ހަބަރު

ރާއްޖެއާ ލަންކާއިން ސޮއިކުރި އެއްބަސްވުންތައް ބަދަލުކޮށްފި

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅާއި ގުޅިގެން ރާއްޖެއާ ލަންކާމެދު ސޮއި ކުރައްވާފައިވާ އެއްބަސްވުންތައް ބަދަލު ކުރައްވައިފި އެވެ.

އެއްބަސްވުންތަށް ބަދަލު ކުރެއްވީ، މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ. ދެ ގައުމުގެ މެދުގައި މިއަދު ބަދަލު ކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ، އެގްރީމެންޓް އޮފް ފެސިލިޓޭޝަން އޮފް ވިސާ އެރޭންޖްމެންޓްސް، އެމްއޯޔޫ އޮން ހަޔާ އެޑިއުކޭޝަން އެންޑް ވޯޓާ ސެކްޓާ ކޯޕަރޭޝަންގެ އިތުރުން އެމްއޯޔޫ އޮން ސޯޝަލް ޕްރޮޓެކްޝަން އާއި އެމްއޯޔޫ ފޯ ވޮކޭޝަނަލް ޓްރެއިނިން އެންޑް ޔޫތް ޑިވޮލޮޕްމެންޓް އެވެ،

މިއަދު ބަދަލު ކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ، އެގްރީމެންޓް އޮން ފެސިލިޓޭޝަން އޮފް ވިސާ އެރޭންޖްމެންޓް އެއްބަސްވުމާއެކު 2008 ވަނަ އަހަރު ލަންކާ އާއި ރާއްޖެއާ ދެމެދު ވެވިފައިވާ ވިސާއާ ބެހޭ އެއްބަސްވުމަށް އިސްލާހު ގެނެވިގެންދާނެ އެވެ.

މި އެއްބަސްވުމުގެ ދަށުން ސްރީ ލަންކާއަށް ދަތުރުވަރިއެއްގައި ޒިޔާރަތްކުރާ ދިވެހީންނަށް 90 ދުވަހުގެ އޮންއެރައިވަލް ވިސާ ހިލޭ ހަމަޖެހިގެންދާނެއެވެ. އެއްބަސްވުމުގެ ދަށުން ދެގައުމުގައިވެސް ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް މަލްޓިޕްލް އެންޓްރީ ބިޒްނަސް ވިސާ ހަމަޖެހިގެންދާނެއެވެ. އަދި، ލަންކާގައި ތައުލީމު ހާސިލުލުކުރާ އަށާރަ އަހަރުން ދަށުގެ ދިވެހި ދަރިވަރުންނާއި އެދަރިވަރުންގެ މައިންބަފައިންނާއި ބެލެނިވެރިންނަށް ވިސާގެ އެއްބަސްވުމަށް މިގެންނެވި ލުއިފަސޭހަކަމުގެ ބޭނުން ހިފޭނެއެވެ.

އެއްބަސްވުންތަކުގައި ހިމެނޭ އެމްއޯޔޫ އޮން ހަޔާ އެޑިއުކޭޝަން އެއްބަސްވުމަކީ، ރާއްޖެއާއި ލަންކާގެ ދަރިވަރުންނަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދީ ހައްސަކޮށް ފެނާއި ގުޅުންހުރި ދާއިރާތަކުން ކަމާގުޅޭ މާހިރުންގެ ލަފަޔާ އިރުޝާދާ އެކީ ކަންކަމުގެ މަޢުލޫމާތު ބަދަލުކުރުމަށް ވެވުނު އެއްބަސްވުމެކެވެ.

އެމްއޯޔޫ އޮން ސޯޝަލް ޕްރޮޓެކްޝަން އެއްބަސްވުމަކީ، އިޖްތިމާއި ރައްކާތެރިކަމުގެ ދާއިރާއިން ދެ ގައުމުގެ މެދުގައި އެއްބާރުލުން ދިނުމާއެކު އެންމެ ނާޒުކު ފަރާތްތައް ކަމަށްވާ ކުޑަކުދިންނާއި ދުވަސްމީ މީހުންން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި ބެހޭގޮތުން ވެފައިވާ އެއްބަސްވުމެކެވެ.

ވޮކޭޝަނަލް ޓްރެއިނިން އެންޑް ޔޫތް ޑިވެލޮޕްމަންޓް ގެ ނަމުގައި މިއަދު ބަދަލު ކުރެވުނު އެއްބަސްވުމަކީ ޒުވާނުންނަށް އަމާޒުކޮށްގެން މަޢުލޫމާތު ބަދަލުކުރުމާއި، ގުޅިގެން މަސައްކަތްކުރުމާއި، އިސްނެގުމާއި ހިންގުމުގެ ހުނަރު ތަރައްގީ ކުރުމަށް ފަންނީ އަދި ވޮކޭޝަނަލް ތަމްރީންތައް ހިންގުމަށް ވެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ ދެމެދުގައި ތާރީހާއި ސަގާފަތް ދިރުވާ އާލާކުރުމާ، ބަހާއި އާދަކާދައިގެ ތެރެއިން އިލްމީ ދިރާސާތައް ހެދުންވެސް ހިމެނެއެވެ