އަފްރާޝީމް ރިޕޯޓް

ކޮމިޓީގެ ފައިނަލް ރިޕޯޓްގައި ޝާންގެ ނަން ހިމަނައިފި

Nov 22, 2019

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުހައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ، ހ. ހިކޯސްޓާ އަލީ ޝާން (ސަޓޯ) ގެ ނަން ނުހިމަނައި 241 ކޮމިޓީގެ ސަބް ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަދަލެއް ގެނެސް މައި ކޮމިޓީގެ ފައިނަލް ރިޕޯޓްގައި އޭނާގެ ނަން ހިމަނައިގެން ފާސްކޮށްފި އެވެ.

އޮކްޓޯބަރު 2، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ތައްޔާރު ކުރި ރިޕޯޓުގައިވާ ގޮތުން ހ. ލޮބީ ހުސައިން ހުމާމް އަހުމަދުއާއެކު އަފްރާޝީމް ގެއަށް ގޮސް އޭނާގެ ހަށިކޮޅަށް ސީދާ ހަމަލާ ދިން މީހުންގެ ތެރޭގައި ޝާން ހިމެނެ އެވެ. އަދި އެ ހަމަލާ ރާވައި އެކަން ކުރި މީހުންގެ ތެރެއިން އެންމެ އިސް އެކަކީ ވެސް ޝާން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ނަމަވެސް އެ ރިޕޯޓް ދިރާސާ ކުރުމަށްޓަކައި ސަލަމާތި ހިދުމަތްތަކާބެހޭ 241 ކޮމިޓީގެ ތެރެއިން ނެގި ސަބް ކޮމިޓީގެ ރިޕޯޓުން ޝާންގެ ނަން އޮތީ އުނިކޮށްފަ އެވެ. އެ ކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށާއި މަޖިލީހަށް އަމާޒުވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް، އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ހިމެނޭ ސަބް ކޮމިޓީގެ ރިޕޯޓް މައި ކޮމިޓީއަށް ގެންގޮސް މައި ކޮމިޓީން ރިޕޯޓް ފައިނަލްކޮށް ފާސް ކުރިއިރު އޭގައި ޝާންގެ ނަން ވެސް ހިމެނެ އެވެ. ރިޕޯޓް ފާސްކުރި ބައްދަލުވުން ގެންދިޔައީ ސިއްރުންނެވެ.

އޭގެ ފަހުން ރޭ ހުޅުވާލައިގެން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ އަފްރާޝީމްގެ ރިޕޯޓާ ގުޅިގެން ސަބް ކޮމިޓީން ދިރާސާ ކުރުމަށް މައި ކޮމިޓީން ހަވާލުކުރި ހަތް ކަމުގެ ތެރޭގައި އެ ކަމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ ލިސްޓް އެކުލަވާލުން ނުހިިމެނޭ ކަމަށެވެ. އެހެންވިޔަސް އެ ފަދަ ޖިނާއީ ކުށްތަކުގައި ބައިވެރިވި މީހުނަށް އަވަސް ފިޔަވަޅު އެޅުމަކީ ސަބް ކޮމިޓީގެ ފުރަތަމަ ރެކޮމެންޑޭޝަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަނޑައެޅިގެން ޖިނާއީ ކުށެއް ކުރި ކަމަށް ފާހަގަ ކުރެވިފައި އޮތް މީހަކަށް ވެއްޖިއްޔާ، އަދި ރިޕޯޓްގައި ވަކި ވަކި މީހެއްގެ ނަން ފާހަގަކޮށްފައި ނެތަސް، އަޅުގަނޑުމެންގެ ރެކޮމެންޑޭޝަނަކަށް އޮންނާނީ އެ ފަރާތަކާ ދޭތެރޭގައި އަޅަން ޖެހޭ ފިޔަވަޅެއް ލަސްނުކޮށް އެޅުމަށް،" ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި މައި ކޮމިޓީން ނިންމީ ޝާންގެ ނަން ވެސް ހިމެނޭ ގޮތަށް އަފްރާޝީމްގެ ގަތުލުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ ނަންތައް ހިމަނައިގެން ކޮމިޓީގެ ފައިނަލް ރިޕޯޓް ފާސްކުރުމަށެވެ.

މި ސަރުކާރު އައުމާ އެކު ޝާން އަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓަޑް އިން ވަޒީފާ ހަމަޖެހުނެވެ. އެތަނުގައި އޭނާ ކުރީ ތިލަފުށީގެ ސުޕަވައިޒަރެއްގެ މަގާމެވެ. ނަމަވެސް އަފްރާޝީމްގެ މަރުގެ ރިޕޯޓު މުއައްސަސާތަކަށް ފޮނުވިއިރު، ރިޕޯޓްގައި ވެސް އޭނާއަށް ތުހުމަތު ކުރެވުމުން، އޭނާ މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އަފްރާޝީމްގެ މަރުގެ މައްސަލާގައި ދައުލަތުން މީގެ ކުރިން ވެސް ޝާންގެ މައްޗަށް ދައުވާ ކުރި އެވެ. އެކަމަކު އެކަށީގެންވާ ނެތިގެން ދައުވާ ސާބިތުނުވެ އޭނަ މިނިވަންވި އެވެ. އޭގެ ފަހުން މިދިޔަ ސަރުކާރުގައި އޭނާގެ ފައިގައި ޓެގު ވެސް އެޅުވި އެވެ. އެކަމަކު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޕްރެޝަރާއެކު އޭނާގެ ފައިން ޓެގު ނެގި އެވެ. އެކަން ކުރީ ހޯމް މިނިސްޓަރަށް އޮތް ބާރުތައް ވެސް އަތުލުމަށް ފަހުގަ އެވެ.