ހަބަރު

ރިލްވާންގެ މަރުގެ ރިޕޯޓް މާދަމާގެ ޖަލްސާގައި

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ތައްޔާރުކޮށްފައިވާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލިފައިވާ މައްސަލައިގެ ޑްރާފްޓް ރިޕޯޓުގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި މަޖިލީހުގެ ރިޔާސަތުގެ މޭޒުން ހުށައަޅާ ކަންކަމުގެ ތެރޭގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ތައްޔާރުކޮށްފައިވާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލިފައިވާ މައްސަލައިގެ ޑްރާފްޓް ރިޕޯޓުގެ މައްސަލަ ވަނީ އެޖެންކޮށްފައެވެ. މި މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރައީސް އަލްއުސްތާޒު ހުސްނުއް ސުއޫދު، އަހްމަދު ރިލްވާން އަބްދުﷲ ގެއްލިފައިވާ މައްސަލައިގެ ޑްރާފްޓް ރިޕޯޓު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މިއަދު ވަނީ އަރުވާފައެވެ.

އަދި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިލްވާން އަބްދުﷲ ގެއްލިފައިވާ މައްސަލައިގެ ޑްރާފްޓް ރިޕޯޓުގެ ކޮޕީ، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ވަނީ ޕާލަމެންޓަރީ ގުރޫޕް ލީޑަރުންނަށްވެސް އަރުވާފައެވެ.

އެގޮތުން ޕީޕީއެމްގެ ޕީޖީ ލީޑަރު، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި، ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި، އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް މި ރިޕޯޓް ވަނީ އަރުވާފައެވެ.

ހުޅުމާލޭން ކިޑްނެޕްކޮށްގެން ބޯޓަކަށް ލައިގެން ގެންގޮސް ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލާފައިވާކަމަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވާކަމަށް، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ތައްޔާރުކޮށްފައިވާ އަހްމަދު ރިލްވާން އަބްދުﷲގެ ރިޕޯޓްގައި ވަނީ ބުނެފައެވެ. މި ރިޕޯޓްގައި ވަރަށް ތަފްސީލްކޮށް ގިނަ މައުލޫމާތުތަކެއް ވަނީ ހިމަނާފައެވެ. މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިލްވާން ރަހީނު ކުރުމަށް ފަހު ކަނޑު އުޅަނދަކަށް އަރުވައި އޭނާ ގައިގައި ދާ އޮޅާލުމަށް ފަހު މަރާލާފައިވާ ކަމަށް ސުއޫދު އިއްޔެ ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ރިލްވާންގެ މަރުގެ މައްސަލައިގެ ފެށުމަކީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ ޖަމާއަތްތަކަކާއި ރާއްޖޭގައި އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް ދީނީ މިނިވަންކަން ފެތުރުމަށް މަސައްކަތް ކުރާ "މިނިވަން" ފިކުރުގެ ބަޔަކާ ދެމެދު ހިނގި މައްސަލަތަކެއް ކަމަށެވެ.

ރިލްވާން ހިމެނެނީ މިނިވަން ފިކުރުގެ މީހުންގެ ތެރޭގައި ކަމަށާއި އެ ފިކުރުގެ މީހުން މާލޭގައި ހިންގި ހަރަކާތްތައް ހިންގަން ފެށި ފަހުން ރިލްވާން އާއި އިތުރު ބައެއްގެ ލިސްޓެއް ހަދައި އެ މީހުން މަރާލުމަށް ޓާގެޓަކަށް ހަދާފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އޭގެ ފަހުން ރިލްވާންއަށް ފާރަލަމުން ގެންދިޔަ ކަމަށާއި އެ މީހުންގެ ވާހަކަ ރިލްވާން ވެސް މިނިވަން ނޫހުގައި ލިޔެފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.