ބޭރު ކުޅިވަރު

ޗެލްސީ ބަލިކޮށް، އާސެނަލް ކޮމިއުނިޓީ ޝީލްޑް ގެންގޮސްފި

Aug 3, 2015

ހޯސޭ މޮރީނިއޯ ކޯޗުކޮށްދިން ޗެލްސީ 1-0 އިން ބަލިކޮށް، އާސެން ވެންގާގެ އާސެނަލް އިނގިރޭސި ކޮމިއުނިޓީ ޝީލްޑް ހޯދައިފި އެވެ.

މެޗުގެ ހަމައެކަނި ލަނޑު ޖެހީ އިތުރު ވަގުތުގައި އޮކްސްލޭޑް ޗެމްބަލައިން އެވެ. މިއީ ޖެހިޖެހިގެން މި ޝީލްޑް ވެންގާ ހޯދި ދެ ވަނަ ފަހަރެވެ. އަދި މިއީ ފާއިތުވެދިޔަ 13 މެޗުގެ ތެރޭގައި މޮރީނިއޯ އަތުން ވެންގާ މޮޅުވެފައިނުވުމުގެ ސިލްސިލާ އަށް އައި ނިމުމެކެވެ. ނަމަވެސް މެޗަށް ދެ ކޯޗުން ތިބީ ދެ ފަރާތަށް މޫނުލައިގެންނެވެ.

މެޗަށް ފަހު ދެ ކޯޗުންގެ ވެސް ޝަކުވާއަކަށްވީ މެޗު ކުޅުނު އިނގިރޭސި ރަސްމީ ދަނޑުގެ ވިނަގަނޑެވެ.

"ވަރަށް އުނދަގޫވި ވިނަގަނޑު ގޯސްވުމުން. އެކަމަކު ޖުމުލަކޮށް ބަލާއިރު ކުޅުން ރަނގަޅު. އަހަރުމެން ޕްރީސީޒަނުގައި އައީ ރަނގަޅު ޑިފެންސިވް ރެކޯޑަކާއެކު. އަދި ޕްރީސީޒަން ވެސް ޖުމުލަކޮށް ރަނގަޅު. އަހަރުމެންގެ ބޮޑު އިންޖަރީއެއް މިހާރަކުނެތް. ހަމައެކަނި ޖެކްވިލްޝެއާ މުޅިން ފިޓްވާންޖެހިފައިވަނީ،" ވެންގާ ބުންޏެވެ.

މެޗަށް ފަހު މޮރީނިއޯ ބުނީ ދަނޑު ސަރަކާތްވުމަކީ ދެ ޓީމަށް ވެސް އުނދަގޫވި ކަމެއް ކަމަށާއި ނަމަވެސް އެއީ އުޒުރެއްނޫން ކަމަށެވެ.

"އަހަރުމެންނަކީ އެންމެ މޮޅު ޓީމު. އަހަރުމެން ރަނގަޅު ކަންތައްތައް ކުރީ ވެސް. އަހަރުމެން ގޭމް ކޮންޓްރޯލްކުރީވެސް. އާސެނަލް 10 ކުޅުންތެރިންނާއެކު ޑިފެންސްކުރީ. އެމީހުން ކުރި ކަމަކީ އެމީހުންގެ [ޑިފެންސް] ލައިނަށް ހުރިހާ ކުޅުންތެރިން ނެރުނީ. އަދި އެމީހުން ރަނގަޅަށް އޮގަނައިޒްކުރި. އެމީހުންނަށް މަރުހަބާ،" ފާއިތުވެދިޔަ 13 މެޗުގައި އޭނާ އަތުން އާސެނަލް މޮޅުނުވާތީވެ އެ ޓީމު ބަލިކޮށްގެން މިހާރު އުފަލެއްނުވާ ކަމަށް މެޗުގެ ކުރިން ބުނި މޮރީނިއޯ މެޗަށް ފަހު ބުންޏެވެ.

އޭނާ އަދި ބުނީ މި ސީޒަނުގެ ޕްރެމިއާ ލީގު ކާމިޔާބު ކުރަން އުނދަގޫވާނެ ކަމަށެވެ.

"ވަރަށް އުނދަގޫވާނެ އެންމެނަށްވެސް. އެހެން ޓީމުތަކުން ހަރަދުކުރި ގޮތާއި ޓީމުތަކުގެ ވަރުގަދަވި ވަރަށް ބަލާއިރު އަހަރުމެން އޮތީ މިދިޔަ ސީޒަނުގައި އޮތްވަރުގައި. އެގޮތުގައި ތިބެ އަހަރުމެން ތައްޓަށް ވާދަކުރަން މިޖެހެނީ،" މޮރީނިއޯ ބުންޏެވެ.