ހަބަރު

ސަމިޓްގެ ބައިވެރިންނަށް ދިން ފަރިއްކޮޅުގައި ރައީސް ބައިވެރިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ދެކުނު އޭޝިއާގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސުންގެ ސަމިޓްގެ ބައިވެރިންނަށް މިރޭ ދިން ފަރިއްކޮޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފި އެވެ.

ބަނޑޮސް އައިލެންޑް ރިސޯޓްގައި، ސަމިޓްގެ ބައިވެރިންނަށް އެ ފަރިއްކޮޅު ދެއްވީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުންނެވެ. އެ ފަރިއްކޮޅުގައި ރައީސް ސޯލިހްގެ އިތުރުން ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ސަމިޓްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރަނީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅޭ ގޮތުންނެވެ. އެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ސަރަހައްދުތަކުގެ ގައުމުތަކުގެ ސިޔާސީ ބޭފުޅުންގެ މެނިފެސްޓޯތަައް އަމާޒު ކުރެވެން ވާނީ ތިމާވެށި ހިމާޔަތް ކުރެވޭ ގޮތަށް ކަމަށް، ސަމިޓް ފެށުމުގެ ގޮތުން ދެއްވި ތަގުރީރުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

މި ސަމިޓްގައި ރާއްޖެއާއެކު ހަތް ގައުމެއް ބައިވެރިވެ އެވެ. އެ ގޮތުން އިންޑިއާގެ މަޖިލީހުގެ ތިރިގޭގެ ރައީސްއާއި، ބޫޓާންގެ މަޖިލީހުގެ ރައީސްއާއި، ސްރީލަންކާގެ މަޖިލީހުގެ ރައީސްއާއި، އަފްޣާނިސްތާނުގެ މަޖިލީހުގެ ރަައީސްއާއި، ބަންގަލަދޭޝްގެ މަޖިލީހުގެ ރައީސްގެ އިތުރުން ޕާކިސްތާނުގެ މަޖިލީހުގެ ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި އިންޓަ ޕާލިމެންޓަރީ ޔުނިއަން (އައިޕީޔޫ) ގެ ސެކްރެޓަރީ ޖެނެރަލް މާޓީން ޗޮންގޮން ވެސް ސަމިޓަށް ވަޑައިގެންނެވި އެވެ.