ހަބަރު

މިސްކިތްތަކާމެދު ނަފުރަތު އުފެއްދުން ހުއްޓާލަންޖެހޭ: ޑރ ޒިޔާދު

މިސްކިތްތަކާމެދު ދިވެހިންގެ ހިތްތަކުގައި ނަފުރަތު އުފެއްދުން ހުއްޓާލަންޖެހޭ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.

ޑރ ޒިޔާދު މިހެން ވިދާޅުވީ މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިލްވާންގެ މަރާއި ގުޅޭގޮތުން މަރުކޮމިޝަނުން އެކުލަވާލި ރިޕޯޓްގެ ތަފްސީލް ހާމަކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި، ރާްއްޖޭގައި ހައްދުފަހަނައެޅުމުގެ އަމަލުތައް ބައެއް މިސްކިތްތަކުން ފެށިގެން އަންނަކަމަށް، މަރުކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައިވަނިކޮށެވެ. ދެ މިސްކިތެއްގެ ނަން ފާހަގަކުރައްވާ ސުއޫދު ވިދާޅުވީ އެ މިސްކިތްތަކަށް ގަވާއިދުން ދާ ޒުވާނުން ހަރުކަށި ފިކުރުތަކަށް އަނބުރާލުމަށް ބައެއް މީހުން މަސައްކަތް ކުރާކަމަށެވެ. ސުއޫދުގެ އެ ވާހަކަތަކާއި ގުޅިގެން ސޯޝަލް މީޑިއާ ބައެއް އެކްޓިވިސްޓުންނާއި، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ވަނީ ކުޑަކުދިން އެކަނި މިސްކިތްތަކަށް ނުފޮނުވުމަށް ގޮވާލާފައެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ ޒިޔާދު ކުރެއްވި ފޭސްބުކްޕޯސްޓެއްގައި ވިދާޅުވީ މީހަކު ނުބައިކަމެއް ކުުރުމުން މިސްކިތްތައް ގޯސްވަނީނަމަ އެދެވެނީ ވަރަށް ނުބައި މެސެޖެއްކަމަށެވެ. މި ބިންމަތީގައިވާ އެންމެ މާތް ބިނާއަކީ މިސްކިތްތައްކަމަށާ އެންމެ ތާހިރު ތަންތަނަކީވެސް މިސްކިތްތައްކަމަށް ޒިޔާދު ވިދާޅުވިއެވެ.

އަދި މިސްކިތްތަކަކީ މި ބިންމަތީގައިވާ މާތްﷲގެ ގެކޮޅުތައްކަމަށާ މިސްކިތްތަކާމެދު ދިވެހިންގެ ހިތްތަކުގައި ނަފުރަތު އުފެއްދުން ހުއްޓާލަންޖެހޭކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ. ޒިޔާދު ވބިދާޅުވީ އިސްލާމްދީނުގެ ޝިއާރުތަކަށް އިހްތިރާމްނުކުރާނަމަ ބަރަކާތް ކެނޑިދާނެކަަމަށެވެ.

ސޯޝަލް މީޑިއާ ބައެއް އެކްޓިވިސްޓުންނާއި، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ހިމެނޭގޮތުން، ކުޑަކުދިން އެކަނި މިސްކިތްތަކަށް ނުފޮނުވުމަށް ގޮވާލުމުން ދީނީ އިލްމުވެރިން ވަނީ އެވާހަކަތައް ކުށްވެރިކުރައްވާފައެވެ. އަދި އާންމުންގެ ފާޑުކިޔުން އިތުރުވުމުން ބައެއް ބޭފުޅުން ވަނީ އެ ބޭފުޅުން ކުރެއްވި ޕޯސްޓް ޑިލީޓްކުރައްވާފައެއެވެ.