ބޭރު ކުޅިވަރު

މޮރީނިއޯ އާއި ސަލާމްނުކޮށް ވެންގާ ހިނގައްޖެ

Aug 3, 2015

އިނގިރޭސި އާ ސީޒަން ފެށުމުގެ ގޮތުން ރޭ ކުޅުނު ކޮމިއުނީޓީ ޝީލްޑް މެޗަށް ފަހު ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯއާ ސަލާމްނުކޮށް އާސެނަލްގެ ކޯޗު އާސެން ވެންގާ ހިނގައްޖެ އެވެ.

ފުރަތަމަ ފަހަރަށް މޮރީނިއޯ ބަލިކުރި މެޗު ނިމުމާއެކު ވެންގާ ދިޔައީ ސީދާ ޗޭންޖިންރޫމަށެވެ. އަދި އާސެނަލްގެ ކުޅުންތެރިން ޝީލްޑު ހިފައިގެން ރޮސްޓަމުން ފޭބިއިރު މޮރީނިއޯ އެކުޅުންތެރިންނަށް މަރުހަބާކިޔަން ހުއްޓެވެ. ހުރިހާ ކުޅުންތެރިންނާ އޭނާ ސަލާމްކުރަމުންދިޔައިރު ވެންގާ ރޮސްޓަމުން ފައިބައިގެން ދިޔައީ މޮރީނިއޯގެ ފުރަގަހުންނެވެ.

"އަހަރެން އޭނާއާ ސަލާމް ކުރަން ޖެހޭތަ. އަހަރެން ހުރިތަން ކަލޭމެނަށް ވެސް ފެންނާނެ. ތިޔަ ސުވާލު ކުރުމަކީ ވެސް ބޭއިންސާފެއް،" އެކަމާ ގުޅިގެން ސުވާލު ކުރުމުން ވެންގާ ބުންޏެވެ.

މި ދެ ކޯޗުންނަކީ ވަރަށް ޖެހިފައި ތިބޭ ދެ ކޯޗުންނެވެ. ވެންގާގެ ކޯޗުކަމުގައި އާސެނަލް އަށް 2004ގެ ފަހުން ޕްރެމިއާ ލީގު ލިބިފައިނުވުމާއި މިހާތަނަށް މޮރީނިއޯ އަތުން މޮޅުވެފައިނުވާތީވެ މޮރީނިއޯ ވެންގާ ސިފަކުރަނީ ބޮޑުވެގެންވާ ފެއިލިއަރެއްގެ ގޮތުގަ އެވެ. އަދި މި މެޗުގެ ކުރިން ވެސް މޮރީނިއޯ ބުނީ އާސެނަލް އަތުން މޮޅުވެގެން މިހާރު އުފަލެއްނުވާ ކަމަށާއި ވެންގާ ހަދާ ހިސާބުތައް މުޅިން ނުބައި ކަމަށެވެ. އަދި އޭނާ އަށް ރަނގަޅަށް ހިސާބު ހަދަން ދަސްކޮށްދޭން ކަލްކިއުލޭޓަރެއް ހޯދައިދޭން ޖެހިފައިވާ ކަމަށެވެ.

ނަމަވެސް ޕްރެމިއާ ލީގުގައި މިހާރު އެންމެ ގިނަދުވަސްވަންދެން ކޯޗުކަމުގައި ހުރި ވެންގާ ރޭގެ މެޗަށް ފަހު ބުނީ އޭނާ އަބަދުވެސް ގަބޫލުކުރަނީ ކޯޗުން އަދި ކުޅުންތެރިން ވެސް އެކަކު އަނެކަކަށް އިހްތިރާމް ކުރަންޖެހޭ ކަމަށެވެ. އަދި އޭނާ މޮރީނިއޯ ސަލާމް ނުކުރީ އޭނާގެ ގަބޫލުކުރާ އުސޫލުތައް ނުހިފަހައްޓާތީ ކަމަށާއި މޮރީނިއޯ އޭނާއާ ސަލާމްކުރަން ބޭނުންވިނަމަ އެކަން ކުރެވުނީސް ކަމަށެވެ.

ވެންގާ މިގޮތަށް ވާހަކަ ދެއްކި އެއް ސަބަބަކީ މީގެ ކުރިން މި ދެ ކޯޗުންގެ މެދުގައި ދަނޑުމަތީގައި ވެސް އަރައިރުންވެ، ގަޔަށް އަތްލައި ހަދަންޖެހިފައިވުމެވެ. އަދި ވެންގާ ސަލާމްކުރަން އުޅުނު ބައެއް ފަހަރުތަކުގައ މޮރީނިއޯ އެކަމަށް އިންކާރުކުރުމެވެ.

"އަހަރެން ވަރަށް މަދުމީހަކާ ސަލާމްކުރީ. އަހަރެން އަމަލުކުރީ އަހަރެންނާއި އަހަރެންގެ ކުލަބުން އެދޭގޮތަށް. އަހަރެންކުރަންޖެހޭ ކަންތައްތައް އަހަރެން ކޮށްފިން،" ވެންގާ ބުންޏެވެ.