މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާގުޅޭ ގޮތުން ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަން އިން އެކުލަވާލާފައިވާ ރިޕޯޓުގައި ފާހަގަ ކުރި ކަންކަމުގެ މައްޗަށް ބިނާކޮށް ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަރު ކޮމިޝަން އެކުލަވާލުމުގެ އެއް މަގްސަދަކީ ރިލްވާނަށް ވީގޮތް ހޯދައި އެކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށާއި އެފަދަ ކަމެއް މުޖުތަމައުގައި ނުހިނގުމަށް އަޅަން ޖެހޭ ފިިޔަވަޅުތައް އެޅުމަށް ކަމަށެވެ.
އެހެންކަމުން ރިލްވާންގެ މަރާ ގުޅޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
މަރު ކޮމިޝަން އިން ކުރި ތަހުގީގު ރިޕޯޓު ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް ވަނީ ހިއްސާކޮށްފަ އެވެ. އަދި އެ ރިޕޯޓުގެ ހުލާސާއެއް ވަނީ އާންމުކޮށްފަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ރިލްވާން މަރުވާން ދިމާވި އެއް ސަބަބަކީ އެ ދުވަސް ވަރު ދީނީ މިނިވަންކަން ރާއްޖޭގައި ގާއިމް ކުރަން ބެނުންވާ ފަރާތްތަކާއި ދީނުގެ ނަމުގައި ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތަކާ ދެމެދު ހިނގި އަރާރުންވުންތަކެވެ. އަދި އެ އަރާރުންވުންތަކުގައި ރިލްވާންއަށް މަރުގެ އިންޒާރުދިނުމަށް ފަހު އޭނާ ރަހީނުކޮށް ކަނޑުމަތީގައި ބޯ ބުރިކޮށްލައި މަރާލި ކަމަށް ރިޕޯޓުގައިވެ އެވެ.