ރާއްޖޭގައި ހިނގާފައިވާ ބޮޑެތި މަރުތަކާ ގުޅޭގޮތުން އެކަމަށް ރައީސް އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަނުން އިއްޔެ އާންމުކުރި ކަންކަމާއި ގުޅިގެން ދައުވާ ކުރިއަށް ގެންދިއުން އަވަސް ކޮށްދިނުމަށް ސަރުކާރުގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިނގާފައިވާ ބޮޑު ތިން މަރާ ގުޅޭ ގޮތުން ގިނަ މައުލޫމާތުތަކެއް ހާމަކޮށްފަ އެވެ.
އެގޮތުން، އެ ކޮމިޝަނުގެ ރައީސް ހުސްނު ސުއޫދު ވިދާޅުވީ ގެއްލިފައިވާ އަހުމަދު ރިލްވާންގެ އިތުރުން މަރާލާފައިވާ ޔާމީން ރަޝީދާއި ޑރ. އަފްރާޝީމް އަލީ މަރާލުމުގެ ފަހަތުގައި ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް ކަމަށެވެ.
ސުއޫދު ވިދާޅުވި ގޮތުގައި ރާއްޖޭގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަނީ ދީނީ ހަރުކަށި ފިކުރުގެ ދެ ޖަމާއަތެއް ކަމަށެވެ. އެއީ ސީރިއާގައި ހަރަކާތްތެރިވާ ޖަބާތު އަލް ނުސްރާގެ އިތުރުން އަބޫބަކުރު އަލް ބަގުދާދީ އިސްވެ އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ތައީދުކުރާ ބައެއް ކަމަށް ސުއޫދު ވިދާޅުވި އެވެ.
އަދި ހުޅުމާލޭން ކިޑްނެޕްކޮށްގެން، ރިލްވާން ޑިންގީއަކަށް އަރުވައިގެން ގެންގޮސް ފަހުން އެހެން އުޅަނދެއްގައި ގެންގޮސް އޭނާ މަރާލާފައިވާކަމަށް ތަހުގީގަށް ހެކި ލިބިފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ސުއޫދު އިއްޔެ ހާމަކުރެއްވި ގޮތުގައި މާލޭގައި މިފަހުން ހިނގި ބޮޑެތި ވައްކަންތަކުގެ ފަހަތުގައި ވެސް ތިބީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކެވެ.
އެކަމާ ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުއޫދު އިސްވެ ހާމަކުރެއްވި މައުލޫމާތުތަކުގެ އަލީގައި ދައުވާ ކުރުން އަވަސް ކުރަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ދީނީ ހަރުކަށި ފިކުރުން ފެތުރުން ހުއްޓުވަންޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ރާއްޖޭގައި ވަކި ހިއްޕާލާފައިވާ އަނދިރި ދައުލަތް އެއްކޮށް ރޫޅާލަންޖެހޭ. މޯލްޑިވްސް ޕޮލިސް ސާވިސް އެ މުއައްސަސާގެ ފުރިހަމަ ދައުރު އަދާ ކުރަންޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެގޮތަށް ގޮވާލެއްވިއިރު، މަރުތަކުގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ބައެއް މީހުން ފުރުން މަނާ ކުރަން ކޯޓު އަމުރަށް ކޮމިޝަނުން އެދިފައިވާކަމަށް ސުއޫދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.