ނުރައްކާތެރި ބެލެސްޓިކް މިސައިލް އުފައްދާ ބާރުގަދަ ކުރުމުންދާ ކަމަށް ބުނެ އެމެރިކާއިން އިރާނުގެ ޖައްވީ އިދާރާތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ. ފިޔަވަޅު އަޅާފައިވަނީ އިރާން ސްޕޭސް ރިސާޗް އަދި އެސްޓްރޯނޮޓިކްސް ރިސާޗް އިންސިޓިއުޓަށެވެ.
އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޓްރެޝަރީން ބުނީ، އިރާނަށް އެއްވެސް ހާލެއްގައި ބެލެސްޓިކް މިސައިލް ވަރުގަދަ ކުރުމުގެ ޕްރޮގްރާމެއް ހިންގަން ތަން ނުދޭނެ ކަމަށެވެ. އަދި ޖައްވީ ހޯދުމުގެ ނަމުގައި އިރާނުން ފަނާކުރުވަނިވި ހަތިޔާރު އުފައްދަމުން ގެންދާ ކަމަށެވެ.
ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވިދާޅުވީ، އިރާނުން އުދުއްސާލަން އުޅެނިކޮށް ގޮވާފައި ވަނީ ބެލެސްޓިކް މިސައިލެއްކަން މިހާރު އެމެރިކާއަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އެކަން އެގޮތަށް ކުރިޔަށް ނުދާނެ ކަމަށް ވެސް ޕޮމްޕިއޯ ވިދާޅުވި އެވެ.
"ސްޕޭން އެޖެންސީގެ ނަމުގައި އިރާނުން ހިންގާ ބެލެސްޓިކް މިސައިލް ޕްރޮގްރާމް ކާމިޔާބުވިޔަ ނުދޭނަން" ޕޮމްޕިއޯ ވިދާޅުވި އެވެ.
އީރާނުގެ ޖައްވީ އިދާރާއަށް އަމާޒު ކޮށް އެމެރިކާއިން އެޅި އާ ފިޔަވަޅުތަކަކީ 2015 ވަނަ އަހަރު ހެދި ނިއުލިއާ އެއްބަސްވުމާ އިރާން ހިލާފުވުމުން އަޅަން ފަށާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބައެއް ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.
އެމެރިކާއިން ގަބޫލުކުރާ ގޮތުގައި އީރާންގެ ސެޓްލައިޓުތަކާއި ޖައްވީ ރޮކެޓްތަކުގައި ހުންނަނީ ނިއުކިލިއާ އަދި ބެލެސްޓިކް މިސައިލް ހަރުކޮށްފަ އެވެ. މި ތުހުމަތު އެމެރިކާއިން ސާބިތު ކޮށްދީފައެއް ނުވެ އެވެ. ޖައްވީ އިދާރާއިން ބެލެސްޓިކް މިސައިލް ޕްރޮގްރާމް ހިންގާ ކަމުގެ ތުހުމަތު އިރާނުން ވަނީ ދޮގު ކޮށްފަ އެވެ.
ތުހުމަތުތައް ދޮގު ކުރައްވާ އިރާނުން ބުނީ، އީރާން ސްޕޭސް އެޖްންސީން އުފައްދަނީ ސެޓްލައިޓުތަކާއި އެއްގަމު އުޅަނދުތަކުގައި ބޭނުން ކުރާނެ ޓެކްނޮލޮޖީތައް ކަމަށެވެ. އަދި އެކަން ކުރަނީ އިރާން ސްޕޭސް ރިސާޗާއި ގުޅިގެން ކަމަށްވުމުން، އެއްވެސް ޖައްވީ އިދާރާއަކުން ބެލެސްޓިކް މިސައިލްގެ ތަރައްގީއަށް ބޭނުންވާ ޓެކްނޮލޮޖީއެއް އުފެއްދުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.