އަހުމަދު ރިލްވާންގެ މަރާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓާއި ގުޅިގެން އެ ކޮމިޝަންގެ ރައީސް، ހުސްނުއް ސުއޫދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވައިިފި އެވެ.
މިނިސްޓްރީން ބުނީ ރިޔާސީ އެ ކޮމިޝަންގެ ރައީސް ސުއޫދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުން ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އިސްވެރިން އެ ބައްދަލުވުމުގައި މިއަދު ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.
ޑިފެންސްގައި އޮތް ބައްދަލުވުމުގައި ކޮމިޝަނުން ނެރެފައިވާ އިންޓެރިމް ރިޕޯޓާމެދު މަޝްވަރާ ކުރި ނަމަވެސް ތަފްސީލެއް ނުދެއެވެ.
ނަމަވެސް ހައްދުފަހަނައަޅާ ދިޔުމާއި ވަޔަލެންޓް އެކްސްޓްރީމިޒަމްގެ އަމަލުތައް ރާއްޖޭގައި ހިނގާކަމީ، އިންތިހާއަށް ކަންބޮޑުވާ ކަންކަމުގެ ގޮތުގައި އެ ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ފާހަގަ ކުރެއްވި އެވެ.
އަދި އެފަދަ ކަންކަމަކީ، ރާއްޖޭގެ ގައުމީ ސަލާމަތާއި ހަމަޖެހުމާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ ކަންކަމަށްވާތީ، ގައުމީ ދިފާއީ ބާރާއި، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި، ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ ގުޅި ސުލްހަވެރި، އަމާން ގައުމެއްގެ ގޮތުގައި ރާއްޖެ ދެމަހައްޓަން ރައީސް ސޯލިހް ގެންގުޅުއްވާ "ޕޮލިސީ އޮފް ޒީރޯ ޓޮލެރަންސް އޮން ޓެރަރިޒަމް" ތަންފީޒު ކުރަން ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ބުންޏެވެ.
މަރު ކޮމިޝަނުން ކުރި ތަހުގީގު ރިޕޯޓު ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް ވަނީ ހިއްސާކޮށްފަ އެވެ. އަދި އެ ރިޕޯޓުގެ ހުލާސާއެއް ވަނީ އާންމުކޮށްފަ އެވެ.