އިންޝުއަރެންސްގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ބިލް ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފި އެވެ.
މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު (ޓޮމް) މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް ބަލައިގަތުމަށް ފާސްކޮށްފައިވަނީ 77 މެމްބަރުންގެ އިއްތިފާގުންނެވެ.
ތޯރިގު ވިދާޅުވީ މި ބިލަކީ ހަރުދަނާ ގޮތެއްގައި އިންޝުއަރެންސްގެ ހިދުމަތް ދިނުމަށްޓަކައި އުސޫލުތަކެއް ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެެވެ.
ބިލްގައިވާ ގޮތުން ދޮގު މައުލޫމާތު ބޭނުންކޮށްގެން ނުވަތަ އޮޅުވާލައިގެން އިންޝުއަރެންސްގެ މަންފާ ހޯދާ މީހުންނާއި، ހޯދަން އުޅޭ މީހުން އެއްލައްކަ ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާ ދޭތެރޭގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
މިފަދައިން ޖޫރިމަނާ ކުރުމުގެ ބާރު ލިބެނީ ރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އަށެވެ.
ބިލުގައިވާ ގޮތުން އިންޝުއަރެންސްގެ ވިޔަފާރި ރާއްޖޭގައި ކުރެވޭނީ އެމްއެމްއޭ އިން ދޭ ހާއްސަ ލައިސެންސެއް ބޭނުންކޮށްގެން ކަމަށެވެ. އަދި ލައިސެންސް ނެތި މި ވިޔަފާރި ކުރުމާއި އެހެން ގައުމެއްގެ އިންޝުއަރެންސް ރެގިއުލޭޓް ކުރާ ފަރާތަކުން ދޫކުރާ ރީއިންޝުއަރެންސް ކުންފުންޏަކުން ހިދުމަތް ދިނުމަކީ ވެސް މަނާ ކަމެކެވެ.
ބިލް ތަސްދީގުކޮށްފިނަމަ މިއީ ރާއްޖޭގައި އިންޝުއަރެންސްގެ ގާނޫނެއް ހެދޭ ފުަރަތަމަ ފަހަރަށް ވެގެންދާނެ އެވެ.