ކުޅިވަރު

ނިހާޓް، ހުސެންއަށް އަދިވެސް ވިސާ ހަމަނުޖެހޭ

ގައުމީ ޓީމުގެ މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް) އާއި ގޯލްކީޕަރު ހުސައިން ޝަރީފަށް ވިސާ ނުލިބުމުން އެ ދެ ކުޅުންތެރިންނަށް ގުއާމަށް ނުފުރި ސްރީލަންކާގައި މަޑުކުރަން ޖެހިއްޖެ އެވެ.

ނިހާޓް އާއި ހުސައިން ފިޔަވައި ޓީމުގެ އެހެން ކުޅުންތެރިން ވަނީ މިދޔަ ހޮނިހިރު ދުވަހު ގުއާމަށް ގޮސްފަ އެވެ. ގައުމީ ޓީމުގެ މެނޭޖަރު ޔާމީން އިބްރާހިމް އޭރު ވިދާޅުވީ ނިހާޓާއި ހުސައިނަށް ވިސާ އަށް އެދި އިއްޔެ އެމްބަސީއަށް ހުޅުވުމުން އެމްބަސީއަށް ދާނެ ކަމަށެވެ.

ނަމަވެސް އިއްޔެއަކީ، އެމެރިކާގެ މަސައްކަތްތެރިންގެ ދުވަސް ކަމަށް ވުމުން އިއްޔެއަކީ ބަންދު ދުވަހެކެވެ. ނިހާޓާއި ހުސައިންގެ އިތުރުން ލަންކާގައި މި ވަގުތު ތިބީ މެނޭޖަރު ޔާމީން އާއި ޓީމުގެ ފިޓްނަސް ކޯޗް މިރުކޯ ކުރުނިޗް އެވެ.

ނިހާޓާއި ހުސައިނަށް ވިސާ ހޯދުމުގެ ކަންކަމުގައި ލަންކާގައި ހުންނަ ދިވެހި އެމަބަސީއާ ގުޅިގެން މަސައްކަތް ކުރަމުންދެ އެވެ.

އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވެސް ޓީމުގައި މި ވަގުތު ނެތް އިރު ނިހާޓަށް ޓީމާއެކު ނުދެވުމަކީ މިޑްފީލްޑްގައި ޓީމަށް ހައްލު ކުރަން އުނދަގޫ މައްސަލައަކަށް ވާނެ އެވެ. މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުން ގަވާއިދުން ލިބެން ފެށި ފުރުސަތުގައި ނިހާޓް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ޓީމުގެ ކީޕަރުންގެ ގޮތުގައި މިވަގުތު ތިބީ، އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލާއި އިބްރާހިމް ލަބާނެވެ. ބަދަލު ދެ ކީޕަރުން ވެސް ބެންޗުން ޖާގަ ލިބޭއިރު ހުސައިނަށް ޓީމާއެކު ނުދެވުމަކީ އޭނާ އަށާއި ޓީމަށް ކުރިމަތިވާނެ މައްސަލައެކެވެ.

ލަންކާގައި އެ ދެ ކުޅުންތެރިންގެ ޓްރެއިނިންތައް ކުރިއަށް ގެންދަން ފިޓްނަސް ކޯޗް މިރުކޯ ކުރުނިޗް މަޑު ކުރި ނަމަވެސް ޓެކްޓިކަލް ޓްރެއިނިންތައް އެ ދެ ކުޅުންތެރިންނަށް ކުރިއަށް ނުގެންދެވޭނެ އެވެ. މި މައްސަލަ އެންމެ ބޮޑަށް ދިމާ ވާނީ ކީޕަރު ހުސައިނަށެވެ. ގޯލްކީޕަރު ކޯޗް އަސްލަމް އަބްދުރަހީމް އާއެކު އަނެއް ދެ ކީޕަރުން ގުއާމްގައި ޓްރޭނިން ކުރިއަށް ދާއިރު އޭނާ ހުންނަން ޖެހޭނީ ލަންކާގަ އެވެ.

ގުއާމާއި ރާއްޖެ ކުޅޭ މެޗު އޮންނާނީ އަންނަ ބުރާސްފަތ ދުވަހު އެވެ. މެޗު ކުޅޭނީ ރާއްޖޭ ގަޑިން އެދުވަހު ހެނދުނު 10:30 ގަ އެވެ.