ހަބަރު

ރިލްވާން މަރާލުން: ދައުވާގެ މަސައްކަތް ޕީޖީން ފަށައިފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރުވި މައްސަލައާ ގުޅިގެން އެ ކުށުގައި ބައިވެރިވި ފަރާތްތަކަށް ދައުވާ ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނާއެކު މަސައްކަތް ފަށާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ބުނެފި އެވެ.

ޕީޖީ އޮފީހުން ބުނީ ރިލްވާންގެ މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނާއެކު "ވޯކިން ލެވެލް" އެއްގައި މިއަދު މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މައްސަލަ ރަސްމީކޮށް އެ އޮފީހަށް ހުށަހެޅުމުން އިންސާފު ގާއިމު ކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅާނެ ކަމުގެ ޔަގީން ކަން ދޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ރިލްވާންގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުން ހޯދުނު މައުލޫމާތުތައް ހާމަކުރުމަށް އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ހާމަކުރެއްވި ގޮތުގައި ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތުން ރިލްވާން ވަނީ މަރާލާފަ އެވެ. ރިލްވާންގެ އިތުރުން ޔާމީން ރަޝީދާއި ޑރ. އަފްރާޝީމް އަލީގެ މަރުގެ ފަހަތުގައި ވެސް ވަނީ އެ ޖަމާއަތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރިލްވާން މަރާލި ގޮތުގެ ތަފުސީލުތައް ވެސް ކޮންމެ ވެސް ވަރަކަށް ސުއޫދު ވިދާޅުވެ ދެއްވި އެވެ. އެ ގޮތުން ހުޅުމާލޭން ރިލްވާން ރަހީނު ކޮށްގެން، ޑިންގީއަކަށް އަރުވައިގެން ގެންގޮސް ފަހުން އެހެން އުޅަނދެއްގައި ގެންގޮސް އޭނާ މަރާލާފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.