ހަބަރު

ހާޝިމަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް، ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް އައްޔަން ކުރަން ރުހުން ދިނުމަށް ރަައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އަލީ ހާޝިމް ހާޒިރުކޮށް އިންޓަވިއު ކުރި އެވެ. ހާޝިމް އިންޓަވިއު ކުރުމަށްފަހު، އޭނާއަށް ރުހުން ދިނުމަށް މާލިއްޔަތު ކޮމިޓީން ފާސްކުރީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ހުސްވެފައިވާ އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް ހާޝިމް އައްޔަން ކުރަން ކޮމިޓީން ފާސްކުރި ނަމަވެސް އޭނާ އައްޔަން ކުރަން މަޖިލީހުން ރުހުން ދިނުމާ ގުޅޭ ގޮތުން ތަޅުމުގައި ވޯޓަށް އަހަން ޖެހެ އެވެ. އެ މަގާމަށް ހާޝިމް އައްޔަން ކުރާނީ މަޖިލީހުގެ ޖަލްސާއެއްގައި ނަގާ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ކަމަށް ރުހުން ދީފި ނަމަ އެވެ.

ހާޝިމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރެވެ. އޭނާ އެ މަގާމު އަދާކުރެއްވީ 2008 ވަނަ އަހަރުން 2010 ވަނަ އަހަރަށެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު ނަސީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަސީރު ގަވަރުނަރުގެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އޭނާއަސް ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށެވެ.

އެ ގޮތުން މަނީ ލޯންޑަރިންގެ މައްސަލަތައް ބަލަން އެމްއެމްއޭގެ ދަށުން އުފައްދާފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފު ވަނީ އެ ޔުނިޓުގެ މަސައްކަތަށް ނަސީރު ނުފޫޒު ފޯރުވަން އުޅުއްވި ކަމަށް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި ތުހުމަތުކޮށްފަ އެވެ.