ގައުމީ ޓީމުގެ މިޑްފީލްޑްލައިންގައި އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ހުސައިން ނިހާން (ނިހާޓް) ނެތި ކުޅެން ޖެހުމަކީ ރާއްޖޭގެ ޓީމަށް ކުރިމަތިވާނެ ބޮޑު ގެންޖެހުމެކެވެ.
މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބު ކޮށްދިނުމުގައި އިއްބެ އާއި ނިހާޓް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލު މެޗުގައި ނޭޕާލާ ދެކޮޅަށް އިއްބެ ދެ ލަނޑު ޖެހިއިރު ރާއްޖޭގެ ހަމަލާތައް އުފެއްދުމުގައި ސެންޓްރަލް މިޑްފީލްޑަރެއްގެ ގޮތުގައި ނިހާޓް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެއީ ސީނިއާ ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން އޭނާ ކުޅުނު ފުރަތަމަ މެޗެވެ. އެ މެޗުގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު ފައިނަލު މެޗުންވެސް އޭނާވީ މިޑްފީލްޑްގައި އެންމެ މުހިންމު ކުޅުންތެރިޔާ އަށެވެ.
މާދަމާ ގުއާމް އާ ދެކޮޅަށް ކުޅޭ މެޗުގައި، ނިހާޓަށް ނުކުޅެވޭނެ އެވެ. އެމެރިކާގެ ބެލުމުގެ ދަށުގައި އޮންނަ ގުއާމަށް ދަތުރު ކުރުމަށް އެމެރިކާގެ ވިސާ އޭނާއަށް ނުލިބުމުން މިހާރު އޭނާ ވަނީ މާލެ އަންނަން ތައްޔާރު ވެފަ އެވެ. އޭނާގެ އިތުރުން ޓީމުގެ ދެވަނަ ކީޕަރު ހުސައިން ޝަރީފަށް ވެސް ވިސާ ނުލިބެ އެވެ.
ގައުމީ ޓީމުގެ މެނޭޖަރު ޔާމީން އިބްރާހިމް ވިދާޅުވީ، އެ ދެ ކުޅުންތެރިންގެ ޕާސްޕޯޓް ލިބުނުހާ އަވަހަކަށް އެނބުރި މާލެ އަންނަން ކުޅުންތެރިން ފުރާނެ ކަމަށެވެ. އެ ދެކުޅުންތެރިންގެ ޕާސްޕޯޓްވީ ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީގަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު، ހދ. ނޮޅިވަރަންފަރުން ފުރައިގެން، އެ އަތޮޅު ހަނިމާދޫއަށް ދަތުރު ކުރި ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިއްބެގެ އާއިލާގެ މެންބަރުންނެވެ. އެ ހާދިސާ އާ ގުޅިގެން އޭނާ ވަނީ ލަންކާގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ކޭމްޕް ދޫކޮށް ރާއްޖެ އައިސްފަ އެވެ. އާއިލާއާއެކު ހުރުމަށް އިއްބެ އަށް ވަނީ ފުރުސަތު ދީފަ އެވެ.
ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ޓީމު އެކުލަވާލުމުގައި އޭނާގެ ރަސްމީ ސިސްޓަމަކީ، 4-2-3-1 އެވެ. ސާފް ޗެމްޕިއަންޝިޕްގެ ފައިނަލު މެޗުގައި އިންޑިއާ އާ ދެކޮޅަށް ކުޅެން އެކުލަވާލި ޓީމުގައި ވެސް ގޭމް އޭނާ އަތުރާލީ މިހެންނެވެ. އެ ސިސްޓަމްގައި އިއްބެ އާއި ނިޙާޓް އަކީ ސެންޓަރަލް މީޑްފީލްޑަރުންނެވެ.
މިހާރު އެ ދެކުޅުންތެރިން ނެތުމުން، ސެންޓަރަލް މިޑްފީލްޑަރުންގެ ގޮތުގައި ޝެގަޓް ފުރުސަތު ދޭނެ ކަމަށް ބެލެވެނީ މާޒިޔާގެ މުހައްމަދު އިރުފާން އާއި އެ ޓީމުގެ ހަމްޒާ މުހައްމަދު (ހަމްޕް) އަށެވެ. ޖުލައި މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ޝެގަޓް ވަނީ ސެންޓަރަލް މިޑްފީލްޑަރެއްގެ ގޮތުގައި ހަމްޕް ބޭނުން ކޮށް އެ މަގާމަށް އޭނާ ޓެސްޓް ކޮށްފަ އެވެ. މަޔޯޓޭ އާއި ރީޔޫނިއަން އާ ދެކޮޅަށް ކުޅުނު މެޗުގައި އެ މަގާމުގައި އޭނާ ވަނީ ބައެއް ފަހަރު ޑިފެންސިވް މިޑްފީލްޑަރެއްގެ ރޯލްވެސް އަދާ ކޮށްފަ އެވެ. އެ މަގާމުގައިވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.