ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(01 ސެޕްޓެމްބަރ 2019 އާ ގުޅޭ)

"އޯކޭ... ބަޓް ޔޫ ޝުޑް ތިންކް އަބައުޓް ޔޯ ސެލްފް ޓޫ، ދިރިއުޅުމުގައި ބައެއްފަހަރު ސެލްޕިޝްވެލުމަކީ މައްސަލައެއްނޫން... މިކަމުން ހޭޒަލްއަށް ފައިދާކުރާނެ" ދާރިއަން ބުންޏެވެ.

އަތުކުރީ އޮތް ގަޑިއަށް ބަލާލައި ދާން ވެއްޖެކަން ކަނޑައެޅީ ހޭޒަލްއެވެ. އޭނާ ފޯނު ނަގައި ލިއަމްއަށް ގުޅާލީ ބަލާ އައިސް ދިނުމަށް އެދިއެވެ. ދާރިއަން މޭޒުދޮށުގައި އަނގައިން ނުބުނެ އިނީއެވެ.

"ދާކަށްނުވޭތަ؟" ހޭޒަލް އަހާލިއެވެ.

"އަހަރެން އަދި މަޑުކޮށްލާނީ" ދާރިއަން ބުންޏެވެ. ހަޤީޤަތަކީ ލިއަމްއާ ކުރިމަތިލާން ދާރިއަން ބޭނުންނުވަނީއެވެ. އެކަން އޭނާ ހޭޒަލްއަށް އަންގާކަށް ބޭނުމެއްނޫނެވެ. ހޭޒަލްއަށް ހުޅުވާލި ފުރުޞަތުގައި ދާރިއަންގެ އަމިއްލަ އެދުން ވެސް ފޮރުވިފައި ވެއެވެ. އޭރުން ދެމީހުން އެކުގައި ވަގުތު ހޭދަކުރާނޭ ބަހަނާއެއް ދާރިއަންނަށް ލިބުނީއެވެ. އޭނާގެ ހިތުގައި އޮތް އެއްޗެއް ބޭރުފުށުގެ އަސަރާއި ޢަމަލުތަކުން ފާޅުވިޔަކަ ނުދެއެވެ. ހޭޒަލް އެފަދަ ކަމަކަށް އޭނާގެ މައްޗަށް ޝައްކު ވެސް ނުކުރާނެކަން ދާރިއަން ދެނަހުއްޓެވެ.

"ދަނީ..." ފޯނު ރިންގުވާން ފެށުމުން ފޯނަށް ބަލާލައި ހޭޒަލް ބުނެލީ ގޮނޑިން ތެދުވަމުންނެވެ. ދާރިއަން ވަކި އެއްޗެއް ނުބުނެ ބޯޖަހާލީއެވެ. އަދި ލުއި ހިނިތުންވުމެއް އޭނާ ހޭޒަލްއާ ބަދަލުކޮށްލިއެވެ.

ހޭޒަލް ނުކުމެގެން އައިއިރު ދުވާރު ކައިރީ ސައިކަލުގައި މަޑުކޮށްލައިގެން އިން ލިއަމް ފެނުނެވެ. ނިކަން ހިނިއައިސްފައި ހޭޒަލް އައިސް ސައިކަލު ފަހަތަށް އެރިއެވެ. ފެންވަރާ މީރު ވަސް ދުއްވާލައިގެން އިން ލިއަމްގެ ކަނދުރާގައި ފުރަގަހުން ހޭޒަލް ވަސްގަނެލިއެވެ. އަރްމާނީގެ މީރު ވަސް ހޭޒަލްގެ މުޅި ނަފްސު ހިމޭންކުރުވިއެވެ.

"ހާދަ މީރުވަސް ދުވައޭ" ހޭޒަލް ބުނެލިއެވެ.

"ލޯބި ގުޅަންވާއިރަށް ފެންވަރާލީ" ލިއަމް ބުންޏެވެ.

ބޮޑުތަކުރުފާނު މަގުން ހުޅަނގަށް ލިއަމް އައެވެ. ދުއްވާ އެއްޗެހިން ފުރިފައިވާ މަގުން ހަމަޖެހިލެވުނީ ރާޅުގަނޑު ސަރަޙައްދު ފަހަނަ އަޅާ ދިޔަ ފަހުންނެވެ. ލިއަމްއާ ވާހަކަދައްކަން އިން ހޭޒަލްއަށް ހުޅުމާލެއަށް ދިއުމަށް ބްރިޖާ ދިމާއަށް ދިޔަ ސައިކަލުތަކުގެ ތެރެއިން ދެ މީހަކު ފެނި ސަމާލުވެވުނެވެ. ދުއްވަން އިން ފިރިހެން މީހާ އަޅާފައި ހުރި ހެލްމެޓުގެ ސަބަބުން އެ މީހެއްގެ މޫނު ރީތިކޮށް ނުފެނުނެވެ. އެހެންނަމަވެސް އެ ދެ މީހުންގެ ގައިގާ ވެސް ހޭޒަލް ދަންނަ ވައްތަރު ޖެހިއެވެ. ޔަގީނާ ގާތަށް ފަހަތުގައި އިނީ ކާކުކަން ބުނަން ހޭޒަލްއަށް އެނގުނެވެ.

"ލިއަމް... އެއީ ވީރާ ދޯ" ހޭޒަލް އަވަސް އަވަހަށް ބުންޏެވެ. އެހެންނަމަވެސް ލިއަމްއަށް އެބައެއް ނުފެނުނެވެ. އެވަގުތަކީ ޓްރެޕިކް ލައިޑް ފެހިވެ ހުރިހާ އުޅަނދުތައް ދުއްވާލި ވަގުތަށް ވީމައި ކުއްލިއަކަށް ސައިކަލު މަޑުކޮށްލެވެން ނެތީމައެވެ.

"އައި އޭމް ޝުއާ... އެއީ ހަމަ ވީރާ... ވީރާ ކުއްޖަކާ ރައްޓެހިވީތަ؟ އެކަހަލަ ވާހަކައެއް ނުދައްކާތަ؟" ހޭޒަލް އަހާލިއެވެ.

"އަހަންނަށްވުރެ އޭނާ އެކަހަލަ ވާހަކައެއް ދެއްކިޔަސް ދައްކާނީ ޒެއްލު ގާތު... މަށަށް އޯކޭ އޭނާ ކޮންމެ މީހަކާ ރައްޓެހިވިޔަސް، އޭނާއަށް އެނގޭނީ އޭނާގެ ލައިފް ކުރިއަށް ގެންދާނޭ ގޮތެއް، ޒެއްލުއަށް އެނގޭނެ އެކަހަލަ ކަންތައްތައް ބަލާމީހެއް ނޫންކަން މަށަކީ" ލިއަމް ބުންޏެވެ.

"އެއީ ވީރާ... އެކަމަކު ދެން އެ އިނީ ކާކުބާ؟... ދަންނަ ގޮތެއް ހުރި، އަޅެ މޫނު ފެނުނު ނަމަ" ހޭޒަލްއަށް އަމިއްލަ ހިތާ ވާހަކަދެއްކުނެވެ. މާބޮޑަށް ވެސް އެމީހަކީ ހޭޒަލް ދަންނަ މީހެއްކަމުގެ އިޙްސާސް ހަވަނަ ޙިއްސު ބުނެދޭން އުޅޭތީއެވެ. ލިއަމްގެ ޚިޔާލު މުޅިއަކުން ހޭޒަލްއަށް ކަމަކު ނުދިޔައެވެ. ދިރިއުޅުމެއް ފަށަން ގަސްދުކުރާނަމަ ބައިވެރިޔާ ވާންޖެހޭނީ ރަނގަޅު ހަރަދަނާ ތިމާދެކެ ލޯބިވާނޭ މީހަކަށްކަން ހޭޒަލް ޤަބޫލުކުރެއެވެ. އަދި އެމީހެއްގެ ގައިގާ އަނބިމީހާ ބެލޭނެ ފެންވަރު ހުންނަން ޖެހޭނެއެވެ.

ހޭޒަލް ދުއްވާލަން ބޭނުންވެފައި އިނުމުން ލިއަމް ވެސް ގެއަށް ދާން ޚިޔާރުކުރީ ވީހާ ވެސް ދުރުދުރުންނެވެ. ދާރިން ދިން ޚިޔާލު ހޭޒަލް ކިޔާ ދިނީ ގެއަށް ދިޔަ މަގުމަތީއެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ ލިއަމް އިނެވެ. އެހެން އިނދެފައި އޭނާ ސުވާލުކުރީއެވެ. ދާރިއަން އެވަރުގެ ކަމެއް ކޮށްދޭން ބޭނުންވަނީ ކީއްވެތޯއެވެ. އެ ސުވާލަށް ހޭޒަލްއަށް އެންމެ ފުރިހަމަ ޖަވާބެއް ނުދެވުނެވެ. ދާރިއަންއަކީ ވިޔަފާރިވެރިވީމަ އޭނާ ފަށަން ގަސްދުކުރާ ވިޔާފާރިއަކީ ކަމަށް ހޭޒަލް ބުނެލީ އެވަގުތު ވިސްނުމަށް އެހެން އެރީމައެވެ. ޚުދު އޭނާ ވެސް ދާރިއަން އެކަހަލަ އިންވެސްޓެއް ކުރަން އުޅޭތީ ސުވާލު އުފެދުނެވެ. މިޒަމާނަކީ އަނެކާއަށް ހެޔޮވެގެން ތިމާއަށް ގެއްލުންވިޔަސް ހެޔޮކަމަށް ކަންކަން ކޮށްދީ ހަދާ ޒަމާނެއްނޫނެވެ.

"ޒެއްލު ބޭނުންވަނީ ކިހިނެއް؟ އެނގޭދޯ އަހަރެން އެއްވެސް ކަމެއް މަނައެއްނުކުރާނެކަން" ލިއަމް ބުންޏެވެ. ހޭޒަލް ހޫންއެއް ލައްވާލަމުން ލިއަމްގެ ކޮނޑުގައި ދަތްދޮޅި އަޅުވާލިއެވެ.

"ލިއަމް ވެސް ވަރަށް ބިޒީއެއްނު، އެ ހުރިހާ އިރު ކަމެއްނެތިފަ ގޭގަ ހުރުމަށްވުރެ ކޮންމެވެސްކަމެއް ކުރަން އޯކޭއެއްނު، އަހަރެން މިހާރު އެއްގޮތަކަށް ވެސް ބޭނުމެއްނޫން އޮފީހަކަށް ދާކަށް، އެހެންވީމަ ގޭގައި ހުރެގެން އަހަރެންނަށް ޔަގީނުން ވެސް ކުރަން އެނގޭވަރު މަސައްކަތެއް ކުރަން ސަޅިއެއްނު ދޯ.... އަހަރެން ވެސް ހިތަށް އަރަނީ މިކަން ވެއްޖެއްޔާ ވަރަށް ސަޅިވާނޭ، ނޫންތަ؟ މިކަމުން އަހަރެންނަށް ލިބޭނެ ގެއްލުމެއް ވެސް ނެތް" ހޭޒަލް ވަރަށް ގިނަ ގޮތްގޮތަށް ވާހަކަދެއްކިއެވެ.

"ތީގެ މާނައަކީ ހޭޒަލް އެ އޮފާ ޤަބޫލުކުރަން ބޭނުމޭ ދޯ" ލިއަމް ބުންޏެވެ. ލިއަމް ދުއްވަން އިނީތީ އޭނާގެ މޫނެއް ހޭޒަލްއަކަށް ނުފެނެއެވެ. އެހެންވެ އެ މޫނުގައިވާ އަސަރެއް ހޭޒަލްއަކަށް ނޭނގެއެވެ. އޭނާ ބޭނުންވާގޮތް ލިއަމް ދެނެގަނެ ޤަބޫލުވީތީ ހޭޒަލް އުފާވިއެވެ.

ގޭ ކައިރިން ޕާކުކޮށްލާނޭ ތަންކޮޅެއް ނުލިބުމުން ދޮރުމައްޗަށް ހޭޒަލް ބާލާފައި ލިއަމް ސައިކަލު ދުއްވާލީ ދުރަށެވެ. ދޮރުމަތީ ހޭޒަލް މަޑުކޮށްލައިގެން ހުރީ ލިއަމް ދިޔަ ދިމާއަށް ބަލާށެވެ. އެހެން ހުއްޓާ ފިރިހެނަކު ގޮވާލި އަޑު އަނެއްފަރާތުން އިވި އެ ދިމާއަށް ބަލާލިއެވެ.

"ހޭޒަލްހެން ހީވެގެން މި ގޮވާލީ ވެސް، ހާދަ ޗޭންޖޭ... މިހިސާބުގަތަ އުޅެނީ" އަޅިކުލައިގެ ޓީޝާޓަކާއި ކާކީ ސޯޓެއްގައި ހުރި މެދު އިސްކޮޅެއްގެ ޒުވާނަކު ހޭޒަލްއާ ދިމާއަށް އަންނަމުން އަހާލިއެވެ.

"ރަބަރޭ..." ކުޑަކޮށް ހިނިއައިސްފައި ހޭޒަލް ބުނެލިއެވެ.

"ދެން އެނަމުން ނުގޮވާ، މީހުން ހީކުރާނީ ކީކޭ..." އެ ޒުވާނާ ވެސް ޖަހާލީ ހިނިގަނޑެކެވެ.

"ހުސެން މިހިސާބުގަ ކީއްކުރަނީ؟" އެ ޒުވާނާގެ އަސްލު ނަމުން ހޭޒަލް މުޚާޠިބުކުރިއެވެ.

"އެފަރާތުގައި އެހުރީނު ފެހިކުލަ ލާފާ ހުރި ގެއެއް، އެގެއިން ތަނެއް ކުއްޔަށް ހިފައިގެން ހުންނަނީ، ހޭޒަލް ވެސް އުޅެނީ މިހިސާބުގަ ދޯ... ތީ ގެތަ" ހުސެން ބުންޏެވެ.

"ނޫން... މީ ފިރިމީހާގެ ޢާއިލާ އުޅޭ ގެ" ހޭޒަލް ދޮގެއް ހެދިއެވެ.

"އެހެންތަ!...." ހޭޒަލް މަޑުކޮށްލައިގެން ހުރި ގޭގެ އިމާރާތަށް ހުސެން ވަރަށް ރަނގަޅަށް ބަލާލިއެވެ.

"އޭތް!.. ތީ ވަރަށް ހެއްވާ ގޮލައެއް އިނގޭ... އަހަރެމެންނާ އެއްކޮށް ގުޅުން ކަނޑާލީ، ކޮފީގަނޑަކަށް ވެސް އަރާލަން ނާދޭ، މެރީ ކުރީމަ ދޯ... ފިރިމީހާ ރުޅި އަންނާނެ ދޯ އެހެން ފިރިހެނުންނާ ވާހަކަދައްކަންޏާ" ހުސެން ބުނެލީ ހޭޒަލްގެ މޫނަށް ބަލާލަމުންނެވެ.

"ދެން މީހަކާ އިނީމަ ކުރީގަ އުޅުނުހާ ފްރީކޮށެއް ނޫޅެވޭނެއެއްނު، އޭނާ އެއްވެސް ކަމެއް މަނާކޮށްގެންނެއްނޫން... ހުސެން މީހަކާ އިންނާކަށް ނުވޭތަ؟... އިހުގެ އުޅުން ދޯ ތިއުޅެނީ، ރަބަރޭގެ ލަޤަބު ދުއްވާލުމުގެ ޚިޔާލެއް އަދިވެސްނެތް" ހޭޒަލް ބުންޏެވެ. ހުސެން ޖަހާލީ ލުއި ހިނިގަނޑެކެވެ.

"އަހަރެން މީހަކާ އިންނަ ދުވަހުން އެންމެންނަށް ދަޢުވަތު ދޭނަން، ހޭޒަލްހެން ސިއްރުންނެއްނޫނޭ ކުރާނީ... ފާރިޝް ވެސް ބުންޏޭ ހޭޒަލްއަށް އަހަރެމެންގެ ކުރައުޑް ކަމުނުދިޔައީއޭ... މެރީކުރާ ވާހަކަ ދައްކަދައްކާފާ ކުއްލިއަކަށް ގެއްލުނީވިއްޔާ، އަހަރެމެންނަށް ވާންއުޅޭ ފިރިސޮރު ވެސް ދައްކާނުލި... އޭރު ހާދަ މަޖައޭ... މިހާރު ކްރައުޑް ވެސް ކުޑަވެއްޖެ" މާޒީގެ ދުވަސްތައް ހަނދާންކުރަމުން ހުސެން ބުންޏެވެ.

"އެހެރަ އަންނަނީ އަހަރެންގެ ފިރިމީހާ... ދެން ދަނީ އިނގޭ" ލިއަމް އަންނަތަން ފެނިގެން ހޭޒަލް ބުނެލިއެވެ.

"ކޮބާތަ މިހާރު ބޭނުންކުރާ ނަންބަރު، ދީބަލަ... އޭރުންނު ގުޅާލެވޭނީ..." ލިއަމްއަށް ބަލަން ހުރެފައި ހުސެން ބުންޏެވެ.

"ދެން އެހެންފަހަރަކުން" ހޭޒަލް ހުރީ ހުސެން ފޮނުވާލަން ބޭނުންވެފައެވެ.

"އޯކޭ... މިހިސާބަށް އަންނަންޏާ ދިމާވާނެތާ، ފިރިމީހާއަށް އަހަރެން އިންޓްރޮޑިއުސް ނުކޮށްދޭނަންތަ؟" ހުސެން ހުރީ ލިއަމްއާ ވެސް ބައްދަލުކުރަން ގަސްދުކޮށްގެން ކަހަލައެވެ. އެގޮތް ހޭޒަލްއަށް ކަމުނުދިޔަ ނަމަވެސް ކުރެވޭނެކަމެއް ނެތެވެ.

"ލިއަމް... މީ ހުސެން... ކުރީގެ ފްރެންޑެއް" ހޭޒަލް ބުނި އެއްޗަކުން ހުސެންގެ ނަޒަރު ހޭޒަލްއަށް ހުއްޓުނެވެ.

"ކިހިނެއްތަ؟ ހޭޒަލް މެރީ ކުރަމުން އަންގާ ވެސް ނުލާ، އަހަރެމެންނަށް އެއްކޮށް ގެއްލުނީ" ހުސެން ބުންޏެވެ. އަދި އޭނާ ސަލާމަށް ދިއްކޮށްލި އަތުގައި ލިއަމް ހިފިއެވެ. ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"އޯކޭ ހުސެން، ދަނީ ދެން..." ލިއަމްގެ އަތުގައި ހިފާލަމުން ހޭޒަލް ބުންޏެވެ. އަދި ހުސެން އިތުރަށް ވާހަކަދައްކާނޭ ފުރުޞަތު ނުދީ ދޮރޯށި ހުޅުވާލައި ލިއަމްއާއެކު އެތެރެއަށް ވަނެވެ.

އެޕާޓްމެންޓަށް ވަދެވުމާއެކު ލިއަމް އެދުނީ ފެންތަށްޓެއް ގެނެސްދިނުމަށެވެ. ހޭޒަލް ފެންތަށި ހިފައިގެން އައިސް ސޯފާގައި އިން ލިއަމްއަށް ދިއްކޮށްލުމުން އޭނާގެ ސުވާލު ކުރިމަތިވިއެވެ. ހުސެންނަކީ ކާކުތޯ ލިއަމް އެއްސެވެ.

"އެއީ މެރީ ކުރުމުގެ ކުރީގެ ފްރެންޑެއް، އަހަރެން އެހާ ލައިކްނުވާތީ އޭނާއާ މާގިނަ ވާހަކަދައްކަން ބޭނުންނުވީ، އަންހެނުންގެ ކަންތައް ވަރަށް ބޮޑުވާނެ، ވަރަށް ބިޓިންވާނެ... އެހެންވެ އޭނާއަށް އަހަރެމެން ރަބަރޭ ކީ ވެސް، އޭނާގެ އަތުގައި ކޮންޑޮމްސް ނުހުންނަ އިރެއްނުދާނެ، އޭނާއާއެކު އަދި އުޅޭނެ ފާރިޝްއެއް، އެ ދެމީހުން ވެސް އެވަރުވާނެ، އޭރު ދެން އެމީހުންނާއެކު އުޅޭއިރު އެމީހުންގެ ވާހަކަތައް އަޑުއަހާލަން މަޖާ، އެކަމަކު މިހާރު އަހަރެންމީ އޭރުގެ ހޭޒަލްއެއްނޫން... އެކަހަލަ މީހުންނާ ގުޅުން ބާވާކަށް ވެސް ބޭނުމެއްނޫން" ހޭޒަލް އޮޅުން ފިލުވައިދިނެވެ.

"އަނެއްކާ ޒެއްލުއަށް އެޕްރޯޗުކުރީތަ" އިރުކޮޅަކު ވިސްނަން އިންފަދައިން ހިމޭންވެފައި ލިއަމް އިނުމަށްފަހު އަހާލިއެވެ.

"ނޯ!... ނޯވޭ... ވީ އާ ޖަސްޓް ފްރެންޑްސް، ފާރިޝް އެއީ ސްކޫލް އިރުގެ ފްރެންޑެއް، އޭނާގެ ފަރާތުން ހުސެންއާ ދިމާވީ... އެމީހުން ވެސް އެކަހަލަ ގޮތަކަށް އަހަރެންނާ މެދު ނުދެކޭ، އެނގޭނެ އަހަރެންނަށް އެކަހަލަ ދިރިއުޅުމެއް ކަމަކުނުދާނެކަން، އަހަރެން އެ ކްރައުޑްއާ އެއްކޮށް އޭރު އުޅުނީ ވައިފިލުވަން" ހޭޒަލް ތެދަށް ބުންޏެވެ. ހަމައެއާއެކު އޭނާގެ ބޮލުގައި ރިއްސާލިއެވެ. ހުސެން ކަހަލަ ރަޙުމަތްތެރިންނަކީ ދިރިއުޅުމަށް އެޅޭނޭ ކަޅު ހިޔަންޏެއް ފަދަ ބައެއްކަމެވެ. ލިއަމް އިތުރު ވާހަކައެއް ނުދެއްކުމުން ހޭޒަލް ވެސް ބޭނުންވީ އެ މައުޟޫޢު ދޫކޮށްލާށެވެ.

* * * * *

ފޯނުގައި އިން ހޭޒަލް ވާހަކަދެއްކީ ނަޝާއާއެވެ. ހުސެންއާ ދިމާވެގެން ވީ ކަންތައްތަކުގެ ވާހަކަ ހޭޒަލް އެކުވެރިޔާއަށް ކިޔާ ދިނެވެ. އޭރު ލިއަމްވީ އޮފީހުގައެވެ. ހޭޒަލް އުޅުނީ ބަދިގޭގައެވެ. މެންދުރަށް ކުޅިމަހާއި ސެލެޑެއް ހަދާށެވެ. ފޯނު ހުރީ ކަބަޑުތަކުގެ މަތީ ހުރި ކުޑަ ސްޓޭންޑަކަށް ޖަހައިފައެވެ. ވީޑިއޯ ކޯލު ކޮށްފައި ހުރުމުން އިސްކުރީނުން ނަޝާ އުޅޭނޫޅޭ ގޮތް ވެސް ފެނެއެވެ. ދޭތެރެއަކުން ދެ އެކުވެރިންގެ ނަޒަރު ބައްދަލުވެއެވެ.

"އޭތް!... ދެން ބޭއްވީ އިނގޭ، ފިހާރައަށް ދާން ޖެހިއްޖެ" ހޭޒަލް ބުންޏެވެ. ނަޝާގެ ފޯނުކޯލު ނިންމާލާފައި ހޭޒަލް ގުޅާލީ ލިއަމްއަށެވެ. އޭނާ ފޯނަށް ޖަވާބެއް ނުދެއެވެ. އެހެންވެ ހޭޒަލް ފިހާރައަށް ދާން ނުކުންނަނީކަން ލިއަމްއަށް މެސެޖުކޮށްލީއެވެ. ލިއަމް ފޯނު ނުނަގާނަމަ ހޭޒަލް ކަންތައް ކުރާ ގޮތަކީ އެއީއެވެ. އޭނާ ލިއަމް ގާތު ނުބުނެ ގެއިން ބޭރަކަށް ނުނިކުމެވެ.

މާފަންނު މަޖީދީމަގުގައި ހުރި ވީބީ މާޓަށް ހޭޒަލް އައިސް ވަނެވެ. އޭނާގެ ދިގު އިސްތަށިގަނޑުގައި އެއްފަރާތަށް ވާހެން ދޫ ހުޅިއެއް ޖަހާފައި ހުއްޓެވެ. ގަންނަ އެއްޗެހި އަޅާނޭ ވަށިގަނޑެއް ނަގައިގެން ހޭޒަލް އެތެރެއަށް ހިނގައިގަތެވެ. ކަމުދާ އެއްޗެއް ފެނުމުން އެ ނަގައި ވަށިގަނޑަށް ލައެވެ. ހޭޒަލް ގަންނަން އައީ ތަރުކާރީ ކޮޅެކެވެ. އެ ހިސާބަށް އޭނާއަށް އާދެވުނުއިރު ވަށިގަނޑަށް އެތައް އެއްޗެއް އެޅިއްޖެއެވެ. ތަރުކާރީ ބައިގައި ހުރި ބާވަތްތަކަށް ފަރުވާތެރިކަމާއެކު ބަލަން ހޭޒަލް ހުއްޓާ މީހަކު އޭނާގެ އަތުގައި ހިފިއެވެ.

"މީނަ މިތަނަށްވަނީ ކޮންއިރަކު" ސިހިފައި އެނބުރެވުނު އިރު ހޭޒަލްގެ އަތުގައި ހިފީ ކާކުކަން ފެނުމުން ހިތާ ހިތާ ބުނެލިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަން މަސައްކަތް ކުރަމުން ހޭޒަލް އަތް ދަމައިގަތެވެ.

"ޒެއްލު... ވަޓް އަ ސަޕްރައިޒް" ފިރިހެންވަންތަ އަޑުން ބުނެލިއެވެ.

"ސައިފް..." ހޭޒަލް މަޑުމަޑުން ބުނެލިއެވެ.

"އެކަނިތަ؟" ވަށައިގެން ނަޒަރު ހިންގާލަމުން ސައިފް އަހާލިއެވެ. ހޭޒަލް ފާޑަކަށް ފިނިވާގޮތްވިއެވެ. ކުއްލިއަކަށް އެހާ ގާތުން ސައިފްއާ ބައްދަލުވީމައެވެ.

"ނުބައި މީހުންނާ މިދިމާވަނީ އެންމެ ނުބައި ގަޑީގަ... ފުރަތަމަ ރަބަރޭ، މިހާރު މީނަ... އޯ ގޯޑް" ހޭޒަލްއަށް ހިތާހިތާ ކިޔާލެވުނެވެ. އަދި އަވަސް އަވަހަށް ބޭނުންވާ ތަރުކާރީކޮޅު ވަށިގަނޑަށް ލައި ހިނގައިގަތެވެ. އެހިނދު އަނެއްކާ ވެސް ހޭޒަލްގެ އަތުގައި ސައިފް ހިފައިފިއެވެ.

"ވަޓް އާ ޔޫ ޑުއިން" ލޯ ބޮޑުކޮށްލަމުން ހޭޒަލް ބުނެލީ ސިއްރުންނެވެ. އެތަނުގައި ދެން އުޅޭ މީހުނަށް އެ ދެމެދުގައި ހިނގާ ކަންކަން ފާހަގަވެދާނޭތީއެވެ. މިފަހަރު ވެސް ސައިފްގެ އަތުން ހޭޒަލް އަތް ދަމައިގަތެވެ.

"މަޑުކޮށްބަލަ... ޕްލީޒް..." ސައިފް އާދޭހުގެ ގޮތަކަށް ބުނެލިއެވެ.

"އަހަރެން ވަރަށް ލަސްވެގެން މިއުޅެނީ، އެންޑް ޕްލީޒް... ޑޯންޓް ޓަޗް މީ" ހޭޒަލް މަޑުމަޑުން ބުންޏެވެ.

"އޯކޭ!... ދެން ލިސްން ޓު މީ ޕްލީޒް... ކީއްވެތަ އެފްބީގަ އަހަރެން ބްލޮކްކޮށްލާފަ އިނީ، އަހަރެން ރިކުއެސްޓް ފޮނުވަނީ ޒެއްލުއާ ވާހަކަދައްކާލަން ބޭނުންވެގެން، ޖަސްޓް އޭޒް ފްރެންޑްސް، އަހަރެންނަށް އެނގޭ ޒެއްލު އުޅެނީ މެރީކޮށްގެންކަން، އަހަރެންމީ އެކަހަލަ މީހެއްނޫނެއްނު، އަހަރެން ދެމަފިރިން ދޭތެރެއަކަށް ނުވަންނާނު... ކާންޓް ޔޫ ބީ އަ ލިޓްލް އޯޕަން މައިންޑެޑް... އައި ޓްރޫލީ ވޯންޓްސް އަސް ޓު ބީ ފްރެންޑްސް..." ސައިފްގެ އަޑު ވެސް ހުރީ ކިރިޔާ ހޭޒަލްއަށް އިވޭ ވަރަށެވެ.

"ތިކަހަލަ ވާހަކަ ދައްކަން މީ އެންމެ ރަނގަޅުތަނެއްނޫން" ހޭޒަލް ބުންޏެވެ.

ހޭޒަލް އައިސް ފައިސާ ދައްކާ ކައުންޓަރު ކައިރީ މަޑުކޮށްލިއެވެ. ސައިފް ހުރީ ހޭޒަލްގެ ފަހަތުގައެވެ. ފައިސާ ކަނޑާ ނިމި ގަތް ތަކެތި އަޅާފައި ހުރި ދެ ކޮތަޅު އަތަށް ހެޔޮވަރު ކޮށްލުމާއެކު ހޭޒަލް ހިނގައިގަތީ ނުކުންނާށެވެ. ދަމާބާރަކުން ހޭޒަލްއާ ދިމާއަށް ދަމަމުން ގެންދާހެން ހޭޒަލްގެ ފަހަތުން ސައިފް ވެސް ނުކުތެވެ. އޭނާ ހޭޒަލްގެ ފަހަތުން އަންނާތީ އެކަމާ ހޭޒަލް ކަންބޮޑުވިއެވެ.

"ކީއްވެތަ ފަހަތުން ތިއަންނަނީ؟" ހޭޒަލް އެއްސެވެ.

"ޒެއްލު ވަކި ޖަވާބެއް ނުދޭތީ" ސައިފް ބުންޏެވެ.

"ކޮންކަމަކަށް؟" ހޭޒަލް އެ އަސަރުތަކެއް ފާޅުނުކުރި ނަމަވެސް ސައިފްއާ ބައްދަލުވުމުން އޭނާ އެ ހުރީ ވަރަށް ހާސްވެފައެވެ.

"ޒެއްލު ބުނީ ވާހަކަދައްކަން އެ މާޓުތެރެ ކަމަކުނުދެޔޭ، އަހަރެން މިއެދެނީ އެކުވެރިކަމަށް... ނަންބަރު ދީބަލަ، އަހަރެން ގުޅާފާނަމޭ" ސައިފް ބުންޏެވެ.

"މިހާރު ސައިފްއާ ފޯނުން ވާހަކަދައްކަން އިންނާނޭ ވަގުތެއް އަހަރެންނަކަށް ނޯންނާނެ" ނަންބަރު ނުދޭންވެގެން ހޭޒަލް ބުންޏެވެ.

"އެހެންވީރު އެޕްބީއިން އަންބްލޮކް ކޮށްބަލަ... އެތަނުން އެޓްލީސްޓް ވާހަކަދެއްކޭނެއެއްނު، މިވަގުތު އަހަރެން މިއުޅެނީ އަސްލު ވަރަށް ބޯގޮވައިގެން، އަހަރެންގެ ވާހަކަތައް އަންޑަސްޓޭންޑްވާވަރުގެ ފްރެންޑެއް ބޭނުން، ޒެއްލު ކަހަލަ ގާލްއަކާ އަދި ދުވަހަކުވެސް ދިމައެއްނުވޭ، އައި ނޯ... އެވްރިތިންގް ވޯޒް މައި ފޯލްޓް... އަހަރެން ހާދަ ދެރަވެޔޭ އެކަމާ މިހާރު... ބަޓް ޕާސްޓް އިޒް ޕާސްޓް ދޯ... ޒެއްލު މޫވްއޮން ކުރިކަން އެނގުނީމަ އަހަރެން ވެސް އަމިއްލަ ހިތަށް ވިސްނައިދިނީ އެހެން، އެނގޭތަ!... އަހަރެން މެރީޑް، ކިޑެއް ވެސް އެބަހުރި" ސައިފް ބުންޏެވެ. ހޭޒަލްގެ ފިޔަވަޅުތައް މަޑުޖެހިލުމާއެކު ސައިފްއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ.

"ކޮންގްރާ... އައި އޭމް ހެޕީ ފޯ ޔޫ" ކުރިމައްޗަށް ނަޒަރު ހުއްޓާލަމުން ހޭޒަލް ބުންޏެވެ. އޭރު ގެއާ ހަމައަށް ހޭޒަލްއަށް އާދެވިއްޖެއެވެ. އޭނާ ގޭގެ ދޮރޯށި ކައިރީ މަޑުކޮށްލައި ސައިފްއަށް ބަލާލިއެވެ.

"މީ އަހަރެންގެ ގެ... ދަނީ" ހޭޒަލް ބުންޏެވެ.

"އަހަރެންނަށް ދަޢުވަތެއް ނުދޭނަންތަ؟ ތި އަތުން ފެންތަށްޓެއްހާ ހިސާބު ވެސް ނުލިބޭނެތަ؟" ސައިފް އަހާލީ ހޭޒަލްގެ ލޮލުން ކަމެއް ހޯދާ ފަދައިންނެވެ.

"ފަހުން ދެން ވާހަކަދައްކާނީ، ގޭގަ އުޅޭނެ ފިރިމީހާގެ ޢާއިލާ" ނޫނެކޭ ދިމާލަށް ބުނަން ނުކެރިގެން ހޭޒަލް ބުންޏެވެ.

"އަހަރެން ފޮނުވާލަން ބޭނުންވަނީ ދޯ... ތިބުނާ ފަހަކުން ބައްދަލުވާނީ އަހަރެންނާ ބައްދަލުވާނޭ ގޮތެއް އެނގިގެންނު، ޒެއްލު ނަންބަރު ނުދިނަސް އަހަރެންގެ ނަންބަރު ދީފާނަން" ސައިފް މިހެން ބުނެ އޭނާގެ ފަޓުލޫނުގެ ޖީބުން ވޮލެޓް ނެގިއެވެ. އަދި އެ ވޮލެޓުން ނެގި އެޑްރެސް ކާޑެއް ހޭޒަލްއަށް ދިއްކޮށްލިއެވެ.

"އައި ޑޯންޓް ވޯންޓު ފްލާޓް ވިތް ޔޫ... ޖަސްޓް އަ ޓޯކް... އޭޒް ފްރެންޑްސް" ހޭޒަލް ކާޑުގައި ނުހިފަން ހުރިހެން ހީވުމުން ވަކިން ބޮޑަށް އޭނާއާ ގާތަށް ކާޑު ދިއްކޮށްލައި ސައިފް ބުންޏެވެ.

"ދެން ދަނީ" އެޑްރެސްކާޑުގައި ހިފިގޮތަށް ހޭޒަލް ބުންޏެވެ. އަދި ދޮރޯށި ހުޅުވާލުމާއެކު ހަލުވިކޮށް އެތެރެއަށް ދެމިގަނެ ދޮރު ލައްޕައިފިއެވެ.

އޯޓޯ ތަޅު ލެވުނު ދޮރޯށީގެ އެތެރެއިން ހޭޒަލްއަށް ލެނގިލެވުނެވެ. ފުންނޭވާއެއް ދޫކޮށްލީ ސައިފްއާ ދުރަށް ދެވުނުކަން ޔަގީންވީމައެވެ. އަދި މަޑުމަޑުން ވައަތުގައި އޮތް އެޑްރެސް ކާޑަށް ބަލާލިއެވެ. އޭނާއަކީ އަމިއްލަ ޓީވީ ކުންފުންޏެއްގެ ޖެނެރަލް މެނޭޖަރެވެ. އެފަދަ މަޤާމެއްގައި ސައިފް ހުރެދާނޭ ހޭޒަލް ހިޔެއްނުކުރެއެވެ.

"ސައިފް އަސްލު ވެސް ބަދަލުވީތަ؟... އެބުނީ މެރީކޮށް ކުއްޖަކު ވެސް އެބަހުއްޓޭ، ކުރިއަށްވުރެ ހަރުދަނާވީ ކަންނޭނގެ، އެހެންވެއްޖެއްޔާ އޭނާ އަސްލު ވެސް އެ އުޅެނީ ރަޙުމަތްތެރިކަން ބޭނުންވެގެންބާ" ހޭޒަލްގެ ހިތަށް އެރިއެވެ. އެޑްރެސް ކާޑުގައިވި މަޢުލޫމާތު ހޭޒަލްގެ ހިތުގައި ސައިފްއާމެދު ޝައުގުވެރިކަން އުފެއްދިއެވެ. އޭނާގެ ދިރިއުޅުމުގެ ކަންކަން އެނގެން ހޭޒަލް ބޭނުންވިއެވެ. ނަމަވެސް އޭނާގެ ޟަމީރު ގޮވާލީ ލިއަމްގެ ނަމެވެ. ސައިފްގެ ޚިޔާލުތަކާ ދުރުވެލަން ހޭޒަލް ބޭނުންވީ މާޒީގެ އެ ސޮފުހާތައް ނިއުޅަން ބޭނުންނުވާތީއެވެ.

އެޕާޓްމެންޓަށް ވަދެވުމުން ގަނެގެން ގެނައި އެއްޗެހި ބަދިގޭގައި ބަހައްޓާފައި ހޭޒަލް އަވަހަށް ފޯނު ނެގިއެވެ. އޭނާ ފޮނުވި މެސެޖަށް ލިއަމް ޖަވާބު ދީފައި ނެތްކަން އެނގުނީ ފޯނު ބަލާލުމުންނެވެ.

"އައި މިސްޑް ޔޫ... ޕްލީޒް ޕިކް އަޕް" ރިންގުވަމުންދިޔަ ކޯލު ލިއަމް ބިޒީ ކޮށްލުމުން ހޭޒަލްއަށް ބުނެވުނެވެ. މިވަގުތު އޭނާ އެ އިނީ ލިއަމްގެ އަޑުއަހާލަން ނުހަނު ބޭނުންވެފައެވެ. (ނުނިމޭ)