ސައުވީސް ގަޑިއރުގެ ދިގު ދަތުރަކަށް ފަހު ގައުމީ ފުޓްބޯޅަ ޓީމުން ގުއާމަށްހިނގައްޖެ އެވެ. އެހެން ނަމަވެސް ޓީމުގެ މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް) އާއި ގޯލްކީޕަރު ހުސައިން ޝަރީފް އަދިވެސް ހުރީ ލަންކާގަ އެވެ.
މާޒިޔާގެ މި ދެ ކުޅުންތެރިން ލަންކާގައި މަޑު ކުރީ އެ ދެ ކުޅުންތެރިންނަށް ވިސާ ހަމަ ނުޖެހޭތީ އެވެ. ގުއާމްއަށް ދިއުމަށް ޖަހަން ޖެހޭނީ އެމެރިކާގެ ވިސާ އެވެ. ގައުމީ ޓީމުގެ މެނޭޖަރު ޔާމީން އިބްރާހިމް ވިދާޅުވީ ޓީމުގެ އެހެން މެންބަރުން ގުއާމް އަށް ފުރާފައިވާ ކަމަށާއި ވިސާ އެޕޮއިންޓްމެންޓް ހުސައިން އާއި ނިހާޓް އަށް ހަމަޖެހިފައި ވަނީ މާދަމާ ކަމަށެވެ.
ގުއާމްގެ ވިސާ ގައުމީ ޓީމުން ޖަހަނީ ކޮލަމްބޯގައި ހުންނަ ރާއްޖެ އާއި ލަންކާއަށް ހާއްސަަ ކޮށްފައިވާ އެމްބަސީންނެވެ. ޔާމީން ވިދާޅުވީ ނިހާޓް އާއި ހުސައިންގެ ތަމްރީންތައް މެދު ކަނޑާނުލާނެ ކަމަށެވެ. އެގޮތުން ގައުމީ ޓީމުގެ ފިޓްނަސް ޓްރެއިނަރު މިރުކޯ ކްރުނިޗް ލަންކާގައި މަޑުކޮށްފައިވާ ކަމަށާއި އެ ދެކުޅުންތެރިންގެ ޓްރޭނިންތައް އޭނާގެ ބެލުމުގެ ދަށުން ލަންކާގައި ކުރިއަށް ދާނެ ކަމަށެވެ.
"މި ވަގުތު މިކޮޅުގައި [ކޮލަމްބޯ] ގައި މިތީބީ އަހަންނާއި ނިހާޓް އަދި ހުސައިންގެ އިތުރުން ކިޓް މެނޭޖަރާއި ފިޓްނަސް ޓްރޭނަރު،" ޔާމީން ވިދާޅުވި އެވެ. "ފިޓްނަސް ޓްރޭނަރުގެ ބެލުމުގެ ދަށުން އެ ދެ ކުޅުންތެރިންގެ ޓްރެއިނިންތައް މެދުކަނޑާ ނުލައި މިކޮޅުގައި ކުރިއަށް ދާނެ."
އޭނާ ވިދާޅުވީ މާދަމާ އެމްބަސީ ހުޅުވުމުން އެ ކުޅުންތެރިންނަށް ވިސާ ހަމަޖެހި ފުރޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ޓީމު ގުއާމަށް ގޮސްފައިވާއިރު ފައިނަލު ސްކޮޑުން ޓީސީގެ ޑިފެންޑަރު މުހައްމަދު އަޖުފާން އާއި ޔުނައިޓަޑް ވިކްޓަރީގެ ގޯލްކީޕަރު ތޮލާލް ހުސައިން (ޓޮޕްލެކް) ވަނީ ބާކީ ކޮށްފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހދ. ނޮޅިވަރަމްފަރުން ފުރައިގެން އެ އަތޮޅު ހަނިމާދޫއަށް ދަތުރު ކުރަނިކޮށް ބަނޑުންޖަހާލި ލޯންޗު ހާދިސާގައި މަރުވި ފަސް މީހުންގެ ތެރޭގައި ގައުމީ ޓީމުގެ އެޓޭކިން މިޑްފީލްޑާ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ގެ އާއިލީ ހަތަރު މެންބަރު ހިމެނުމުން އޭނާ ވަނީ ކޭމްޕް ދޫކޮށް ރާއްޖެ އައިސްފަ އެވެ.
މެނޭޖަރު ޔާމީން ވިދާޅުވީ، އާއިލާއާކު ހުރުމަށް އިއްބެއަށް ފުރުސަތު ދީފައިވާ ކަމަށެވެ.