭނާ ގާތު ނުވެސް ދައްކައެވެ. ޚުދު ހޭޒަލް ވެސް އޭނާގެ އަމިއްލަ ހުނަރެއް ހުރިކަމެއް ޤަބޫލެއްނުކުރެއެވެ. "ކްރާފް" މަސައްކަތް ވިޔަފާރިއެއްގެ ގޮތުގައި ކުރުމުގެ ވިސްނުމެއް ވެސް ހޭޒަލްގެ ނެތެވެ.
"ހޭޒަލް... ސޭ ސަމްތިންގް... އަހަރެން އިންވެސް ކުރާނަން، މާކެޓް ވެސް ކުރާނަން، ޔޫ ޑޯންޓް ހޭވް ޓު ވޮރީ... ގެއްލުން ވިޔަސް ވާނީ އަހަރެންނަށް، އައި އޭމް ވިލިންގް ޓު ޓޭކް ދެޓް ރިސްކް، އެކަމަކު ފައިދާވާނަމަ، ވީ ވިލްބީ ޕާޓްނާސް... އެހެންވީމަ އޯކޭއެއްނު" ދާރިއަން އިތުރަށް އޮޅުންފިލުވައިދިނެވެ.
"ހަމަ ނޭނގިފަ މީނީ ބުނާނޭ އެއްޗެއް" ހޭޒަލް އިރުކޮޅަކު އިނދެފައި ވާހަކަދެއްކިއެވެ.
"ސޭ ޔެސް" ދާރިއަން ހިނިތުންވެލިއެވެ.
"ކިހިނެއް... ހާދަ ބޮޑުކަމެއްގެ ވާހަކައެކޭ ތިދައްކަނީ" ހޭޒަލް ބުންޏެވެ.
"ނޯ... އިޓްސް ވެރީ ސިމްޕަލް، ހޭޒަލްގެ އައިޑިއާޒް އަހަރެންނާ ޝެއާކުރާނީ، ދެމީހުން ތިބެގެން އޭތި ފައިނަލްކޮށް ހޭޒަލް މަސައްކަތް ފަށާނީ، އެކަމަށް ބޭނުންވާ އެއްޗެހި އަހަރެން ހޯދާނަން، ޔޫ ޖަސްޓް ގިވް މީ ދި ލިސްޓް، ސޯ ފައިނަލް ޕްރޮޑަކްޓް ލޯންޗު ކުރުމަކީ އަހަރެންގެ ރެސްޕޮންސިބިލިޓީއެއް... އެކަމާ ހޭޒަލް ހާސްވާކަށްނުޖެހޭނެ، އައި ހޭވް މައި ކޮންޓެކްޓްސް" ދާރިއަން ބުނެލީ ވަރަށް އާދައިގެ ގޮތަކަށެވެ. އެހެންނަމަވެސް ހޭޒަލްއަށް ދެފަރާތަށް ބޯހޫރުވާލެވުނެވެ.
"އެޓްލީސްޓް ތިންކް އަބައުޓް އިޓް... ޕްލީޒް..." ދާރިއަން އެދުނެވެ.
"އަހަރެން މިހާރު ބޭނުންވަނީ ލިއަމްއާ ވެސް ވާހަކަދައްކާފަ ޑިޒިޝައެއް މޭކްކުރަން" ހޭޒަލް ބުންޏެވެ.
"އޯކޭ... ބަޓް ޔޫ ޝުޑް ތިންކް އަބައުޓް ޔޯ ސެލްފް ޓޫ، ދިރިއުޅުމުގައި ބައެއްފަހަރު ސެލްޕިޝްވެލުމަކީ މައްސަލައެއްނޫން... މިކަމުން ހޭޒަލްއަށް ފައިދާކުރާނެ" ދާރިއަން ބުންޏެވެ.
(ނުނިމޭ)