ވިޔަފާރި

ސާވިސް ޗާޖު ލިސްޓުގެ ދެވަނައަށް އިތާފުށި

Sep 4, 2019
1

އެންމެ ގިނައިން ސާވިސް ޗާޖު ދޭ ރިސޯޓް ލިސްޓްގެ ދެވަނައަށް މި އަހަރުގެ ޖުލައި މަހު ހުޅުވި ވާލްޑޮފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓް އަރައިފި އެވެ.

ސާވިސް ޗާޖުގެ މައުލޫމާތު ހާމަ ކުރާ "މޯލްޑިވްސްއެސްސީ ޑޮޓްކޮމް" އިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ޝެވަލް ބްލަންކް ރަންދެލި ރިސޯޓުންނެވެ. އެ ރިސޯޓުގައި މަަސައްކަތް ކުރާ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 1,286.93 (19,844.46ރ.) ދީފައިވެ އެވެ. އަދި ދެވަނައަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދިން މާލެ އަތޮޅު އިތާފުށީގައި ހުޅުވި، ހިލްޓަންގެ ވާލްޑޮފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓް އިން 832 ޑޮލަރު (12,829.44ރ.) ދީފައިވެ އެވެ.

މޯލްޑިވްސްއެސްސީ ޑޮޓްކޮމް އިން އާއްމުކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑު ރިސޯޓުންނެވެ. އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މި އަހަރުގެ ޖެނުއަރީ މަހު 3,016.02 ޑޮލަރު (46,507.03ރ.) ދީފައި އެވެ.

ރާއްޖޭގެ ގިނަ ރިސޯޓުތަކުގައި އާއްމުކޮށް ސާވިސް ޗާޖު ދެ އެވެ. ނަމަވެސް އެކަށީގެންވާ ބޮޑު އަދަދެއް ދެނީ މަދު ރިސޯޓަކުންނެވެ. އަދި ރާއްޖޭގައި ހިންގާ ހުރިހާ ރިސޯޓުތަކުން މަދުވެގެން 10 ޕަސަންޓް ސާވިސް ޗާޖު ނަގަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ގޮވާލާ މަޖިލީހަށް ގަރާރެއް ވެސް ހުށަހެޅި އެވެ.