އަފްރާޝީމް ރިޕޯޓް

ރިޕޯޓް ފުރިހަމަ ވާނެ، ހެކިވެސް ހުންނާނެ: ސުއޫދު

މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމް އަލީގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނަކީ ކޮން ބައެއް ކަން ސާފުވާ މިންވަރަށް، މަރުތައް ތަހުގީގު ކުރާ ކޮމިޝަންނުން ތައްޔާރުކުރި ރިޕޯޓްގައި ހެކިތައް ބަޔާން ކުރެވިފައިވާނެ ކަމަށް އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު މިއަދު ކުރެއްވި ޓްވީޓެެއްގައި ވިދާޅުވީ ޑރ. އަފްރާޝީމް އަވަހާރަ ކުރުމަށް ރޭވީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތުން ކަމަށާއި އެ ކަން ކުރަން ބޭނުންވި ސަބަބާއި އެ ކަން ކުރުމަށް އެ ފަރާތްތަކުން ހަވާލު ކުރީ އެ ފިކުރުގެ ޖަމާއަތާ ގުޅިފައި އޮތް ޖިނާއީ ކުށް ކުރާ ގޭންގްއަކާ ކަން ކޮމިޝަންގެ ރިޕޯޓުން ސާފުވާ ކަމަށެވެ.

އެ ގޮތުން ހަރުކަށި ފިކުރުމުގެ އިސްވެރިންނަކީ ކޮން ބައެއްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ރިޕޯޓްގައިވާ ތިން ހެކިންގެ ހެކި ބަހުން ސާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ވޭތުވެދިޔަ ހަތް އަހަރު ދިވެހި ފުލުހުންނާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން އެއްކޮށްފައިވާ މައުލޫމާތުތަކުން ވެސް އެނގޭނެ ކަމަށެވެ.

"ވީމާ މަރު ކޮމިޝަންގެ ތަހުގީގު ފުރިހަމަ ނޫން ކަމަށް ބުނާނެ ތަނެއް ނެތް،" ސުއޫދުގެ ޓްވީޓްގައިވެ އެވެ.

ދީނީ އިލްމުވެރިޔާ އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި އޭގައި ބައިވެރިވި މީހުން ކޮމިޝަންގެ ރިޕޯޓުން އެނގޭނެ ކަމަށް ސުއޫދު ވިދާޅުވެފައި ވަނީ، އެ މައްސަލާގައި ހައްޔަރު ކުރަންވީ ފަރާތްތަކެއް ކޮމިޝަނަކަށް ބުނެދެވިފައިނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައި ވަނިކޮށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، މަރު ކޮމިޝަންގެ ރިޕޯޓަށް ލިބިފައިވާ ހެކިތަކާއި ބަޔާންތަކުގެ އަލީގައި ވަގުތުން ވަގުތަށް ހައްޔަރުކޮށް ދައުވާ ކުރެވޭ މީހަކު ނުވަތަ ބަޔަކު ތިބިތޯ ބެލުމަށް ކޮމިޝަންގެ މެންބަރުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި ފުލުހުންގެ އިސްވެރިންނާއެކު ދެ ފަހަރެއްގެ މަތިން ބައްދަލުކުރެއްވި ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް ހައްޔަރުކުރާނެ ބަޔަކު ނުދެއްކޭ ކަމަށް އިމްރާން ވިދާޅުވި އެވެ.

އަފްރަޝީމްގެ ގަތުލުމުގައި ބައިވެރިވި މީހުން ސާފުކޮށް އެނގޭނެ ވަރަށް ރިޕޯޓްގައި ހެކި ހުންނާނެ ކަމަށް ސުއޫދު ވިދާޅުވިއިރު، ކޮމިޝަނުން ތަހުގީގު ކުރުމަށް ހަވާލުކޮށްފައިވާ މައްސަލަތަކުގައި ހައްޔަރު ކުރުމަށް އެދި އަދި ދައުވާ ކުރުމަށް އެދި ސީދާ ކޮމިޝަނުން ފޮނުވުމުގެ ބާރު ވަނީ މަޖިލީހުން ފާސްކުރި ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުން ކޮމިޝަނަށް ދީފަ އެވެ.

ނަމަވެސް އެ މައްސަލާގައި އެއްވެސް ބަޔަކަށް މިހާތަނަށް ހައްޔަރުކޮށް ދައުވާ ކުރުމަށް އެދި ޕީޖީއަށް ފޮނުވާފައެއް ނެތެވެ. އަދި އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ހަރުކަށި ފިކުރުގެ ޖަމާއަތުގެ އިސް މީހުންގެ ތެރެއިން ބައެއް މީހުން ދުނިޔޭގައި ނެތްއިރު، އެއް ބަޔަކު ތިބީ ސީރިއާއަަށް ގޮސް ތިބި މީހުނެވެ.

އަފްރާޝީމްގެ ގަތުލު ތަހުގީގުކޮށް މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓްގައިވާ ގޮތުން އޭނާ ގަތުލުކުރީ ދީނީ ގޮތުން އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ދީނީ ހަރުކަށި ޖަމާއަތަކުންނެވެ. އެކަމަކު ސުވާލު އުފެދޭ ގިނަ ކަންކަން ހިމެނޭ ކަމަށް ބުނެ އަފްރާޝީމްގެ އާއިލާއިން ވަނީ ރިޕޯޓް ބަލައިގަންނަން ދެކޮޅު ހަދައިފަ އެވެ.