ހަބަރު

ޔަޒީދުގެ މަގާމު ގެއްލޭ ގޮތަށް ޓެކްސްގެ ބިލު ކޮމިޓީން ބަދަލުކޮށްފި

ކޮމިޝަނަ ޖެނެރަލް އޮފް ޓެކްޒޭޝަން ޔަޒީދު މުހައްމަދު އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ހަސަން ޒަރީރުގެ މަގާމު ގެއްލޭ ގޮތަށް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރި އިގްތިސޯދީ ކޮމިޓީން ބިލަށް ބަދަލު ގެނެސްފި އެވެ.

ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިލްޔާސް ލަބީބު ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވި ވިއިރު ބިލު އޮތީ ޔަޒީދާއި ޒަރީރުގެ އިތުރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑު މެންބަރުންގެ މަގާމުތައް ގެއްލޭ ގޮތަކަށް ނޫނެވެ.

ކޮމިޓީން ބިލު ދިރާސާކޮށް އެކުލަވައިލި ރިޕޯޓުގައި ވަނީ ބިލު ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް މަސް ދުވަސް ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި މީރާގެ ބޯޑު އަލުން އެކުލަވައިލަން ޖެހެނޭ އެވެ.

އޭގެ އިތުރުން މީރާގެ ބޯޑަށް އިތުރު މެންބަރަކު އައްޔަން ކުރަންޖެހޭ ގޮތަށް ބިލަށް ބަދަލު ގެނެސްފައިވެ އެވެ. ކޮމިޓީ ރިޕޯޓުގައިވާ ގޮތުން އެ މެންބަރަކީ ފިނޭންސް މިނިސްޓަރު އެ ބޯޑަށް އައްޔަން ކުރައްވާ މެންބަރެކެވެ. އެ ބަދަލާއެކު މީރާގެ ބޯޑު މެންބަރުންގެ އަދަދު ހަތަކަށް އަރަ އެވެ.

ޔަޒީދާއި ޒަރީރުގެ މަގާމު ގެއްލޭ ގޮތަށް ކޮމިޓީން ބިލަށް ބަދަލު ގެނައި ނަމަވެސް އެ ބަދަލުތަކާއެކު ބިލު ފާސް ކުރެވޭނީ މަޖިލީހުގެ ތަޅުމުން އެ ގޮތަށް ފާސް ކޮޮށްފިނަމަ އެވެ. އަދި ބިލު ފާސް ކުރަން ވޯޓަށް ދިއުމުގެ ކުރިން ތަޅުމުގައި ތިއްބަވާ މެންބަރުންނަށް ވެސް ބިލަށް އިސްލާހު ހުށަހެޅުއްވުމުގެ ފުރުސަތު އޮވެ އެވެ.

ޔަޒީދުގެ މަގާމު ގެއްލޭ ގޮތަށް ޓެކްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަދަލުތަކެއް ކޮމިޓީން ގެނައި އިރު، ދާދި ފަހުން ޔަޒީދު ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ކޮމިޓީގެ ބައެއް މަޖިލިސް މެންބަރުން ވަނީ އެމްއެމްޕީއާރްސީ ހިޔާނާތް ފޮރުވުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއެކު މުއާމަލާތްތަކެއް ކޮށްފައިވާ ކަމުގެ ތުހުމަތުކޮށްފަ އެވެ. ނަމަވެސް ޔަޒީދު ވަނީ އެ ކަން ދޮގު ކުރައްވައިފަ އެވެ.