ސިޔާސީ ޕާޓީތަކުގެ މުޒާހަރާގެ ބައިވެރިންނާއި ސަރުކާރު ވަޒީފާއާ ގުޅިގެން ދެއްކެވި ވާހަކަ ވަރަށް ގިނަ ބަޔަކަށް އޮޅިފައިވާ ކަމަށާއި އެ ކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސްގައި އިއްޔެ ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު ވިދާޅުވީ، މި ސަރުކާރު ގެނައުމަށް ތާއީދުކޮށް މަގުމަތީގައި މުޒާހަރާކޮށް ޕެޕަ ސުޕްރޭ ޖެހި، އަނިޔާވި ހުރިހާ ފަރާތްތަކަށް ސަރުކާރު ވަޒީފާ ހަމަޖައްސައިދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނުގެ މި ވާހަކަފުޅާ ގުޅިގެން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންނާއި ސަޕޯޓަރުން ގެންދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.
އެ ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ދެއްކެވި ވާހަކަތައް ވަރަށް ބޮޑަށް އޮޅިފައިވާ ކަމަށެވެ. އެމަނިކުފާނުގެ ނުކުތާއަކީ އެންމެންނަށް ސަރުކާރު ވަޒީފާ ހަމަޖެއްސުމަކީ ވާނެ ކަމެއް ނޫން ކަމަށާއި ވަޒީފާއެއް ހަމަޖެހެން ޖެހޭނީ ސިޔާސަތުތައް ހިންގައިގެން އުފެދޭ ދެމެހެއްޓެނިވި ވަޒީފާއެއް ކަމަށް ފާހަގަކުރެއްވި އެވެ.
"އިއްޔެ އަޅުގަނޑު ދެއްކި ވާހަކަ ވަނީ ވަރަށް ބޮޑަށް އޮޅިފައި. އަޅުގަނޑުގެ ބަހުރުވަ ހުރި ގޮތުން އޮޅުނު އޮޅުމެއް ކަމަށް ވަނީނަމަ ވަރަށް ބޮޑަށް މައާފަށް އެދެން،" ރައީސް ނަޝީދުގެ ޓްވީޓްގައިވެ އެވެ.
ނަޝީދުގެ ވާހަކައާ ގުޅިގެން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި އެމްޑީޕީގެ ސަޕޯޓަރުން ވަނީ އެ ވާހަކައަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެ ގޮތުން އެމްޑީޕީ މެންބަރުންނަށް ސަރުކާރު ވަޒީފާ ނުދޭ އަދި އަޅާ ނުލާ ވާހަކައިގެ އިތުރުން ކުރީ ސަރުކާރުގައި ވަޒީފާގައި ތިބި މީހުން ވަޒީފާގައި ތިބި ޝަކުވާ ވެސް ބޮޑެވެ. ވަކިން ބޮޑަށް ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުން ފާހަގަކުރެ އެވެ.