ހަބަރު

ލަންކާގެ ބޮޑު ވަޒީރު ރަނިލް ރާއްޖެ ވަޑައިގެންފި

Sep 2, 2019
2

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

މިއަދު ހެނދުނު ލަންކާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް ވެލާނާ އިންޓާނެޝަނަލް އެއާޕޯޓުން މަރްހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ސްރީލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި ރާއްޖެއާ ލަންކާއާ ދެމެދު ރަސްމީ ވާހަކަތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ވާހަކަތަކުގެ ތެރޭގައި ދެގައުމުގެ ދޭދޭގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އިތުރުން ތަރައްގީގެ ރޮނގުން ދެގައުމު ގުޅިގެން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރުން ހިމެނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ތަގުރީރު ކުރައްވާގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ. ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި ރާއްޖެއާ ލަންކާއާ ދެމެދު އެކިދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

އޭގެ ތެރޭގައި ލަންކާގައި ތައުލީމް ހާސިލްކުރަމުންދާ ދިވެހިންނަށް ބޮޑެތި ލުއިތަކެއް ލިބޭ އެއްބަސްވުމެއް ހިމެނޭނެކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ދެން ސޮއި ކުރެވޭ އެއްބަސްވުމުގައި ހިމެނެނީ ޒުވާނުން ތަރައްގީ ކުރުމާއި އިޖުތިމާއީ ރައްކާތެރިކަމާ ގުޅޭ އެއްބަސްވުންތަކެއް ކަމަށް އޭނާ ހާމަކުރެއްވި އެވެ.

ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި، މިމަހުގެ 3 އިން 4 އަށް ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސް 2019ގައި ބައިވެރިވެވަޑައިގެން އެ ކޮންފަރެންސްގައި ޗެއަރ ކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި އަނބިކަނބަލުން ޕްރޮފެސަރ މައިތިރީ ވިކްރަމަސިންހަގެ އިތުރުން އެ ޤައުމުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.