(28 އޯގަސްޓް 2019 އާ ގުޅޭ)
ދާއިން ދެފަޔަށް ބާރުލާފައި ހިނގައިގަތީ މަންހާ އިން މަރުކަޒާއިދިމާލަށެވެ. ޒައުލް އޭނައަށް އޮޅުވާލީ ކީއްވެކަން އޮޅުންފިލުވަން ބޭނުންވެފައި ހުރެގެންނެވެ. އޭނަގެ ހިތަށް ވީ ތަދަށްވުރެ ޒައުލްދެކެ އައިރުޅިވަނީ ގަދަވެފައެވެ.
ސިކުނޑީގައި އެތަށް ސުވާލެއް ކުރިފަޅާ ފެތުރިގަތްކަހަލައެވެ. ދާއިންގެ ބޮލަށް ބަރުވެ ޒައުލް އާއިމެދު ކުރެވުނު އިތުބާރު ގެއްލިދާނެ ކަމަށް ހީވެ އޭނައަށް އިވުނު ހުރިހާ ވާހަކަތަކަކީ ދޮގުކަމުގައިވުމަށް އޭނަ ބޭނުންވިއެވެ. ރިޝްވާން އެހުރިހާ ވާހަކައެއް އެދެއްކީ ދާއިންއަށް ކަމެއް އޮޅުންފިލުވާދިނުމުގެ ބޭނުމަކު ނޫނެވެ. އޭނަ އާއި ދާއިންގެ އެއްވެސް ދުޝްމިންކަމެއް ނެތެވެ. ދެކެވުނު ވާހަކައެއް ދެކެވުނީ ދާއިންގެ ދުލުން މަންހާގެ ނަން ގަނެވުމާއިއެކުއެވެ. ވީއިރު ދާއިންއަށް ނޭގޭ ކޮންމެވެސް ކަމެއް ވަމުންއެބަދެއެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާފައި ހުރި މަރުކަޒުގެ ތެރެއަށް ހަލުވި ކަމާއިއެކު ވަދެގެން އައި ދާއިން ވަށައިގެން އަވަސް ނަޒަރެއް ހިންގާލުމާއިއެކު ޒައުލް ހޯދުމަށް މަރުކަޒުގެ މައި އޮފީސް ހުރި އިމާރާތުގެތެރެއަށް ވަދެގެން ދިޔައެވެ. އޭރު ރިޝްވާންމެންނާއިއެކު އައިސްއުޅުނު ޑޮކްޓަރުންނާއި ސިޙިއްދާއިރާގެ އިސް އޮފިޝަލުންތައް އެތަނުން ނުކުތުމަށް އަންނަނީއެވެ. ޒައުލް އާއި ޝަފާ އެމީހުންގެ މެދުގައި ހުރެ އާދެއެވެ. ދާއިން ހާސްކަމާއިއެކު ކަނދުރާގައި އަތްހާކާލަމުން އެއްފަރާތަކަށް ޖެހުނީ ޒައުލް އާއިއެކު ގިނަބަޔަކު އަންނަތަން ފެނުމުންނެވެ. އެހުރިހާ އެންމެންގެ ސަމާލުކަން ދާއިންއަށް ހުއްޓުނަ ނުދިނުމަށެވެ. ޒައުލްއަށް ދާއިންގެ ކަންބޮޑުވެފައި ހުރި މޫނުގެ ކުލަވަރު ފެނި ކޮންމެވެސް ކަމެއް ވެއްޖެކަން އެނގުނެވެ. އެހެންވެ މީހުންތަކާއި ވަކިވުމުގެ ސަލާމްކޮއްލުމާއިއެކު އޭނަ އަވަސްވެގަތީ ދާޢިންގެ ކައިރިއަށް އައުމަށެވެ.
"ކޮބާ މަންހާ......" ދާޢިން އެންމެ ފުރަތަމަ ޒައުލް އާއި ކުރީ ސުވާލެކެވެ.
"އޭނަ މިތަނުގައެއްނުވީ، އަނެއްކާ ކިހިނެއްވީ، ދާއިން..........ކަމެއް ގޯސްވީތަ، ގޭތެރޭ ހުރިހާކަމެއް ރަނގަޅުތަ" ޒައުލް ހައިރާންވެފައި އަހާލިއެވެ.
"މިތާ ކޮންތާކުތަ އޭނަ ހުންނަނީ" ދާއިން ކުރިން ނުކުރާ ސުވާލެއްކުރިއެވެ.
"އޭނަ ހުންނަނީ ޝަފާގެ ކޮޓަރީގަ، ކޮބާތަ މައްސަލަކީ، ދާއިންއަށް އެނގޭނެ އަހަރެން މަންހާއަށް ދެރަގޮތެއްވިޔަކަ ނުދޭނެކަން" ޒައުލް ދާއިންގެ ކޮނޑުގައި އަތްޖައްސާލަމުން ބުނެލިއެވެ.
"ޒައުލް ކޮންއިރަކު މަންހާއަށް ތިހާބޮޑު ސަމާލުކަމެއް ދޭންފެށީ، ތީ އަހަރެންގެ ޒަމާންވީ ރަޙުމަތްތެރިއާއެއްނޫންތަ.........އަހަރެންގެ އުފަލާ އަހަރެންގެ ހިތާމަތަށް ދެނެގަތުން ހުއްޓާލީ ކޮންދުވަހަކުތަ......." ދާއިންގެ އަޑުން އޭނަ ހުރީ ވަރަށް ހިތްހަމަނުޖެހިފަކަން އެނގުނެވެ.
"ދާއިން............ކީކޭތަ ބުނަން ތިއުޅެނީ، އަހަރެން އަބަދުވެސްވާނީ ދާއިންގެ އެންމެ ގާތް އެންމެ ދުވަސްވީ ރަޙުމަތްތެރިޔާއަށް، އެކަމަކު ބުނަން ތިދައްކަން އުޅޭ ވާހަކަ އަހަންނަށް ސާފުވާނޭގޮތަށް ދެއްކުން ވަރަށް ރަނގަޅު، އަހަރެންގެ ބޮލުގައި މީހަކު ތުހުމަތެއް އަޅުވާވަރުގެ ކަމެއް ނުކުރަން، އަދިއެވެސް އަހަރެންގެ އެންމެ ގާތް އެކުވެރިޔާ..........ވެގެން އުޅޭގޮތެއް ނިކަން ކިޔާދީބަލަ" ޒައުލް ހައިރާންކަމާއިއެކު ވާހަކަދެއްކިއެވެ. ކުއްލިއަކަށް ދާއިންއަށް މިވީގޮތެއް ޒައުލަށް ވިސްނައިގަންނަން ފަސޭހައެއްނުވިއެވެ.
"ކީއްވެތަ އަހަންނަށް ދޮގު ހަދަނީ......" ދާއިން އޭނަގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރި ޒައުލްގެ އަތް ފޮޅުވާލަމުން ބުނެލިއެވެ.
"ކޮން ދޮގެއްތަ އަހަރެން ހެދީ........." ޒައުލް ބުންޏެވެ.
"އަހަރެން ހަމަމިހާރު މަންހާއި ބައްދަލު ކުރަން ބޭނުން..........ކޮބާ އޭނަ....." ދާޢިން އެތެރެއަށް ހިނގައިގަތެވެ. އޭނަގެ ފަހަތުން ޒައުލްވެސް ހިނގައިގަތެވެ.
"ދާއިން މަޑުކޮއްބަލަ، އަދިވެސް ވެގެން އުޅޭގޮތެއް ނުބުނަމެއްނު" ޒައުލް ދާއިން ހުއްޓުވަން މަސައްކަތްކުރަމުން ބުނެލިއެވެ.
"މަންހާ.......އެއީ ވެގެން އުޅޭގޮތަކީ.........ޑޮކްޓަރ ޝަފާ........" އެވަގުތު ދާއިންއަށް ޑޮކްޓަރ ޝަފާ ފެނުމުން އޭނަގެ ކައިރިއަށް ދުވެލާފައި ދިޔައެވެ. އަދި އޭނަގެ ކައިރިން މަންހާ އުޅޭކޮޓަރި އޮޅުންފިލުވިއެވެ. ޝަފާއަށްވެސް ވާނުވާނޭގި ހުރެ ކޮޓަރި އާއި ދިމާލާށް އިޝާރާތްކޮއްލެވުނީ ވިސްނުމަކާއިނުލައެވެ.
"ދާއިން.........." ޝަފާއަށް ދާއިންގެ ހަރަކާތްތައް ހުރިގޮތްފެނި ހައިރާންވިއެވެ. އަދި ޒައުލްއަށް ނިތްއަރުވާލަމުން ކިހިނެއްވެގެންތޯ މިއުޅެނީ އަހާލީ އިޝާރާތުންނެވެ. ޒައުލް ނޭގެއޭ ބުނުމަށް ދެކޮނޑު އަރުވާލާފައި ދާއިންގެ ފަހަތުން ދުއްވައިގަތެވެ.
"އަހަންނަށް އޭރުވެސް އެނގުނު، މަންހާ ކޮޓަރިއަކު ނޫންކަންވީ، އޭނަ މޮޔަނޫންކަން އަހަންނަށް އެނގޭ، މަންހާ މޮޔައެއްނޫން...........އަހަންނަށް ހުރިހާ އެއްޗެއްވެސް އެނގިއްޖެ........ޒައުލް، ކީއްވެތަ އަހަންނަށް ދޮގުހެދީ............މަންހާ އަހަރެންދެކެ ލޯބިނުވަންޏާ އަހަރެން އޭނަ މިނިވަން ކޮއްދިނީމުހޭ، އެކަމަކު މިގޮތަށް ދުރުގަ އުޅުމީ އަހަންނަށް ވާނެ ކަމެއްނޫން، މިކަމުގަ ޒައުލް ބައިވެރިވެދާނެއޭ އަހަރެން ފަހަރެއްގަވެސް ހީނުކުރަން...........ޒައުލްއަށް ހުރިހާ ކަމެއް އެނގިހުރެ ތިސިއްރުކުރީ.............ޒާރާ ބުނީ ހަމަތެދެއް ދޯ..............މަންހާ ލޯބިވަނީ ވިޝާލްދެކެ ދޯ" ދާއިން މުއްކަވާލި އަތުން ކޮޓަރި ފާރުގައި ޖަހާލިއެވެ.
"ދާއިނަށް ތިކިޔޭ އެއްޗެއް އެބައެނގޭތަ.........." ޒައުލް ވަގުތުން ރުޅިއަތުވެއްޖެއެވެ.
"އަހަރެން ކަންނޭގެ ހަގީގަތުގަ ރުޅިއަންނަންވީ، އަހަރެންގެ އެންމެ ގާތްއެކުވެރިޔާ ވިއްޔަ ތި މަސައްކަތްކުރަނީ އަހަރެންގެ އަނބިމީހާގެ ސިއްރުތައް ސިއްރުކުރުމަށް.........މިހެންވެދާނެއެކޭ ދުވަހަކުވެސް އަހަރެން ހިއެއްނުކުރަން، ޒައުލްގެ ފަރާތުން..........." ދާއިންގެ މޫނުމައްޗަށް އެރި ޒައުލްގެ ހޫނު އަތްތިލައިން އޭނަ ދިޔައީ ސިހިގެންނެވެ. ދާއިން ރުޅިއާއިއެކު ޒައުލްގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލިއެވެ.
"ދާއިން ހުރީ ނިދާފަ، އެހެންވެ ހޭލައްވަން އަހަންނަށް މަޖުބޫރުވީ............މަންހާއަކީ ދާއިންގެ އަނބިމީހާ، އެކަން އަހަރެން ގަބޫލުކުރަން، އަދި ނުސީދާގޮތަކަށް އެމައުސޫމު އަންހެން ކުއްޖާއަށް އަހަރެން ބަލާވެސް ނުލަން، އެކަމަކު މިއަދު އަހަރެން ވަރަށް ދެރަވެއްޖެ ދާއިންފަދަ ރަޙުމަތްތެރިއަކު އަހަރެންގެ އެންމެ ގާތް މީހާއަށް ހިޔާރު ކުރެވުނީތީ، އެންމެ ފަހަރަކު...........ހަމަ އެންމެ ފަހަރު ދެލޯ ރަނގަޅަށް ހުޅުވާލައިގެން ހުރެ މަންހާއަށް ބަލާލަބަލަ، އަހަންނަށް ޔަގީން އަހަންނަށް ފެންނަ ހުރިހާ މަންޒަރުތަކެއް ދާއިންއަށްވެސް ފެންނާނެކަން.....ޒާރާ!....ޒާރާ!.....ޒާރާ!...އަބަދުވެސް ދާއިންގެ ޒާރާއަށް ކަމެއްވެދާނެތީ އުޅެނީ، ނޭނގޭތަ މަންހާއަކީވެސް ދާއިންގެ އަންބެއްކަމެއް.........ތީ ތަންފުކެއްބޮޑުވަރު، ހަގީގަތް އެނގިއްޖެއްޔާ ދާއިންއަށް ކުރިމަތިލާން ކެރޭނެތަ، އަހަރެން ހިތަށްއެރި ކިހިނެއް ކޮންގަތަކުންބާއޭ ދާއިންވިސްނީ މަންހާ ވިޝާލް އާއި ގުޅެން ބޭނުންވިކަން، ބުނަން، ތީ ބޮޑު ކުއްވެރިއެއް، އާން........އަހަރެން ދެވަނަ މީހަކު ކުއްވެރިއެއް ނުކުރާނަން، މަންހާއަށް ތިކަހަލަ ފިރިއެއް ލިބުނުކަން އެއީ އެކުއްޖާގެ ބަދުނަސީބުކަން، އެކަމުގައި އަހަންނަށްވެސް ބައިވެރި ވެވުނީ، މިހާރު ހިތަށްއަރާ އެދުވަހު ދާއިންއަށް މަންހާ އާއި ގުޅެން ބާރުނުދެވުނުނަމައޭ.............މިއަދު ގައިމުވެސް އެކުއްޖާ މިހާލުގަ ނޫޅޭނެ، މިތަނަށްވެސް އަންނާކަށް ނުޖެހުނީސް، ބަލަ ޒާރާއަކީ ތިހީކުރާހާ މާތްމީހެއް ނޫނޭ، ކުލުނެއް ރަހުމެއް ހުރިމީހަކުނަމަ ނުކެރުނީސް އެހެން އަހަންހެނަކަށް އެފަދަ ބޮޑު ދެރައެއްދޭކަށް، ބޭރުފުށުން ފެންނަ ދަޅައަށް ދާއިން ހެއްލުނީ ކޮންދުވަހަކުތަ...........ދާއިން، ކަމެއް އެނގެން ބޭނުންތަ..........." ޒައުލް މިހެން ބުނަމުން އެކޮޓަރީގައި ހުރި އަލަމާރި ހުޅުވާލިއެވެ. އަދި އޭގެތެރެއިން ނެގި ސިޓީއުރަތަކެއް ހިފައިގެން އައިސް ދާއިންގެ އަތްދަމާލާފައި އެއަތުގެތެރެއަށް ލިއެވެ.
"ތީ މަންހާގެ ލޯބީގެ ސާފުކަމާއި މާތްކަން އަންގައިދޭ ހެއްކެއް، ކިތަށް އަހަރުމިވަނީ، ދާއިން އެމީހަކު ހޯދަން ބޭނުންވެގެން އުޅޭތާ، ތިސިޓީތަކުން އެއީ ކާކުކަން އެނގޭނެ..........." ޒައުލް އަދިވެސް ހުރީ ރުޅިގަދަވެފައެވެ.
"އޭންޖަލް.............." ދާއިންގެ ދެލޯބޮޑުވެ އެތަނުގައި ހުރި އެނދުގައި އިށީނދެ ސިޓީއުރަތަށް ހުޅުވާ އޭގައިވާ ލިޔުންތައް ކިޔަންފެށިއެވެ. ގިނައިރެއްނުވެ ދާއިންއަށް އިޙްތިޔާރަކާއި ނުލާ އޭނަގެ ބޮލުގައި ހިފަހައްޓާލެވުނެވެ. ކަރުދާހުގެ ކުލައާއި ލިޔެފައިވާ ލިޔުންއޮތީ އަތުލިޔުމުން ކަމަށްވިޔަސް އެއީ ހަމަ އޭންޖަލްގެ ވާހަކަތަށް ގެނެސްދީފައި ހުންނަގޮތަށް ލިޔެފައިވާ ސިޓީއެކެވެ. ދާއިންއަށް ލޯތްބާއިއެކު އެޑްރެސްކޮއްފައެވެ. މޫނުގައި އަތުގަ އޮތް ސިޓީޖައްސާލަމުން ދާއިންއަށް އިރުކޮޅަކު އިނދެވުނެވެ. އެދެލޮލުން ކަރުނައައީއެވެ.
"އަހަންނަށް މާފުކުރާނަންތަ......." އިސްޖެހިފައި އިން ދާއިން އޭނަގެ ދެލޯ ފޮހެލަމުން ބުނެލިއެވެ.
"އަހަންނެއްނޫން ދާއިންއަށް މާފުކުރާނީ، ދާއިންއަށް މާފުކުރުންވެސް ނުކުރުންވެސް އޮތީ މަންހާގެ އަތްމަތީ، ޝީޒް ވެރީ ހާޓް ދާއިން، ޝީ ސަޕަރ އަލޮޓް...........ހައު ކުޑް ޔޫ........." ޒައުލް އައިސް ދާއިންގެ ގާތުގައި އިށިންނަމުން ބުނެލިއެވެ.
"މިހުރިހާ ކަމެއްގަ ޒާރާގެ އަތެއްވާކަމަށްތަ ތިބުނަނީ، ޒައުލް، ހެޔޮނުވާނެ...........އަހަންނަށް ކިޔާދީބަލަ" ދާއިން އޭނަގެ ގާތުގައި އިން ޒައުލްގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
އިރުއޮއްސެމުންދިޔަ ވަގުތެވެ. އާދައިގެ މަތިން ރުކުގައި ލެނގިލައިގެން މަންހާހުއްޓެވެ. އަތުގައި އޭނަ ސިޓީ ލިޔަން ގެންގުޅޭ ފޮތާއި ގަލަމެއްއޮތެވެ. މަޑުމަޑުން ރާޅުޖަހާހިސާބަށް މަންހާ ފޭބިއެވެ. އަދި ދެފައިތިލަޔަށް ބަލަހައްޓައިގެން ހުރީ ބީއްސާލާ ރާޅުއައިސް އޭނަގެ ފައިގައި ބީހިލާފައި ދާކޮންމެ ފަހަރަކު ވެލިގަނޑުގެތެރެއަށް އެދަފައިތިލަ އަޑިއަށްވަދެގެންދާތީއެވެ. ކޮވެއްޔެއް ގޮވާލީ އެވަގުތުއެވެ. މަންހާ އަޑުއައި ދިމާލަށް ބަލާލާފައި ލޮނުގަނޑުން ދެފައި ދޮވެލައިގެން އެއްގަމަށް އަރާ ރުއްކައިރީ ދެފައި މެޔާ ކައިރިކޮއްލައިގެން ފައިވަންމަތީ އިށީނެވެ.
"މޮޅު ޅެންވެރިޔަކު ހަދާފައިވާ ޅެމެއްގައިވެއޭ.........ރާޅުތައް އައްސޭރިތަކުގައި މެދު ނުކެނޑި ބޮސްދޭ ފަދައިން، ވާރެޔާ ވާރޭވިލާތައް، އެކުއެކީ އުދުހޭފަދައިން، ޔާރު މިހިތާ ރޫޙުގައިވީ ގުޅީފައޭ ނޭވާ ފަދައިން، މިއަދުވެސް މާދަމާވެސް މުޅި ޢުމުރުގަވެސް ކެތްކުރާނަން..........އަހަރެން ދާއިންއަށް އިންތިޒާރުކުރަމޭ" ރުކުގައި ލެނގިލައިގެން އިން މަންހާއަށް ސިހިފައި ފަހަތްބަލާލެވުނެވެ. އޭނައަށް އިވުނީ ދާއިންގެ އަޑުކަން ޔަގީނެވެ. ނަމަވެސް ހައިރާންވީ ދާއިން އެކިޔަނީ އޭނަ ދާއިންއަށްޓަކައި ވަރަށް ފަހުން ލިޔެފައިވާ ސިޓީއެއްގައި ބަޔާންކޮއްފައިވާ ޅެމެކެވެ. ރުކުގެ ނިވަލަށް ޖެހިލަމުން މަންހާ ދާއިންއަށް ފިލަން ބޭނުންވިއެވެ.
"ދާއިންއަށް ހެޔޮއެދޭ، ދާއިންދެކެ ލޯބިވާ އޭންޖަލް.........." ދާއިން އަތުގައި އޮތް ސިޓީގައި ލިޔެފައިއޮތް އެންމެ ފަހު ޖުމްލަ ކިޔާލިއެވެ. އަދި މަންހާގެ ގާތަށް އަންނަންފެށިއެވެ.
"ނޫން.........ނާންނާތި މިކޮޅަށް..........." މަންހާ ދެލޯމަރާ ބާރުކޮއްލައިގެން ހުރެ ބުނެލިއެވެ.
"އަހަންނަށް ހުރިހާކަމެއް އެނގިއްޖެ، މަންހާ...........ޕްލީޒް..........އަހަންނަށް މާފުކުރޭ، ކީއްވެތަ އަހަރެން ކައިރީ ނުބުނީ، ހަމައެންމެ ފަހަރަކު ބުނިނަމަވެސް އަހަރެން ގަބޫލުކުރީމުސް...........މިއަދު އަހަރެން ނުދާނަން މަންހާ ނުލައެއް، އަހަރެން މަންހާ ބޭނުން............" ދާއިން ގޮތްހުސްވެފައިވާ މީހަކުފަދައިން މަންހާގެ ގާތުގައި އާދޭސްކުރަންފެށިއެވެ. އެއްވެސް އެއްޗެއް ނުބުނެ ހުރި މަންހާގެ ރުއިމުގެ އަޑު ދާއިންއަށް އިވުނެވެ. އޭނައަށް އިތުރަށް ދުރުގައި ހުރުން ކުޅަދާނަކަމަށް ނުވިއެވެ. އޭނަ އައިގޮތަށް އައިސް މަންހާ ކައިރީ ކުޑަކަކޫޖަހާލިއެވެ.
"އަހަނަށް ކޮންމެ ސަޒާއެއް ދިނަސް އެންމެ ރަނގަޅު، އެކަމަކު މަންހާގެ އަމިއްލަ ނަފްސަށް ތިހާބޮޑު އަނިޔާއެއްނުދީ، ހެޔޮނުވާނެ..........މަންހާގެ ގާތުން އަހަރެން އާދޭސްމިކުރަނީ، ތިހެން ހިތުގަޖެހިގެން ރޯތަން ދެކެން އަހަރެންގެ ހިތަކަށް ކުޅަދާނައެއްނޫން............" ދާއިން މަންހާގެ އުނަގަނޑުގައި ދެއަތް ވަޝާލަމުން ބުނެލިއެވެ.
"ދާއިން އަހަރެންދެކެ ލޯބިނުވާއިރު އަހަރެން ބޭނުންވަނީ ކީއްވެ، އަހަންނަށް ދާޢިން އިތުބާރެއް ނުކުރޭ، ދެންވެސް އަހަރެން ބޭނުންވެޔޭ ބުނަނީ ކީއްވެ........." ގިސްލެވިފައިވާ އަޑަކުން މަންހާ ވާހަކަދެއްކިއެވެ.
"ވިޝާލްގެ ވާހަކަ އިތުރަށް ދައްކާކަށް އަހަރެން ބޭނުމެއްނޫން، އެކަމަކު އަހަރެން މަންހާދެކެ ލޯބިނުވެޔޭ ނުބުނޭ، އެދުވަހު އެކަންވީގޮތުން އަހަރެން އެއްޗެއް ނުބުނީ މަންހާއަށް އިތުބާރު ނުކުރާތިއެއްނޫން، އެކަމަކު އެއީ އަހަރެން މަންހާދެކެ ލޯބިވާލެއް ބޮޑުކަމުން ވީކަމެއް، އަހަރެންގެ ހިތުގައި ވިޝާލް އާއިމެދު ހަސަދަވެރިވެވުނީ، އޭނަފަދަ ޒުވާނަކާ މަންހާ އެކަށީގެންވާކަމުގައި ހީކުރެވުނީ، އަދި އަމިއްލަ ނަފްސަށް އޮތް އިތުބާރު ގެއްލުނީވެސް އެދުވަހު، އަހަންނަށް ހުރިހާ ހަގީގަތެއް އެނގިއްޖެ، ޒާރާ އެފަދަ ދަރަޖައަކަށް މަންހާގެ މައްޗަށް އަނިޔާވެރިވެދާނެއޭ އަހަރެން ދުވަހަކުވެސް ހީނުކުރަން.............ޒާރާ އާއިއެކު އަހަރެން ވީކަމުގައިވިޔަސް އަހަރެންގެ ހިތް އަހަރެން ބާއްވާފަ އަންނަނީ ތިދެމައިންގާތު، އަހަރެން ބޭނުންވީ ސުލްހަވަރި ތާހިރު ދިރިއުޅުމެއް އުޅެން، ދެއަންބިން ގޮވައިގެން އަހަންނަށް އުޅެވޭނެކަން ސާބިތުކުރަން، އެކަމަކު............" ދާޢިންގެ ވާހަކަ މަންހާ މެދުކަނޑާލިއެވެ.
"އެންމެ ފަހަރަކުވިޔަސް ދާއިން އަހަރެންދެކެ ލޯބިވެޔޭ ބުނިނަމަ، އަހަރެން އިންތިޒާރުކުރިން ދާއިން އަހަރެންދެކެ ލޯބިވެޔޭ ބުނާނެ ދުވަހަކަށް.............އަހަރެން ބޭނުމެއްނޫން ޒާރާއަށްވުރެ ބޮޑަށް އަހަރެންދެކެ ދާއިން ލޯބިވާކަށް.............އެކަމަކު އަހަރެންވެސް ބޭނުންވި ލޯބިން ދާންއޭ ކިޔާ ގޮވާލުމަށް، އަދި ތިހިތުގަ އަހަންނަށްޓަކައިވެސް ލޯބީގެ ހުޅުކޮޅެއް ނިވުމެއްނެތްގޮތުގައި ދިއްލިފައިވާކަން އެނގެން.............ދާއިން، އަހަރެން އިންތިޒާރު ކުރިން..........." މަންހާއަށް އެއްފަހަރަށްވުރެ އަނެއްފަހަރު ބޮޑަށް ރޮވެމުންދިޔައެވެ. ދާއިން ކުއްލިއަކަށް ތެދުވެ އޭނަގެ އަތުގެ ތެރެއަށް މަންހާގެނެސް ލިއެވެ. އެއާއިއެކު މަންހާގެ އަތުގައި އޮތް ފޮތާ ގަލަމާ ވެއްޓުނެވެ.
"އައި ލަވް ޔޫ...........އަހަރެން ވަރަށް ލޯބިވޭ މަންހާދެކެ، އަހަރެން ހީކުރީ އަހަރެން ލޯބިވެޔޭ މަންހާދެކެ ބުންޏަސް އެކަން ގަބޫލެއް ނުކުރާނެކަމަށް، އެއްފަހަރާ ދެމީހުންދެކެ ލޯބިވާނީ ކިހިނެއްބާއޭ މަންހާވެސް ހިތަށްއަރާނެކަމަށް، އެކަމަކު މިއަދު މިބުނަނީ................އަހަރެން ދުވަހަކުވެސް މަންހާދެކެ ލޯބިވީގޮތަށް އެހެން މީހެއްދެކެ ލޯތްބެއްނުވެވޭ، މަންހާގެ ކޮންމެ އަދާއެއް އަހަރެންގެ ހިތުގައި ބިންވަޅުނެގިފައިވޭ، ބޭނުންނަމަ މިހިތް ހުޅުވާބެލިޔަސް ހެޔޮ...................އެކަމަކު އަހަންނާ ވަކިނުވޭ، މަންހާ އާއި ކައިވެނިކުރީ ކުރަންބޭނުންވެގެން، އަހަރެންގެ ހުރިހާ އުފަލެއްވަނީ މަންހާއާއިއެކު............އަހަންނަށް މާފުކުރޭ، އަހަރެން ވަރަށް ލޯބިވޭ މަންހާދެކެ.........." ދާއިންވެސް މަންހާގެ ގައިގާ އޮޅުލަމުންދިޔައެވެ. އެރީތި މޫނުގެ އެތަންމިތަނުގައި ބޮސްދެމުންދިޔައެވެ. ހީވަނީ ދެލޯބިވެރިން އެތަށް އަހަރުތަކެއްފަހު ބައްދަލުވި މީ ފުރަތަމަ ފަހަރުހެންނެވެ. މަންހާވެސް ދާއިންގެ ގައިގާ ބާރަށް ބައްދާލަމުން ހިތުގައިވި ހުރިހާ އުދާހެއް ދެލޮލުން ބޭރުކުރަމުންދިޔައެވެ. ދާއިންގެ ދެލޯވެސް ކަރުނުންފުރި ބަންޑުންވަމުންދިޔައެވެ. ހިތުގައި ޒާރާ އާއިމެދު އޮތްއިތުބާރާއި ވީލޯބި ކުޑަކުޑަ ހިނދުކޮޅެއްގެތެރޭ ވެއްޔާމޮޑެވިގެން ހިނގައްޖެއެވެ. އޭގެބަދަލުގައި ދާއިން މަންހާދެކެވާ ލޯބި އިތުރުވެގެންދިޔަ ކަހަލައެވެ.
"ހިނގާދާން، މަންމަ އާއި ދޮންބެވެސް އެބަތިބި ގޭގަ، އެނގޭތަ..........އެމީހުން މަންހާދެކެ މާލޯބިވޭ، އެއީ ހަމައެކަނި އަހަރެންގެ ދަރިއަކަށް ބަލިވެއިނީމައެއްނޫން، އެކަމަކު މަންހާގެ ތިރީތި އަޙްލާގުގެ ސަބަބުން.........މިއަދު އަހަރެން ފަޚްރުވެރިވޭ ތިޔަފަދަ މާތް އަޙްލާގެއްގެއްވެރި އަންބަކު އަހަންނަށް ލިބުނީތީ، ތީ އަހަރެންގެ ނަސީބު އަހަރެންގެ ވަށައިގެންވި ދުނިޔެ........މަންހާ، އަހަންނާއިއެކު ދާނަންތަ، އަހަރުމެންގެ ދަރިފުޅު ކައިރިއަށް ދާނަންތަ" ދާއިން އޭނަ އާއި މަންހާ ކުޑަކޮށް ދުރުކޮއްލަމުން އެމޫނަށް ބަލާލާފައި އަހާލިއެވެ. މަންހާގެ ދެލޮލުން އާދިރުމެއް ލިބިފައިވާކަމުގެ ވިދުމެއް ފެނިގެންދިޔައެވެ. މަޑުމަޑުން ބޯޖަހާލަމުން ހިނިތުންވެލިއެވެ. އެހިނދު ކޯތާފަތުން ފައިބައިގެން ދިޔަ ކަރުނަތިކި ދާއިންގެ އަތުގެ ބޮޑުވައިއިނގިލިން ފޮހެލަމުން އޭނަވެސް ހިނިތުންވެލިއެވެ. ދާއިން މަންހާގެ ތުންފަތުގައި ލޯބިކޮއްލަމުން އުރާލިއެވެ. އަދިވެސް އެއްފަހަރު އޭނަ ވަރަށް ލޯބިވާކަމުގަ ބުންޏެވެ. މަންހާ ހިނިތުންވެލަމުން ދާއިންގެ ނިތާ ނިތް ޖައްސާލިއެވެ. ދެމީހުން އެކަކު އަނެކަކާ ގާތްވެލައިގެން ތިބެ ހިނގަމުން މަރުކަޒާ ދިމާލަށް ދިޔައެވެ.
"މަންހާ ކީއްވެ އޭންޖަލްގެ ކަންތައް އަހަންނަށް ސިއްރުކުރީ، ދެން ބުނެބަލަ، ގޭގަތަ އެސިޓީތައް ލިޔަމުން ދިޔައީ............ހާދަ ދުވަހެއް ވެއްޖެޔޭ އަހަންނަށް އެސިޓީތައް ލިބޭތާ............" ދާއިން އޮޅުން ފިލުވަން ބޭނުންވިއެވެ. މަންހާ ދާއިން އާއި ކުރިއަށްވުރެވެސް ބޮޑަށް ގާތްވެލަމުން އޭންޖަލްގެ ސިޓީތައް އުފަންވީގޮތް ކިޔާދޭންފެށިއެވެ.
"އަހަރެން އެއްގޮތަކަށްވެސް ހަނދާނެއްނެތް، އެކަމަކު މިހާރު އެނގިއްޖެ ކީއްވެކަން އެހާ ދަންނަވައްތަރު ޖެހީ.............މަންހާ އަހަރެންދެކެ އެހާވެސް ލޯބިވޭތަ، އެކަމަކު ތީ މޮޔައިން ކުރާކަހަލަ ކަންތައްތަކެއްނު، އަހަންނަށްޓަކައި މަންހާ ދެން އިތުރުކަމެއް ނުކުރައްޗޭ، އަހަންނަށްވެސް ފުރުޞަތުދޭންވާނެއެއްނު، އަހަރެން މަންހާއަށްޓަކައި ލޯބިން ކަމެއްކޮއްދިނުމުގެ ފުރުޞަތު ދީ............."ދާއިންގެ މޫނުމަތިން މިހާރު ފެންނަނީ އުފާވެރި ހިނިތުންވުމެކެވެ.
"ދާއިން އަހަންނާ ކައިވެނިކުރުން އެއީ ކުޑަކަމެއްތަ، އަނެއްކޮޅުން އަހަންނަށް ލޯބިލޯބި ނެހާދިނުން އެއީ ވަކި ކުޑަކަމެއްތަ.............." މަންހާ ދާއިންގެ މޭގައި ފިރުމާލަމުން އޭނައަށް ބަލާލާފައިބުނެލިއެވެ. އޭރު އެމީހުންނަށް މަރުކަޒާއި ހަމައަށް އާދެވިއްޖެއެވެ. މަރުކަޒުގެ ތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ޒައުލް ހުއްޓެވެ. އޭނަގެ ކައިރީ ހުއްޓިލައިގެން ޝަފާހުއްޓެވެ.
ދާއިން އާއި މަންހާ އައިގޮތް ޝަފާއަށް ފެނުމާއިއެކު ޒައުލްއަށް އަންގާލިއެވެ. އޭނަގެ މޫނުމަތިން ވަގުތުން ހާސްކަންފިލާ ހިނިތުންވެލެވުނެވެ.
"ޝީޒް އޯކޭ.........ޝަފް، ޝީޒް އޯކޭ......" ޒައުލް އުފަލުން ޝަފާގެނެސް އަތުގެތެރެއަށްލިއެވެ.
"ޒައުލް............." ޝަފާއަށް ލަދުވެތިގޮތަކަށް ބުނެލެވުނެވެ.
"ދާއިންގެ ބެސްޓު ފްރެންޑްގެ ކައިވެނި ކުރަންވީ ވަގުތު އައިސް ޖެހިއްޖެ، އެ ސްޕެޝަލް ކުއްޖަކީ ޑޮކްޓަރ ޝަފާ، ހީ ލަވްސް ހާ........." މަންހާ ދާއިންއަށް ބަލާލަމުން ބުނެލިއެވެ. ދާއިން ލުއިގޮތަކަށް ހީނލާފައި ޒައުލް އާއި ދިމާލަށް ދިޔައެވެ. ޒައުލްވެސް ޝަފާ ދުރުކޮއްލާފައި ހިނިއައިސްފައި ހުރެ އައިސް ދާއިންގެ ގައިގާ އޮޅުލައިގަތެވެ.
"އަހަރެން ވަރަށް ލޯބިވޭ މަންހާދެކެ..................އެކަމަކު............އެކަމަކު އެއީ ކޮއްކޮއެއް ގޮތަށް، ދާއިން އޭނަ ރޮއްވާނުލާތި، އަހަންނަށް ވަޢުދުވޭ" ޒައުލް ދާއިންގެ ގައިގާ ބައްދާލާއިގެން ހުރެ ބުނެލިއެވެ. އެވަގުތު ދާއިންވެސް އެހުރިފިޔަވަޅުމަތީ ހުރެ ޒައުލް އެއެދުނުކަންތަކަށް ވައުދުވެއްޖެއެވެ. އަދި ދެއެކުވެރިން ދުރަށް ޖެހިލަމުން އެދެމީހުންގެ ހިތުގެ ވެރިޔާއާއި ދިމާލަށް ބަލާލިއެވެ.
"ޒާރާ، ނެހާއަށް ކާންދޭންވީނު........." މޫމިނާ އިޝާނަމާދަށް އެރުމުގެ ކުރިން ފެންފޮދެއް ބޯލުމަށް ނުކުމެފަ ޒާރާ ފެންނަން އިނުމުން ބުނެލިއެވެ. ޒާރާ ސޯފާގައި ފޯނު އަތަށް ލައިގެން ތުން އަނބުރާލަ އަނބުރާލަ އިނެވެ. އޭނައަށް މޫމިނާ އެއްޗެއް ބުނިހެންވެސް ހީނުވިއެވެ.
"ޒާރާ، ދާއިންއަށް ނުގުޅިގެންތަ ތިއުޅެނީ........އޭނަ މިހާރު އަންނަން އުޅޭނެ، އެހެނޭ ކިޔާފަ ނެހާއަށް ކާންނުދީ އިންނާކަށް ނުވާނެއެއްނު.........." މޫމިނާ އެނބުރިއައިސް ކޮޓަރިއަށް ވަންނަން އުޅެފަ ބުނެލިއެވެ. އެވަގުތު އެޕާޓްމެންޓަށް ވަތް އަފްޝީންއަށް އެއަޑުއިވުނެވެ.
"މަންމާ، ދޭ އީޝާނަމާދުކޮއްލަން، ބަންގި އެބަގޮވާ، އަޅުގަނޑު ނެހާއަށް ކާންދީފާނަން، އެވަރުކަމެއްނޫނެއްނު އެއީ" އަފްޝީން ޒާރާއަށް ބަލާލަމުން މޫމިނާއަށް ބުނެލިއެވެ. އަދި އައިގޮތަށް އައިސް ސިޓީންރޫމު ޓީވީ ހުޅުވާލީ ބަންގިގޮވާތީއެވެ.
"ޒާރާ ކިހިނެއްވެފަތަ ތިއިންނަނީ" ޒާރާގެ މޫނުމަތިން ހިތްހަމަނުޖެހިފައި އިންހެން ހީވެ އަފްޝީން އަހާލިއެވެ.
"ދާއިންކައިރީ އަހަރެން އަބަދުވެސް ބުނަން ފޯނު ނިއްވާނުލާށޭ، އަހަރެން ކޮންމެފަދަ ކަމަކުވެސް ގުޅަން ޖެހިދާނެއޭ.............މިހާރު ކޮންއިރެއް އޭނަ ދިޔަތާ، އަޅެ ދޮންބެދައްތަ ބުނެބަލަ، މެންދުރުފަހު ދިޔަމީހާވިއްޔަ، ވީގޮތެއްވެސް އަންގާލާނަމަ މިހެން ހާސްވެގެން އުޅޭކަށް ނުޖެހުނީހެއްނު" ޒާރާ ސޯފާއިން ކުއްލިއަކަށް ތެދުވަމުން ރުންކުރުގޮތަކަށް ބުނެލިއެވެ.
އަށެއްގެ ޚަބަރު ބަލަން މޫމިނާ ނުކުތްވަގުތެވެ. އޭރު އަފްޝީން ނެހާއަށް ކާންދޭގޮނޑީގައި ބާއްވައިގެން ކާންދެވޭތީ އުޅެއެވެ. ދޮރުހުޅުވާލާފައި ވަތް ދާއިންގެ މޫނުމަތިން ތަފާތުކަމެއް ފާހަގަ ކުރެވި އަފްޝީންއަށް އިންތަނުން ތެދުވެވުނެވެ.
"ހުރިހާ ކަމެއް ރަނގަޅުތަ؟" އަފްޝީންއަށް ހައިރާންކަމާއިއެކު އަހާލެވުނެވެ. ދާއިން އޭނަގެ އަތްދަމާލާފައި މަންހާގެ އަތުގައި ހިފާގެނެސް އޭނަގެ އަތުގެތެރެއަށް ލަމުން ބޭރުގައި ހުރި ފޮށި އެތެރެއަށް ވެއްދިއެވެ.
"މަންމާ............" އަފްޝީންއަށް ވަރަށް ބާރަށް މޫމިނާއަށް ގޮވާލެވުނެވެ. ކުރިމަތީހުރި ދާއިންއާއި މަންހާ ފެނުމުން އޭނައަށް ހަދާނެގޮތެއް ނޭގުނެވެ. އުފަލުންގޮސް މަންހާގެ ގައިގާ ބައްދައިގަންނަންވީކަމެއް ނޫނީ ރޯންވީކަމެއް ނޭގެއެވެ. މޫމިނާ ސިހިފައި ދޮރާދިމާލަށް ބަލާލިއެވެ. އޭނައަށްވެސް ވީގޮތެއް ނޭގުނެވެ. މަގޭދަރިފުޅޭ ކިޔާ ދުވެފައި އައިސް މަންހާގެ ގައިގާ އޮޅުލައިގަތްތަން ފެނުނެވެ. ބޮލުގަ އާއި ބުރަކަށީގަ އާއި މަންހާގެ މުޅި ގައިގާ މޫމިނާ ފިރުމަމުން ދިޔައެވެ.
"ދަރިފުޅު ތިއައީތަ، ދާއިން.............ދެން މަންހާ ނުދާނެތަ، ދެން ނުގެންދައްޗޭ މަންހާ، މަންހާ މޮޔަވިޔަސް މަންމަ ބަލާފާނަން، މަންމަ އަދި އެހާ މުސްކުޅިއެއްނުވެޔޭ، އަދިވެސް މަންމައަށް މަންމަގެ ދަރިން ބެލޭނެ........." މޫމިނާ ރޮއެ ރޮއެފާ ވާހަކަދެއްކިއެވެ. ގޭތެރޭ އަޑުގަދަވެގެން އުޅޭހެން ހީވެ ޒާރާ ދޮރުން ބޭރަށް ބޯދިއްކޮއްލިއެވެ. އެހިނދު އޭނައަށް ހީވީ ކަރަންޓުގެ ޝޮކެއްޖެހުނު ހެންނެވެ. ދޮރުތަންމިނަށް ހުޅުވާލުމާއިއެކު އޭނަ ނުކުތެވެ.
"މަންމާ، ހުއްޓާލަބަލަ، މަންހާ މޮޔައެއްނުވެޔޭ، އޭނަ އެހުރީ ގަދަވެ ހެޔޮހާލުގަ.......މަންމާ، އަޅުގަނޑު އޭނަ މިގެދޫކޮއްލާފަ ދިޔަކަނުދޭނަން" ދާއިން އެންމެ ފަހުބަސް ބުނެލީ ޒާރާއަށް ބަލާލަމުންނެވެ. މޫމިނާ ހިނިތުންވެލަމުން މަންހާގެ ނިތްކުރީގައި ބޮސްދިނެވެ. މަންހާ އައިސް ކުޑަކުޑަނެހާ ނަގާ އުރާލިއެވެ.
ދަރިފުޅުގެ މޫނުގައި ބޮސްދެމުން ގަޔާލާ ބޮނޑިކޮއްލިއިރު މަންހާގެ ކޯތާފަތް ކަރުނުން ތެމެމުންދިޔައެވެ. އަފްޝީން ފެންކަޅިވެފައި ހުރެ މަންހާގެ ބުރަކަށީގައި އޯގާތެރިކަމާއިއެކު ފިރުމާލިއެވެ. އޭރު އެ އެޕާޓްމެންޓަށް ވަތް މާކިން ދާއިންގެ ކޮނޑުގައި ހިފަހައްޓާލައިގެން އޭނަގެ ގާތުގައި ހިނިތުންވެލައިގެން ހުއްޓެވެ. އެވަގުތު އެތަނުގައި ތިބި އެންމެންގެ ހިތްތަކަށް މަންހާފެނުމުން ހިތްހަމަޖެހުން ގެނުވިއިރު ޒާރާގެ ހިތްބާރަށް ތެޅެމުންދިޔައެވެ. ކުރިމަތިން ފެންނަމުންދިޔަ މަންޒަރުތަކަކީ ހަގީގަތެއްކަން ގަބޫލުކުރަން ދަތިވެފައި ހުރި މީހަކު ފަދައިން އޭނަ ހުއްޓެވެ. މަޑުން މަޑުން ދެލޯ މަރާލުމާއިއެކު ހުޅުވާލީ ޒާރާގެ ކުރިމަތީގައި ހުރި މަންހާ ގެއްލިދާނެކަމަށް ހީކޮށެވެ. ނަމަވެސް އެހެނެއްނުވިއެވެ. ބޮޑުކޮއްލެވިފައިވާ ދެލޮލުން ދާއިންއަށް ބަލާލިއިރު އޭނަ ހުރީ ޒާރާއަށް ބަލަހައްޓައިގެންނެވެ. އެއާއިއެކު ޒާރާއަށް ވީގޮތެއް ނޭގުނެވެ. ހަރަކާތް އަވަސްކޮއްލާފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
"ހެލޯ....ހެލޯ....ދޮންތާ....މީ ޒާރާއޭ....ހެލޯ......." ކޮޓަރިއަށް ވަދެ ދޮރުލައްޕާލުމާއިއެކު ޒާރާ އޭނަގެ މޯބައިލް ފޯނުން ފަލަކްއަށް ގުޅާލިއެވެ.
"ހޫމް، އެނގެޔޭ ޒާރާކަން، ކިހިނެއްތަވީ، ހާދަ ހާސްވެފަ، އެހަށް ހަމަޖެހިބަލަ............ހަމަޖެހިލާފަ ތިވެގެން އުޅޭގޮތެއް ކިޔާދީބަލަ......" ފަލަކް ފޯނުން ބުނެލިއެވެ.
"މަންހާ..........މަންހާ އަތުވެއްޖެ.........." ހާސްކަން އިންތިހާއަށް ގޮސްފައިވާ މީހަކު ފަދައިން ޒާރާއަށް ބުނެލެވުނެވެ. އޭނަ ފޯނު ހިފައިގެން ކޮޓަރިތެރޭ އެނބުރެނީއެވެ. ހަނދާނެގޮތެއް ނޭގިގެންނެވެ. އޭނަގެ ހުރިހާ ރޭވުމެއް ފެނަށްވީއެވެ.
"ކޮންއިރަކު............ކިހިނެއް" ފަލަކްގެ އަޑުގައިވެސް ހާސްކަމެއް އެކުލެވިގެންދިޔައެވެ.
"ނޭގެ، ފެނުނީ ދާއިން މަންހާ ގޮވައިގެން އައިސް ހުއްޓަ.........އެންމެނަށް އެނގިއްޖެ މަންހާ މޮޔައެއްނޫންކަން، އަހަންނަށް ހީވަނީ ޒައުލްގެ ކަމެއްހެން މީ........ދެން ކިހިނެއް ހަދާނީ........" ޒާރާ ކަންބޮޑުވެފައި އަހާލިއެވެ. ޒާރާއަށް އެއްއަތުން އޭނަގެ ބޮލުގައި ހިފަހައްޓާލެވުނެވެ. އަދި ފަލަކްގެ މަޝްވަރާއަކަށް ބޭނުންވެފައި ހުއްޓައި ކޮޓަރީގެ ދޮރު ހުޅުވާލިއަޑުއިވުނެވެ. ޒާރާއަށް ކުއްލިއަކަށް ކަންފަތުގައި ޖައްސާފައި ހުރި ފޯނު ތިރިކޮއްލަމުން ކަނޑާލެވުނެވެ. އޭރު ފަލަކް ކޮންމެވެސް ވާހަކައެއް ދައްކައެވެ. ކޮޓަރީ ދޮރުން އެތެރެއަށް ވަތް ދާއިން ފެނި ޒާރާ ގަދަކަމުން ހިނިތުންވެލިއެވެ. އަދި ދާއިންގެ ކުރިމަތީ އޭނަގެ މޮޅު އެކްޓުތައް ޖައްސަންފެށިއެވެ.
"މަންހާ މޮޔައެއްނޫންތަ، ދެން ކީއްވެ އޭނަ އެތަނަށް ދިޔައީ؟ މިގޭގަ އުޅެން ބޭނުންނުވަނީތަ.........ވަރަށް އުފާވެއްޖެ މަންހާ އެނބުރި އަންނަކަހަލަ ހިޔާލެއްކުރީމަ" ޒާރާ ވާހަކަދައްކަމުން ދާއިންގެ ކައިރިއަށް އައެވެ. އެހިނދު ދާއިން އަތުން އިޝާރާތްކޮއްލީ ޒާރާ ހުރިތަނުގައި މަޑުކުރާށޭ ބުނާފަދަ ގޮތަކަށެވެ.
(ނުނިމޭ)