އަހްމަދު ރިލްވާންގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރި ރިޕޯޓްގައި ސިއްރު ހެކިންގެ މައުލޫމާތު ހާމަކޮށްފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު މަޖިލީހުގެ ރައީސް ނަޝީދަށް ވަނީ ރިލްވާންގެ މައްސަލައިގެ ތަފުސީލީ ރިޕޯޓެއް އަރުވާފަ އެވެ. އަދި ރައީސް ނަޝީދު ވަނީ އެ ރިޕޯޓް ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ ހިއްސާ ކުރެއްވުމަށްފަހު ރިޕޯޓްގައި ސިއްރު ހިމެނޭ ކަމަށް ބުނެ ރިޕޯޓް އަނބުރާ ހޯއްދާފަ އެވެ. ފަހުން މަޖިލީހާ ހިއްސާ ކުރީ ހުލާސާ ރިޕޯޓެކެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި އަތުލި ރިޕޯޓްގައި ސިއްރު ހެކިންގެ މައުލޫމާތު ހިމެނެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ކޮމިޝަނުން އެ މަނިކުފާނާ ހިއްސާ ކުރެއްވި ތަފުސީލީ ރިޕޯޓްގައި ސިއްރު ހެކިންގެ ވަނަވަރާއި މަައުލޫމާތު ފެންނާކަށް ނެތެވެ. އެ މަނިކުފާނަށް ވެސް އެ މައުލޫމާތު އެނގިވަޑައެއް ނުގަންނަވަ އެވެ.
"ސިއްރު ހެކިންގެ ނަންތައް ހުލާސާ ރިޕޯޓަކު ވެސް އަދި ޖުމުލަ ރިޕޯޓަކު ވެސް ހާމަކޮށްފައެއް ނެތް، އެ ރިޕޯޓްގައި އޮތީ ވެސް ސިއްރު ހެކި 1، ސިއްރު ހެކި 2، މިފަދަ ގޮތަކަށް... އެހެން ކަމުން ސިއްރު ހެކިން އަޅުގަނޑަށް ވެސް ނޭނގޭ،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވަނީ ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންގެ އަތުން ތަފުސީލު ރިޕޯޓް އަތުލި ކަމަށް ދެކެވޭ ވާހަކަ ވެސް ދޮގު ކުރައްވާފަ އެވެ. ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ލީޑަރެއްގެ އަތްޕުޅަށް ރިޕޯޓް ދެއްވުމަށް ފަހު، އަނބުރާ އަތުލުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑު ދިން ރިޕޯޓު އެއްވެސް ހާލެއްގައި ތިއިން ބޭފުޅުން އަތުން އަތުލަން ނުވެސް ވިސްނަން. ނުވެސް ވިސްނާނަން. ރިޕޯޓުގެ ހުލާސާ ރިޕޯޓެއް އާންމު ކުރުމާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެ ރިޕޯޓުގެ ތަފުސީލުތައް އާންމު ނުކުރައްވާނެ ކަމަށް އަޅުގަނޑަށް އެއްވެސް ހާލެއްގައި ޝައްކެއް ނުހިނގާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރިލްވާންގެ ރިޕޯޓްގެ ތަފުސީލުތައް ސިއްރެއްގެ ގޮތުގައި ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުން ހިފަހައްޓާނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ރައީސް ނަޝީދު ވަނީ މީގެ ކުރިން ވެސް ވިދާޅުވެފަ އެވެ. ނަމަވެސް ރިލްވާންގެ މައްސަލައިގެ ތަފުސީލީ ރިޕޯޓް ޕާޓީތަކުގެ ލީޑަރުންނާ ހިއްސާ ކުރެއްވުމުން ބައެއް މީހުންގެ ފާޑުކިޔުންތައް އެ ކަމަށް އަމާޒުވި އެވެ.
ރިލްވާންގެ ރިޕޯޓްގެ ހުލާސާ ރިޕޯޓެއް މަޖިލީހުގައި އެޖެންޑާކޮށް އެ ރިޕޯޓަށް މެންބަރުން ވަނީ ބަހުސް ކޮށްފަ އެވެ. ބެލެވޭ ގޮތުގައި މިއަދުގެ ޖަލްސާގައި އެ ރިޕޯޓް ކޮމިޓީއަށް ފޮނުވުމާ ގުޅޭ ގޮތުން ވޯޓަށް އަހާނެ އެވެ. އަދި އެ ރިޕޯޓް އިތުރަށް ދިރާސާ ކުރަން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވަން ފާސް ކުރުމުން މަޖިލިސް ޗުއްޓީގެ ތެރޭގައި އެ ކޮމިޓީން އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.