ހަބަރު

ރިލްވާން ކަނޑު ފެއްތީ ބޯ ބުރި ކޮށްލާފައި: ހެކިވެރިއެއް

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ބޯ ކަނޑާލުމަށް ފަހު އޭނާގެ ހަށިގަނޑު ކަނޑުފައްތާފައިވާ ކަމަށް ސިއްރު ހެކިވެރިޔަކު ބުނެފައިވާ ކަމަށް މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓުން ހާމަވެއްޖެ އެވެ.

މަޖިލީހުން އާންމު ކޮށްފައިވާ ހުލާސާ ރިޕޯޓްގައިވާ ގޮތުން ރިލްވާން ކިޑްނެޕް ކޮށްގެން ގެންގޮސް އެރުވީ އއ. އުކުޅަހު ދޯންޏަކަށެވެ. އޭނާ އެރުވި ދޯނީގެ ވެރި މީހާއަކީ އއ. އުކުޅަހު މާވަޑިއާގެ މުހަންމަދު ރާޝިދެވެ. އެގޭ އަލްވިސް އާއި ދެމީހުން އެ ދުވަސްވަރު ދެ ދޯނި ގެންގުޅުނު ކަމަށާއި އެ ދެ ދޯންޏަކީ ވެސް ދީނީ ޖިހާދު ޖަމާއަތުން އާމްދަނީ ހޯދުމަށް ގެންގުޅޭ ދެ ދޯނި ކަމަށްވެސް ސިއްރު ހެކިވެރިޔާ ބުންޏެވެ.

ރިޕޯޓްގައި ވަނީ އުކުޅަހުގައި ބަޓް ނަގަން ދާން ގެންގުޅެނީ މި ދެ ދޯނި ހަމަޖެއްސީ އޮޕަރޭޝަންސްތަކުގެ އެންމެ އިސްމީހަކަށް ހުންނަ ސ. ފޭދޫ ގުރަހާގެ އަގްލީލް ("ކިޑް") ކަމަށެވެ. އެ ދޯންޏަށް އެރުވުމަށްފަހު ރިލްވާންގެ ކަރު ބުރިކޮށްލި ކަމަށެވެ. އަދި ބޯ ބުރިކޮށްލުމަށްފަހު އެ މީހުން ރިލުވާނުގެ ހަށިގަނޑު ކަނޑުފެއްތީ ކަމަށްވެސް ރިޕޯޓްގައި ވެއެވެ.

ހެކިވެރިޔާ ބުނީ، ރިޝްވާން ދޯންޏަށް އެރުވީ ރަތް ކާރުގައި ގޮސް ރިޝްވާން ކިޑްނެޕްކޮށްގެން އަތިރިމައްޗަށް ގެނެސް ޑިންގީއަކަށް އަރުވައިގެން ގެނެސް ކަމަށެވެ.

ރަތް ކާރުގައި ރިލްވާން ކިޑްނެޕް ކުރަން ދިޔައިރު ކާރުގައި ތިބީ މުނާއްކޮއާ އާލިފް އާއި ޝައްފާފު ކަމަށާއި ކާރު ދުއްވަން ހުރީ މުނާއްކޮ ކަމަށެވެެ އެވެ. އަދި ކާރުގެ ކުރީގަ އިނީ އާލިފް ކަމަށާއި ފަހަތުގައި އިނީ ޝައްފާފު އިނީ ފަހަތުގައި ކަމަށެވެ. އަދި ކާރުގެ ފަހަތުން ސައިކަލުގައި ދިޔައީ ސ. ހުޅުދޫ އަތިރީއާގެ މުހަންމަދު ސުވައިދުއާ ސޮލާހު އާއި ޏ. ފުވައްމުލައް ދަޑިމަގު އިސްމާއީލް ސޯބިހް ކަމަށެވެ.

ރިލްވާން ގެއްލުނު ދުވަހުގެ ރޭ މުހަންމަދު ސުވައިދު އާއި މުހައްމަދު ހާމިދު ރިލްވާނަށް ފާރަލާފައިވާ ކަމަށެވެ. އަދި އެދެމީހުން ވަނީ ރިލްވާން މާލެއިން ހުޅުމާލެއަށް ދަންދެން ފާރަލާފައި ކަމަށްވެސް ރިޕޯޓްގައި ވެއެވެ.

އޮގަސްޓު 8، 2014 ވަނަ އަހަރު ރިލްވާން ގެއްލުނު ހާދިސާއާ ގުޅޭ ގޮތުން މަރު ކޮމިޝަން އިން ކުރި ތަހުގީގުގެ މައުލޫމާތުތައް ހާމަ ކުރުމަށް ރައީސް އޮފީހުގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަން ރައީސް ހުސްނު ސުއޫދު ވިދާޅުވީ ރިލްވާންގެ މަރުގެ މައްސަލައިގެ ފެށުމަކީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ ޖަމާއަތްތަކަކާއި ރާއްޖޭގައި އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް ދީނީ މިނިވަންކަން ފެތުރުމަށް މަސައްކަތް ކުރާ "މިނިވަން" ފިކުރުގެ ބަޔަކާ ދެމެދު ހިނގި މައްސަލަތަކެއް ކަމަށެވެ.

ސުއޫދު އިތުރަށް ވިދާޅުވީ ރިލްވާން މަރާލުމުގެ ކުރިން ދާގަނޑެއްގައި އޮޅާލާފައިވާ ކަމަށާއި އެއަށް ފަހު އޭނާ ލައްވާ ޝަހާދަތް ކިޔުވި ކަމަށެވެ. ޝަހާދަތް ކިޔުމުން ރިލްވާން މަރާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.