ހަށިގަނޑުގެ ގުނަވަނެއް މަދުވުމަކީ އިންސާނަކަށް ލިބޭނެ އެއްމެ ބޮޑު ނިކަމެތި ކަމެވެ. އެއީ ހިތާމައިގެ ކޮޅެއްނެއް ކަމެކޭ ވެސް ބުނެވިދާނެ އެވެ. އަދި ގުނަވަންތައް ހަމަނޫން މީހަކަށް ސަލާމަތް ބުއްދި ލިބިފައިވީ ނަމަވެސް ދުނިޔޭގައި ލިބޭނެ މާބޮޑު ކާމިޔާބީއެއް ނެތޭވެސް ހީވެ ދާނެ އެވެ.
ޖިސްމާނީ ނުކުޅެދުންތެރިކަމުގެ ސަބަބުން މާޔޫސްވެފައިވާ އެތައް ބަޔަކު މުޖުތަމައުގައި އުޅެ އެވެ. އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ސަލާމަތް ބުއްދި ހުރި ނަމަވެސް ނަފުސު އަމިއްލައަށް ނުކުޅެދުންތެރި ކޮށްގެން ވެސް ބަޔަކު އުޅެމުން ދެއެވެ.
މާޔޫސްވާންވީ ޖިސްމާނީ ގޮތުން ނުކުޅެދުންތެރި ހާލުގައި ދުނިޔެއަށް އައީތީ ހެއްޔެވެ؟ އަމިއްލައަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ނުކުޅެދުންތެރި މީހަކަށް ވެގެން އުޅެވޭތީ ހެއްޔެވެ؟
އެމެރިކާގެ އެރިޒޯނާގެ ސިޔެރާ ވިސްޓާއަށް ޖެސިކާ ކާކްޒް އުފަންވީ ފެބުރުއަރީ 2، 1983 ގަ އެވެ. އުފަންވުމުގައި ދެ އަތް ނެތުމަކީ އޭނާގެ މުސްތަގުބަލް ބަނަވާންވީ ސަބަބަކަށް ވާން އޭނާ ބޭނުމެއް ނުވިއެވެ. ސަބަބަކީ އޭނާގެ ބުއްދި ސަލާމަތުން ހުރުމެވެ.
ބުއްދީގެ ބޭނުން ހިފައިފިނަމަ ކުރިމަތިވާ ގޮންޖެހުންތައް ނައްތާލެވޭނެ ކަމަށއް އޭނާ ގާބޫލް ކުރެ އެވެ. އޭނާ ދެކޭ ގޮތުގައި އިންސާނާގެ ކާމިޔާބީ ބިނާވެފައި ވަނީ ހިތްވަރާއި އަޒުމުގެ މައްޗަށެވެ. އޭނާ ވަނީ މުޅިދުނިޔެއަށް އެކަން ސާބިތު ވެސް ކޮށްދީފަ އެވެ.
ޖެސިކާއަކީ ދުނިޔޭގެ ފުރަތަމަ ދެ އަތް ނެތް ޕައިލެޓެވެ. އަދި ކާރު ދުއްވުމާއި، ފެތުންފަދަ ދެ އަތް ބޭނުން ކޮށްގެން ކުރަންޖެހޭ އެތައް ކަމެއް އޭނާ ކުރެއެވެ. ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް އޭނާ އެހެން މީހަކަށް ބަރޯސާއެއް ނުވެއެވެ.
ހަށިގަނޑުގެ ގުނަވަނެއް ނެތުމަކީ ކުރިއެރުމާއި ކާމިޔާބު ހާސިލް ކުރުމަށް އެޅޭ ހުރެހެއް ކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟ ނުވަތަ ބޭނުންވާ ލަނޑުދަނޑި ހާސިލް ކުރަން ވަކި ސިފައެއްގައި ހުންނަން ޖޭހޭ ކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟
އިންސާނުން ދުނިޔެއަށް އަންނަނީ ވެސް އަދި ދަނީވެސް އެއް އުސޫލެއްގަ އެވެ. ދުނިޔޭގައި މަޝްހޫރުވެ، މަގުބޫލު މީހަކަށް ވަނީ ދުނިޔޭގައި އޭނާ ހޯދާ ކާމިޔާބުގެ ސަބަބުންނެވެ.
އޮކްޓޫބަރު 28، 1955 ގައި އެމެރިކާގެ ސިއޭޓަލްއަށް އުފަންވެ ވަޑައިގެންނެވި ބިލްގޭޓްސް ވިދާޅުވެފައި ވެއެވެ: "ތިބާގެ ނަފްސް މި ދުނިޔޭގައިވާ އެއްވެސް އެހެން މީހަކާއި އަޅާ ނުކިޔާށެވެ. އެއީ ތިބާއަށް ތިބާގެ އަމިއްލަ ނަފްސު ނިކަމެތިކޮށްލެވޭ ކަމަކަށް ވާތީ އެވެ!"
މީ ކުރިއެރުމާއި ކާމިޔާބު ހޯދަން ބޭނުންވާ މީހާގެ ވިސްނުން ހުންނަން ޖެހޭނެ ގޮތެވެ.
އަމިއްލަނަފްސައަށް އިތުބާރުކޮށް އިޙްތިރާމު ކުރުމަކީ ކާމިޔާބީގެ މަގު ކޮށުމަށް ބޭނުން ކުރެވޭނެ އެންމެ ތޫނު ހަތިޔާރެވެ.
ތަހުޒީބު މުޖުތަމައުތަކުގައި އެންމެ ގިނައިން ނަންކިޔޭ އަދި އެންމެ މުއްސަނދި މިހުންގެ ލިސްޓްގައި ކުރީގައި ބިލްގޭޓްސްގެ ނަން ލިޔެވިފައި ވަނީ އޭނާއަކީ ހަމައެކަނި މައިކްރޯސޮޕްޓްގެ ބާނީއަށް ވެގެނެއް ނޫނެވެ. އެއީ އޭނާ ހޯއްދެވި ކުރިއެރުމާއި ކާމިޔާބުގެ ސަބަބުންނެވެ. އޭނާގެ ޤަބޫލު ކުރެއްވުންތަކާއި އޭނާގެ ވަރުގަދަ އަޒުމުންނެވެ.
ބިލްގޭޓްސް ވިދާޅުވެފައި ވެއެވެ: "ފަގީރުކަމުގައި ދުނިޔެއަށް އުފަންވުމަކީ ތިބާގެ ކުށެއްނޫނެވެ، ނަމަވެސް ތިބާ ފަޤީރުކަމުގައި ދުނިޔެއިން ނިމި ދިއުމަކީ ތިބާއަށް ކުރެވޭ ކުށެކެވެ!"
މީ ހަމައެކަނި ބިލްގޭޓްސް ދެކެ ވަޑައިގަންނަވާ ގޮތެއް ނޫނެވެ. ދުނިޔޭގެ ހިއްވަރުގަދަ ކޮށްމެ ޝަޚްސިއްޔަތެއްގެ ވިސްނުމަކީ ވެސް އެއީ އެވެ.
ދުނިޔޭގެ މުއްސަދިންގެ ލިސްޓްގައި ހިމެނެނީ ފުދުންތެރި ދިރިއުޅުމަކަށް ވާސިލްވުމަށް ކުރި ބުރަ މަސައްކަތުން ކާމިޔާބު ހޯދައިގެން މުއްސަދިވި މީހުންނެވެ. އެއިން ކޮށްމެ މީހަކުވެސް ވަނީ އެތަކެއް ނާކާމިޔާބީއަކާއި ކުރިމަތިލާފަ އެވެ. އަދި އެތަކެއް ގޯސްތައް ވެސް ހަދާފަ އެވެ. އެ މީހުންނަށް ހެދުނު ގޯސްތައް އެމީހުން ސިފަކުރީ ލިބުނު ތަޖުރިބާތަކެއްގެ ގޮތުގައެވެ.
ހަގީގަތުގައި ހިތްވަރަކީ އިންސާނާގެ ކިބައިގައި އުފެދޭ އާދަޔާއި ޚިލާފު ބާރެކެވެ. މީހާގެ ނަފްސު މާބޮޑަށް ކަމަކަށް އެދިއްޖެނަމަ އެކަމަކާމެދު އޭނާގެ ހިތްވަރު އާލާވެ، އެކަން ކުރަން ކޮށޭނެ އޮތް ހުރިހާ މަގެއް ކޮށަން އޭނާ ތައްޔާރުވާނެ އެވެ. އަދި ކުރިމަތިވާ ކޮށްމެ ހުރަހެއް ފޫއަޅުވާލަން ފަހެއް ނުޖެހޭނެ އެވެ.
ބައެއް ފަހަރު ނާކާމިޔާބީއާވެސް ކުރިމަތިލާން ޖެހިދާނެ އެވެ. ފަގީރު ކަމާއި ނިކެމތިކަމުގައި ވެސް އުޅެންޖެހިދާނެ އެވެ.
ނަމަވެސް މިއިން ކޮންމެ ކަމަކީ އިބްރަތް ހާސިލް ކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމުގައި ދެކެންވީ އެވެ.
ސަބަބަކީ ނިކަމެތި ޙާލަތަކަށް ދިއުމުން ވިސްނާ ފިކުރު ކުރުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާތީ އެވެ. އަދި ލިބޭ ތަޖުރިބާތަކުގެ އަލީގައި ދެވަނަ ފަހަރަށް ކަންކަމާއި ކުރިމަތިލާން އާ ހިތްވަރުލިބޭތީ އެވެ.
އެޑިޓަރުގެ ނޯޓް:
މިއީ އާންމު ފަރާތަކުން ލިޔެ އަވަސް އަށް ފޮނުވާފައިވާ އެ ފަރާތުގެ އަމިއްލަ މަޒުމޫނެކެވެ. ދިވެހި މީޑިއާގައި ހާއްސަކޮށް ރޭޑިއޯގެ ދާއިރާގައި ތަޖުރިބާތަކެއް ހޯއްދަވާފާއިވާ މޫމިނާ ސަލީމްގެ މި މަޒުމޫން އަވަސްގެ ކޮންޓެންޓްގައި ހިމަނައި ޝާއިއުކޮށްފައި މިވަނީ އަވަސް އޮންލައިން އިން ގަބޫލު ކުރާ ހަމަތަކާ އެއްގޮތަށް ބަދަލުތައް ގެނައުމަށްފަހު އެވެ.