އައިޝާ ޝުޖޫން

ސުޖޫން ބާ ކައުންސިލުން އިސްތިއުފާ ދެއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައިޝާ ސުޖޫން އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދިނުމުން، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން ޝުޖޫން އިސްތިއުފާ ދެއްވައިފި އެވެ.

ބާ ކައުންސިލުން އިސްތިއުފާ ދިންކަން ހާމަކުރައްވާ ޝުޖޫން ކުރެއްވި ޓުވީޓުގައި ވިދާޅުވީ، މިއަދުން ފެށިގެން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން އިސްތިއުފާ ދޭ ކަމަށާއި، ބާ ކައުންސިލްގެ ފަރާތުން މިހާތަނަށް ލިބުނު އެއްބާރުލުންތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސްވީ 62 މެމްބަރުންގެ ވޯޓާއެކުއެވެ. ރުހުން ދޭން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ. ސޫޖުން ވަނީ މީގެ ކުރިން ސިވިލް ކޯޓުގެ ފަޑިޔާރުކަން ވެސް ކޮށްފަ އެވެ. 2014 ގައި ސިވިލް ކޯޓުން އިސްތިއުފާދެއްވިއިރު، އެކަމަނާ އަކީ ރާއްޖޭގައި ފަނޑިޔާރުކަން ކުރުމުގެ ފުުރުސަތު އެންމެ ފުރަތަމަ ލިބިވަޑައިގަތް އަންހެން ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އައްޔަން ކުރަންވެސް މަޖިލީހުން ވަނީ ރުހުން ދީފަ އެވެ. މިއީ ރާއްޖޭގެ ތާރިހުގައި ފުރަތަމަ ފަހަރަށް މަތީ ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރަން މަޖިލީހުން ރުހުން ދިން ފަހަރެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ދެ އަންހެން ބޭފުޅުންގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވީ، ސުޕްރީމް ކޯޓުގެ ބެންޗަށް އިތުރު ދެ ފަނޑިޔާރުން ތިބޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް މަޖިލީހުން އިސްލާހު ގެނައުމުންނެވެ.