އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައާ ގުޅިގެން މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން މިއަދު ހާމަކުރީ ފުލުހުން މީގެ ކުރިން ވެސް ހޯދާފައިވާ މައުލޫމާތުތަކެއް ކަމަށާއި އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުން ދަނީ ފުލުހުންގެ މޮޅު އިންވެސްޓިގޭޓަރުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރިލްވާންގެ މައްސަލާގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުން ހޯދުނު މައުލޫމާތުތައް އާންމު ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވީ ރިލްވާން ރަހީނު ކޮށްގެން ނެގީ ދީނީ ހަރުކަށި ފިކުރު ޖަމައާތެއް ކަމަށެވެ. އަދި ވިދާޅުވީ ރިލްވާން ވަގަށް ނެގި މީހުން އޭނާ ޑިންގީއެއްގައި ގެންގޮސް ބޯޓަށް އަރުވައި މަރާލާފައިވާ ކަމަށެވެ.
އެ ކަމާ ގުޅިގެން އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސުއޫދު ހަމާ ކުރެއްވީ އެ ކޮމިޝަނުން ހޯދާފައިވާ އާ މައުލޫމާތުތަކެއް ނޫން ކަމަށާއި ސުއޫދު ހަމާކުރެއްވި މައުލޫމާތުތަކަކީ މީގެ ކުރިން ފުލުހުން ހޯދާ ރައްކާކޮށްފައިވާ މައުލޫމާތުތަކެއް ކަމަށެވެ.
"އެ މައުލޫމާތުތަކުގެ އަލީގައި، އެ ވިދާޅުވާ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް، ޖަލުގައި ބަންދު ކޮށްގެން ތަހުގީގު ކުރެވިފައިވޭ، އަދި މައްސަލަ ޝަރީއަތަށް ފޮނުވުނު، ނަމަވެސް ޝަރުއީ ކޯޓެއްގައި މައްސަލަ ސާބިތުވާ ވަރުގެ ހެކި ނެތުމުން ސާބިތެއް ނުވި، އެ ހެކި ނޫން އިތުރު ހެކި ލިބިފައިވާނަމަ އަވަހަށް މައްސަލަ އަލުން ޝަރީއަތަށް ފޮނުވާ،" އުމަރުގެ ޕޯސްޓްގައިވެ އެވެ.
އުމަރު ވިދާޅުވި ގޮތުގައި އޭނާ މިނިސްޓަރު ކަމުގައި ހުންނެވިއިރު އެ މައުލޫމާތުތައް ހާމަ ނުކުރެއްވީ ދައުލަތެއްގެ ފަރާތުން މީހަކު މަރުވި ކަމަށް ބުނެވޭނެ ދެ ހާލަތް ވެސް ކަށަވަރު ނުވާތީ އެވެ. އެ ދެ ހާލަތަކީ މަރުވި މީހާގެ ހަށިގަނޑު ފެނުން ނުވަތަ މަރާލި މީހާގެ ބަހުން ނުވަތަ އެހެން ބައެއްގެ ބަހުން ޝަރުއީ ކޯޓެއްގައި ސާބިތުވުމެވެ.
"ރިލްވާންގެ މައްސަލަ އޭރު ވެސް ބެލީ އަދި މިހާރު ވެސް ތިޔަ ބަލަނީ ފުލުހުންގެ ތެރޭގައި ތިބި އެންމެ މޮޅު އިންވެސްޓިގޭޓަރުން، އަޅުގަނޑުގެ އުއްމީދަކީ އޭރު ނުހޯދާ ހުރި މައުލޫމާތެއް ކޮމިޝަނުން ހޯދިނަމަ ޝަރީއަތަށް ގެންގޮސް އެ ކުށް ކުރި ބަޔަކަށް ހައްގު އަދަބު ލިބުން،" އުމަރު ވިދާޅުވި އެވެ.