ބަންގްލަދޭޝް

ރޮހިންޔާ ކޭމްޕަށް ފޯނު ވެއްދުން މަނާކޮށްފި

މިލިއަނެއްހާ މުސްލިމުން އުޅެމުންދާ ރޮހިންޔާ ކޭމްޕުތަކަށް ފޯނު ވެއްދުމާއި، ރޮހިންޔާގެ ރެފިއުޖީންނަށް ސިމް ކާޑު ވިއްކުން ބަންގްލަދޭޝްގެ ސަރުކާރުން މަނާ ކޮށްފި އެވެ.

ބަންގަލަދޭޝްގެ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރީ ކޮމިޝަންގެ ތަރުޖަމާނު ޒާކިރް ހުސެއިން ހާން ވިދާޅުވީ، ސަރުކާރުގެ ނިންމުމަށް އަމަލު ކުރަން ޓެލެކޮމިއުނިކޭޝަން ކުންފުނިތަކަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. ކުންފުނިތަކުން އެ ހަތް ދުވަސް ތެރޭ ސިމްކާޑު ވިއްކި މީހުންގެ މައުލޫމާތު ވެސް ސަރުކާރަށް ހުށަހަޅަން ޖެހޭނެ ކަމަށް ޒާކިރް ހުސެއިން ވިދާޅުވި އެވެ

ކޭމްޕުތަކަށް ފޯނު ވެއްދުމާއި، ރެފިއުޖީންނަށް ސިމް ކާޑު ވިއްކުން ބަންގްލަދޭޝްގެ ސަރުކާރުން މަނާކުރީ ފާއިތުވެ ދިޔަ ހަފުތާގައި ފޯނު މެދުވެރިކޮށް ގިނަ އަދަދެއްގެ ޖިނާއީ ކުށްތައް ރެފިއުޖީން ހިންގާފައިވާކަން ފަޅާ އެރުމުންނެވެ. ދެހާސް ސަތާރަ ވަނަ އަހަރު ވެސް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ރެފިއުޖީންނަށް ސިމް ކާޑު ވިއްކުން މަނާކޮށްފަ އެވެ. ނަމަވެސް އޭރުވެސް އެކަން ތަންފީޒު ކުރެވިފައި ނުވެ އެވެ.

މި ނިންމުމާއެކު ކޮކްސް ބާޒާރުގައި ތިބި ރެފިއުޖީން ވަނީ ކަންބޮޑުވުން ފައުޅު ކޮށްފަ އެވެ. އެ ނިންމުން ތަންފީޒު ކޮށްފިނަމަ، އެމީހުނާ އާއިލާއާ ވާހަކަ ނުދެއްކޭނެ ކަމަށް ދަނީ ބުނަމުންނެވެ. ކޭމްޕުގައި އެކަށީގެންވާ ސިއްހީ ނިޒާމެއް ގާއިމްކޮށްފައި ނެތުމުން، އާންމުކޮށް ބަލިތަށް ފެތުރެ އެވެ. އެހެންކަމުން ސިއްހީ ހިދުމަތް ހޯދުމަށް ވެސް ހުރަސް އެޅޭނެ ކަމަށް ރެފިއުޖީން ދަނީ ބުނަމުންނެވެ.

ފުލުހުންގެ ތަރުޖަމާނު އިގްބާލް ހުސެއިން ވިދާޅުވީ، ފޯނާއި ސިމް ކާޑު ވިއްކުން މަނާ ކުރުމުން، ރޮހިންޔާ ކޭމްޕްގައި މިހާރު އޮތް ޑްރަގް ޓްރެފިކިން ނެޓްވޯކް ރޫޅިގެންދާނެ ކަމަށެވެ. ރޮހިންޔާ ރެފިއުޖީ ކޭމްޕު ތެރޭގައި މިޔަންމާއިން އެތެރެ ކޮށްފައިވާ އެއް މިލިއަން ޑޮލަރުގެ މެތަމްފެޓައިން ޑްރަގްސް ކޮންމެ މަހަކު ދައުރުވާ ކަމަށް އޭނާ ބުންޏެވެ.