ހަބަރު

އާޒިމާގެ މައްސަލާގައި ގާޒީގެ ގިނަ ސުވާލުތަކެއް ދައުލަތަށް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާޒިމާ ޝުކޫރަަށް ކުރާ ދެ ދައުވާގެ މިއަދުގެ ޝަރީއަތުގައި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމްގެ ގިނަ ސުވާލުތަކެއް ދައުލަތަށް ކުރިމަތިކޮށްފި އެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އެވެ. މި ދެ ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ އެއްކޮށެވެ. މިއަދު ކުރިމިނަލް ކޯޓުގައި އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމެވެ.

މިއަދުގެ ޝަރީއަތުގައި ދައުލަތުގެ ފަރާތުން އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައެއްނުވެ އެވެ. ނަމަވެސް ދިފާއުން ހުށަހެޅި ހުށަހެޅުންތަކަށް ދައުލަތުން ޖަވާބުދާރީވެފައި ވެއެވެ. އެގޮތުން ދައުލަތުގެ ވަކީލް ވިދާޅުވީ ލިޔުމުން ރައްދު ހުށަހަޅަން ޖެހޭ ކަމަށް އެއްވެސް ގާނޫނެއްގައިނުވާ ކަމަށާއި އެގޮތަށް އަމަލު ކުރަން އެއްވެސް ގާނޫނީ ހުރަހެއްނެތް ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ހައިލަމް ވިދާޅުވީ ދައުލަތުގެ ފަރާތުން ރައްދު ލިޔުމަކުން ހުށަހަޅާފައިވާނަމަ މައްސަލަ ނިންމުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގައި ދިފާއުން މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވަނީ އާޒިމާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިން ބަލައިނުގަތުމަށެވެ. އެގޮތުން އެންމެ ފުރަތަމަ ހުށަހެޅި ނުކުތާއަކީ މަނީލޯންޑްރިން މަައްސަލާގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ހެކިބަސް ބަލައިނުގަތުމަށެވެ. ދިފާއީ ވަކީލް ވިދާޅުވީ ރައީސް ޔާމީނަކީ މި މައްސަލާގައި ދައުވާ ލިބޭ ފަރާތްކަމަށާއި އެހެންކަމުން މި މައްސަލާގައި ދައުވާ އުފުލިފައިވާ ފަރާތެއްގެ ހެކިބަސް ނުނެގޭނެ ކަމަށެވެ. އަދި ދެކޮޅަށް ހެކިވެރިއެއްގެ ގޮތުގައިވެސް ރައީސް ޔާމީން ބޭނުން ނުކުރެވޭނެ ކަމަށެވެ. އެއް ކުށެއްގައި ހިމެނޭ ބައެއް އެއްކޮޅަށް ވެސް ދެ ކޮޅަށް ވެސް ހެކިންގެ ގޮތުގައި ބޭނުން ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ކަމަށް ދިފާއީ ވަކީލް ފާހަގަކުރެއްވިއެވެ.

އެކަމަށް ރައްދު ދެއްވައި ދައުލަތުން ވިދާޅުވީ ރައީސް ޔާމީންގެ ހެކިބަސް މި މައްސަލާގައި ބޭނުންކުރެވޭނެ ކަމަށެވެ. އެއީ ރާއްޖޭގައި ގިނަ ކޯޓްތަކުގައި އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށާއި އެކަން އެގޮތަށް ބަލައިގެންފައިވާ ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލައަކީ ހަމައެކަނި ރައީސް ޔާމީންގެ ހެކިބަހުގެ މައްޗަށް ބިނާކޮށް އެކުލެވިގެންވާ މައްސަލައެއް ނޫން ކަމަށާއި މި މައްސަލާގައި އެހެން މީހުންގެ ހެކިބަސް ނެގުމަށް ހުށަހެޅިފައިވާ ކަމަށެވެ. އެހެންކަމުން އެހެން މީހުންގެ ހެކިބަހަށްވެސް ރިއާޔަތް ކުރެވޭނެ ކަމަށް ދައުލަތުން ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ، ދަށު ކޯޓުތަކުން އަމަލު ކުރަންޖެހޭނީ މަތީ ކޯޓުތަކުން ނިންމާފައިވާ ނިންމުމަށް ކަމަށާއި ސުޕްރީމް ކޯޓުން ވަނީ މައްސަލައިގެ ދައުވާ ލިބޭ ފަރާތެއްގެ ހެކިބަސް އެމައްސަލައާ ގުޅުންހުރި މައްސަލައެއްގައި ނުނެގޭނެކަން ނިންމާފައި ކަމަށެވެ.

ދިފާއުން ދެން ހުށަހަޅާފައިވަނީ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ހެކިބަސް ނުނެގުމަށެވެ. އެގޮތުން ހުށަހެޅި ނުކުތާތަކުގެ ތެރޭގައި އޭނާއަކީ ގާނޫނީ ގޮތުން ތުހުމަތު ކުރެވޭ ފަރާތެއް ކަމަށާއި އޭނާއަކީ ވަކި ގޮތަކަށް ހެކިބަސް ދިނުމަށް އަންގައި ބިރުދެއްކުމަށްފަހު ހެކިބަސް ނަގާފައިވާ ފަރާތެއްކަން އޭނާ ވިދާޅުވެފައިވާ ކަމަށެވެ. އަދި އޭނާއަށް ބިރުދެއްކުމުގެ ސަބަބުން މިވަގުތު ރާއްޖެއިން ބޭރުގައި ހުރި ފަރާތެއްކަންވެސް ދިފާއުން ފާހަގަކުރިއެވެ.

ލުތުފީއަކީ މިނިވަން ހެކިބަސް ދެވޭނެ ބޭފުޅެއް ނޫން ކަމަށާއި އަމިއްލަ އަށް ހެކިބަސް ދެވޭނެ ބޭފުޅެއްކަމަށްވެސް ގަބޫލު ނުކުރެވޭނެ ކަމަށެވެ. އަދި ލުުތފީއަކީ އިސްލާމިކް ބޭންކާއި ސުވާލުކުރި ފަރާތްކަމަށާއި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު ފްރީޒް ކުރުމުގެ ބާރުވެސް ލިބި އެކަން ކޮށްފައިނުވާ ފަރާތެއް ކަމަށްވެސް ދިފާއުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އޭނާއަކީ ޖިނާއީ ދައުވާ އުފުލޭ މީހަކަށްވާތީ މި މައްސަލާގައި ހެކިބަސް ނެގިގެން ނުވާނެ ކަމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ.

ދައުލަތުން ވިދާޅުވީ މީހެއްގެ މައްޗަށް ތަހުގީގެއް ކުރުމަކީ އެމީހެއްގެ ހެކިބަސް ނުނެގޭނެ ސަބަބެއް ނޫން ކަމަށެވެ. އޭނާގެ ހެކިބަސް ނަގާފައިވަނީ މަޖުބޫރު ކޮށްގެން ނޫން ކަމަށާއި ބަޔާން ދީފައިވަނީ ގަދަބާރުންނޫން ކަމަށެވެ. އަދި އެކަން ކުރިކަން ގާނޫނީ ހަމަތަކުން ސާބިތުނުވާ ކަމަށާއި އެހެންކަމުން ހެކި ބަލައިގަންނަން ޖެހޭ ކަމަށެވެ. އަދި ފުލުހުންނަށް ބަޔާން ދީފައިވަނީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ނުދިނުމަށް ލުތުފީ ވަނީ ކޯޓަށް ސިޓީއެއްވެސް ހުށަހަޅާފަ އެވެ. މިއަދުގެ އަޑުއެހުމުގައި އެސިޓީ ގާޒީ ހައިލަމް ވަނީ އިއްވާފަ އެވެ. އެސިޓީގައި ވަނީ ފުލުހުން އޭނާގެ ބަޔާން ނަގާފައިވަނީ ބިރުދައްކައިގެން ކަމަށާއި އޭނާ ދީފައިވާ ބަޔާނަކީ މަޖުބޫރު ކުރުވައިގެން ފުލުހުންނަށް ދީފައިވާ ބަޔާނެއް ކަމަށެވެ. އަދި އަދިލުވެރި ހެކިބަހެއް އަދާ ކުރެވޭ ފަދަ މާހައުލެއް ނެތް ކަމަށާއި ފުރާނައަށް ނުރައްކާވެދާނެތީވެ ހެކިބަސް ނުދެވޭނެ ކަމަށެވެ.

އެކަމަށް ރައްދުދެއްވައި ދައުލަތުން ވިދާޅުވީ، އޭނާ ބަޔާން ދިން އިރު ނަގާފައިވާ ރިކޯޑިންއެއް އެބައޮތް ކަމަށާއި އޭނާ އަށް ބިރުދައްކައިގެން މަޖުބޫރު ކޮށްގެން ބަޔާން ނަގާފައިވާކަން ފާހަގަ ނުކުރެވޭ ކަމަށެވެ. އަދި އެރެކޯޑިންނަށް ބެލުމަށްފަހު ގޮތް ނިންމުމަށްވެސް ދައުލަތުން އެދުނެވެ.

ގާޒީ ވަނީ އޭނާގެ މައްޗަށް އެމްއެމްޕީއާރުސީއާ ގުޅިގެން ތަހުގީގް ހިނގާތޯ ސުވާލުކޮށްފަ އެވެ. އެކަމަށް ޖަވާބުދެއްވަމުން ދައުލަތުން ވިދާޅުވީ އެމައްސަލައިގެ ތަހުގީގް ކުރަމުންދާ ކަމަށާއި ތަހުގީގު ފުރިހަމަނުވާ ކަމަށެވެ.

ދިފާއުން ދެން ހުށަހެޅީ ބޭންކް އޮފް މޯލްޑިވްސް ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފްގެ ހެކިބަސް ނުނެގުމަށެވެ. އެގޮތުން މުހައްމަދު ޝަރީފަކީ މަޖިލީހުގައި ދޮގު މައުލޫމާތު ދީފައިވާ ފަރާތެއް ކަމަށާއި އޭނާގެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ. އެހެންކަމުން އޭނާގެ ހެކިބަސް ނެގިގެންނުވާނެ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ދައުލަތުން ވިދާޅުވީ މައްސަލައެއްގައި ތުހުމަތު ކުރެވުމަކީ ކުށް ސާބިތުވީ ކަމަށް ބެލެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އޭނާގެ ހެކިބަސް ނެގޭނެ ކަމަށެވެ. ގާޒީ ވަނީ އެމައްސަލަ މިހާރު އޮތް ހިސާބު އަހާފަ އެވެ. ދައުލަތުން ވިދާޅުވީ އެމައްސަލަ ފުލުހުން ތަހުގީގް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދި ދައުވާ ކުރުމަށް ޕީޖީއަށް ލިބިފައިނުވާ ކަމަށެވެ.

އިތުރަށް ހުށަހަޅާފައިވަނީ އޭސީސީގެ މިހާރުގެެ ރައީސް މުއައްވިޒް ރަޝީދުގެ ހެކިބަސް ނުނެގުމަށެވެ. އޭގައިވެސް ފާހަގަ ކުރެއްވީ އެއް ނުކުތާތަކެކެވެ. އެގޮތުން އޭނާ ވަނީ ލުތުފީއާއެކު ޔާމީނާއި ސުވާލުކޮށްފައި ކަމަށާއި އޭނާއަށް އެކައުންޓް ފްރީޒް ކުރުމަށް ފުރުސަތުލިބި އެކަން ކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން އޭނާގެ ހެކިބަސްވެސް ނެގިގެން ނުވާނެ ކަމަށެވެ.

ދިފާއުން ހުށަޙެޅި ފަހު ނުކުތާއަކީ އޭނާގެ މައްޗަށް ތުހުމަތުކުރާ ކަންކަމަކީ ރައީސް ޔާމީންގެ މަނީލޯންޑްރިންގެ ދައުވާ ފުރިހަމަ ވުމަށް ކުރަން ޖެހޭ ކަންކަން ނޫން ކަމަށާއި ޔާމިންގެ މައްޗަށް ކުރާ ދައުވާ ސާބިތުނުވެ އެކަމުގައި އެހީތެރިވުމުގެ ދައުވާ އޭނާގެ މައްޗަށް ނުއުފުލޭނެ ކަމަށެވެ.

ގާޒީގެ ގިނަ ސުވާލުތަކެއް ދައުލަތުގެ ވަކީލުންނަށް:

ގާޒީ ވަނީ ދައުލަތަށް ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފަ އެވެ. އެގޮތުން އާޒިމާ ނުފޫޒު ފޯރުވާފައިވަނީ ކޮން ގޮތަކުންތޯ ސުވާލުކުރެއްވިއެވެ.

އެކަމަށް ޖަވާބުދެއްވަމުން ދައުލަތުން ވިދާޅުވީ ބޭންކް ސްޓޭޓްމެންޓް ހޯދަން އާޒިމާ ހުރަސް އަޅާފައިވާ ކަމަށާއި އޭނާ އެވަގުތު ހުރީ ނުފޫޒު ފޯރުވޭފަދަ މަގާމެއްގައި ކަމަށެވެ. އެގޮތުން އެކައުންޓް ސްޓޭޓްމަންޓް ހުށަހަޅާފައިވަނީ ރައީސް ޔާމީން އޮފީސް މެދުވެރިކޮށް ކަމަށާއި އެއީ ހުރަސް އެޅުން ކަމަށެވެ. އަދި އެމައްސަލާގައި ހުށަހެޅި ސިޓީގައި އިނގިލީގެ ނިޝާން ޖެހުމަށްވެސް އާޒިމާ ދެކޮޅު ހަދާފައިވާ ކަމަށާއި އެއީވެސް ހުރަސް އެޅުން ކަމަށްވެސް ދައުލަތުން ވިދާޅުވި އެވެ.

އެއާ ގުޅިގެންވެސް ގާޒީ ހައިލަމްގެ އިތުރު ސުވާލުތަކެއް ކުރިމަތިވި އެވެ. އެގޮތުން އެސްކްރޯ އެކައުންޓެއް ހުޅުވަން ލަފާދިނުމަކީ ކުށެއްތޯ އާއި ބޭންކް އޮފް މޯލްޑިވްސްއިން ވަކި ގޮތަކަށް ލިޔުން ހޯދަން މަސައްކަތް ކުރައްވައި އެލިޔުން ހޯއްދެއްވުމަކީ ކުށެއްތޯ ސުވާލުކުރި އެވެ.

އެއަށް ޖަވާބުދެއްވައި ދައުލަތުން ވިދާޅުވީ އެގޮތަށް އަމަލު ކުރުމަކީ ކުށެއް ނޫން ކަމަށެވެ. ނަމަވެސް މައްސަލައިގެ ހާލަތައް ބަލާނަމަ އެކަމަކީ ކުށެއް ކަމަށެވެ. އެއީ މަނީ ލޯންޑްރިންގެ ގާނޫނުގައިވާ ގޮތުން އެކަން ފޮރުވަން އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކުރުމަކީ ކުށެއް ކަމަށެވެ.

އާޒިމާ ވިދާޅުވީ އެގޮތަށް އަމަލު ކުރަން ލަފާ ނުދޭ ކަމަށެވެ. ހަމައެކަނި ކުރެއްވި ކަމަކީ ރައީސް ޔާމީން ވިދާޅުވި ގޮތަށް މެސެޖް ޕާސްކޮށްދިނީ ކަމަށެވެ. އެއީ ވަޒީފާގެ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށްވާތީ ކުރީ ކަމަށެވެ. އެއީ ގާނޫނާ ހިލާފު ކަމެއް ނޫން ކަމަށާއި ގާނޫނާ ހިލާފް ކަމެއް ކުރަން ރައީސް ޔާމީން އެންގެވިނަމަވެސް ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތް ނިންމާލައްވާފައިވަނީ ދެން އޮންނަ ޝަރީއަތެއްގައި ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ކަންކަން ބަލައިގަތުމާއި ގުޅޭ ގޮތުން ގޮތް ނިންމުމެވެ.