ހަބަރު

ބޮޑެތި ވައްކަންތައްކޮށް ބޭރުގެ ޓެރަރިސްޓުންނަށް ފައިސާ ފޮނުވާ: މަރު ކޮމިޝަން

Sep 1, 2019

މާލޭގައި މިފަހުން ހިނގި ބޮޑެތި ވައްކަންތަކުގެ ފަހަތުގައި ތިބީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތެއްކަމަށް ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އެކުލަވާލައްވާފައިވާ ކޮމިޝަނުން މިއަދު ހާމަކޮށްފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް ހުސްނު ސުއޫދު ވިދާޅުވި ގޮތުގައި ރާއްޖޭގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަނީ ދީނީ ހަރުކަށި ފިކުރުގެ ދެ ޖަމާއަތެއް ކަމަށެވެ. އެއީ ސީރިއާގައި ހަރަކާތްތެރިވާ ޖަބާތު އަލް ނުސްރާ ގެ އިތުރުން އަބޫބަކުރު އަލް ބަގުދާދީ އިސްވެ އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ތައީދުކުރާ ބަޔެއް ކަމަށް ސުއޫދު ވިދާޅުވި އެވެ.

އެ ގޮތުން މިދިޔަ މާޗު މަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން މަޝްހޫރު ވިޔަފާރި ކުންފުނި ބީއެޗްއެމްގެ ފައިސާތަކެއް ފޭރިގަތުމުގެ ފަހަތުގައި ވެސް އޭގެ ތެރެއިން އެއް ޖަމާއަތެއްވާ ކަމަށް ސުއޫދު ހާމަކުރެއްވި އެވެ.

"މިފަހުން މާލޭގައި ހިނގި ބޮޑެތި ވައްކަންތައް ރާވާ ހިންގީ އެ މީހުން. އެނގިވަޑައިގަންނަވާނެ ބީއެޗްއެމްގެ ފައިސާތަކެއް އެސްބީއައީ ކައިރިން ފޭރިގަތް ވާހަކަ. އެކަން ވެސް ކޮށްފައިވަނީ އެމީހުން،" ސުއޫދު ވިދާޅުވި އެވެ.

ވައްކަން ކުރުމުގެ އިތުރުން، އެ ދެ ޖަމާއަތުން ފައިސާ ހޯދުމުގެ ގޮތުން ގިނަ ވިޔަފާރިތައް ކުރަމުންދާކަމަށްވެސް ސުއޫދު މިއަދު ވަނީ ހާމަކުރައްވައިފަ އެވެ. އެ ގޮތުން، ކަންނެލި ދޯނިތަކާއި، ފޮތި އަދި ތަރުކާރީ ފިހާރަތަކުގެ އިތުރުން ހޮޓާ ފަދަ ތަންތަން ހިންގައިގެން އެ ޖަމާއަތްތަކަށް ފަންޑު ހޯދާކަމަށް އޭނާ ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި، އެގޮތަށް ހޯދާ ފައިސާގެ ތެރެއިން ފަސް ބައި ކޮށްލާފަ އެއް ބައި، އެ ބަޔަކު ތާއީދުކުރާ ޖަމާއަތަކަށް ބޭރަށް ފޮނުވަމުންދާ ކަމަށާއި، އެކަން ކުރާ މީހާ ވެސް ކޮމިޝަނަށް ދެނެގަނެވިފައިވާ ކަމަށެވެ.

"ޖަބާތު އަލް ނުސްރާ އަށް ތާއީދުކުރާ ޖަމާއަތުގެ ފައިސާ ފޮނުވަނީ ސީރިއާއަށް. އަދި އައިއެސްގެ ފިކުރަށް ތާއީދުކުރާ މީހުން ލިބޭ ފައިސާގެ އެއްބައި ފޮނުވަނީ އިރާގަށް،" އޭނާ ވިދާޅުވި އެވެ. އެކަމުގައި ހަރަކާތްތެރިވާ އެންމެ އިސް މީހާ އުޅެނީ އައްޑޫގައި ކަމަށާއި، ނަމަވެސް ތަހުގީގު ކުރާތީ އެ މީހާގެ މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު އިތުރަށް ހާމަކުރެއްވި ގޮތުގައި ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރުމުގެ މަސައްކަތް މައިގަނޑު ގޮތެއްގައި ކުރަނީ ނޫރު މިސްކިތާއި ފުރުގާން މިސްކިތުގައި ކަމަށެވެ. އަދި އެކަން ކުރަން ޓާގެޓްކުރަނީ އެ ދެ މިސްކިތަށް ނަމާދަށް އަރާ އެކަހެރިކޮށްތިބޭ ޒުވާނުންނަށް ކަމަށާއި، އެފަދަ ޒުވާނުންނަށް އެހީތެރިވެދީ، ދީން އޮޅުންފިލުވައި ދިނުމުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރާކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

މިއަދު ކޮމިޝަނުން ބުނީ ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އިތުރުން މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދު މަރާލުމުގެ މައްސަލާގެ ފަހަތުގައި ވަނީ އޭގެ ތެެރެއިން އެއް ޖަމާއަތް ކަމަށެވެ. އަދި ހުޅުމާލޭން ކިޑްނެޕްކޮށްގެން، ޑިންގީއަކަށް އަރުވައިގެން ގެންގޮސް ފަހުން އެހެން އުޅަނދެއްގައި ގެންގޮސް އޭނާ މަރާލާފައިވާކަމަށް ތަހުގީގަށް ހެކި ލިބިފައިވާކަމަށް ސުއޫދު މިއަދު ވަނީ ހާމަކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ބޭއްވި ދީނީ މިނިވަންކަމަށް ގޮވާލި އެއްވުމުގައި ބައިވެރިވި މީހުންގެ ލިސްޓެއް އޮތް ކަމަށެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ދީނީ މިނިވަންކަމަށް ގޮވާލި މީހުންނަށް ހަމަލާ ދިން ބައެއް މީހުން، އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ދުވަހުގެ ހެނދުނު ގަތަރަށް ފުރައިގެން ދިޔަ ކަމަށާއި އޭގެ ފަހުން އެ މީހުން ސީރިއާ އަށް ގޮސްފައިވާ ކަމަށެވެ.

އަދި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލުމުގެ ކުރިން، ސީރިއާގައި ހަނގުރާމަކުރާ ދިވެހިންގެ ބަޔަކާ ރިލްވާނާ ފޭސްބުކް މެދުވެރިކޮށް ވާހަކަ ދައްކާފައިވާ ކަމަށާއި އެ ޖަމާއަތުން ރިލްވާނަށް އިންޒާރު ދީފައިވާ ކަމަށްވެސް ސުއޫދު ހާމަކުރެއްވި އެވެ.

އެހެންކަމުން އެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ބައެއް މީހުން ފުރުން މަނާކުރުމުގެ އަމުރަށް ކޯޓު އަމުރަށް ކޮމިޝަނުން އެދިފައިވާކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.