ރައީސް މުހައްމަދު ނަޝީދު

"ލީޑަރުން ރިލްވާންގެ ރިޕޯޓްގެ ސިއްރު ހިފަހައްޓާނެ"

ރިޔާސީ ކޮމިޝަނުން ހިއްސާ ކުރި، އަހުމަދު ރިލްވާންގެ މަރާ ގުޅޭ ރިޕޯޓުގައިވާ ސިއްރުތައް ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުން ހިފަހައްޓަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަރުތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު އިއްޔެ ވަނީ ރައީސް ނަޝީދަށް ރިލްވާންގެ މައްސަލައިގެ ރިޕޯޓް އަރުވާފަ އެވެ. އަދި ނަޝީދު ވަނީ އެ ރިޕޯޓްގެ ކޮޕީއެއް މަޖިލީހުގެ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނަށް ވެސް އަރުވާފަ އެވެ.

އޭގެ ފަހުން ލީޑަރުން ވަނީ އެ ރިޕޯޓް އަނބުރާ މަޖިލީހުގެ އިދާރާއާ ހަވާލު ކޮށްފަ އެވެ. އަވަސްއަށް އެނގިފައިވާ ގޮތުގައި ނަޝީދު ފުރަތަމަ ހިއްސާ ކުރެއްވި ރިޕޯޓްގައި ކޮމިޝަނަށް ހެކިބަސް ދިން ސިއްރު ހެކިވެރިންގެ މައުލޫމާތުތައް ވެސް ހިމެނެ އެވެ. އެހެންވެ ފަހުން ޕީޖީ ލީޑަރުން އެ ރިޕޯޓް އަނބުރާ ހަވާލު ކުރެއްވީ އެވެ. އަދި އޭގެ ފަހުން މަޖިލީހުން ވަނީ ރިޕޯޓްގެ ހުލާސާއެއް އާންމު ކޮށްފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިއްޔެ މަޖިލީހަށް ވަޑައިގެން ސުއޫދު އެ ރިޕޯޓް ހިއްސާ ކުރެއްވުމުން ދެން އެ ރިޕޯޓާ ގުޅޭ ގޮތުން މަޖިލީހުން އަމަލު ކުރަންވީ ގޮތަކާ މެދު ހިޔާލު ހޯއްދެވި ކަމަށެވެ. އެ ގޮތުން ސުއޫދު އެދިވަޑައިގަތީ އެ ކަމުގައި ބަހުސެއް ކުރިއަށް ގެންދެވުމަށެވެ.

"ކޮމިޝަންގެ ރައީސް އެދިވަޑައިގަންނަވަނީ މި ކަމުގައި ބަހުސެއް ކުރިއަށް ގެންދިއުމަށް. އަޅުގަނޑު ދެންނެވި މި ރިޕޯޓު 87 މެންބަރުންނަށް ފެންނަ ގޮތަށް ދޫކުރެވޭނެ ކަމަށް، ވިދާޅުވި އާނއެކޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީޝް ނަޝީދު ވިދާޅުވީ ބަހުސް ކުރިއަށް ގެންދިއުމާގުޅޭ ގޮތުން މަޝްވަރާ ކުރަން ލީޑަރުންނާ ވާހަކަ ދެކެވުނު ފަހުން މުޅި ތަފުސީލީ ރިޕޯޓް މި ވަގުތަށް އެޖެންޑާ ކުރުން ރަނގަޅު ނޫން ކަމަށް ފެނި ހުލާސާ ރިޕޯޓެއް އެޖެންޑާ ކުރަން ސުއޫދު އެދިވަޑައިގަތް ކަމަށެވެ.

"އަޅުގަނޑު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ދީފައިވާ ރިޕޯޓުގެ ސިއްރު. އެ ލީޑަރުން ހިފަހައްޓަވާނެ ކަމީ އަޅުގަނޑުގެ ހިތުގައި ކުޑަކޮށް ވެސް ޝައްކު ހިނގާ ކަމެއް ނޫން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގެ ރިޔާސީ ކޮމިޝަންތަކުގެ ރިޕޯޓަކީ ތަހުގީގު ނިމުމުން އާންމު ކުރާ ރިޕޯޓެކެވެ. ނަމަވެސް ރިލްވާންގެ މައްސަލައިގެ މުޅި ރިޕޯޓު މި ވަގުތަށް ހާމަ ކުރުން އެންމެ ރަނގަޅު ނޫން ކަމަށް ގިނަ ގާނޫނީ ވަކީލުންނާއި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މެންބަރުން ވެސް އެދިވަޑައިގަންނަވަ އެވެ.

"މި ރިޕޯޓް އާންމު ކުރުމުން އަސަރުކޮށް އެންމެ ހިތާމަ ކުރާނެ އެއް ބަޔަކީ ރިލްވާންގެ އާއިލާ. އޭނާގެ މަންމައާއި ބައްޕަ. ރިލްވާންގެ ގާތް ރަހުމަތްތެރީން،"