ވިޔަފާރި

މާންދޫއަށް މަސް ގަތުން ކޮންޓްރޯލް ކޮށްފި

Sep 4, 2019

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވުމުގެ ސަބަބުން ހޮރައިޒަން ފިޝަރީޒް، ލ. މާންދޫއަށް މަސް ގަތުން ކޮންޓްރޯލް ކޮށްފި އެވެ.

ރާއްޖޭގައި ދެވަނަ އަށް އެންމެ ގިނައިން މަސް ގަންނަ ކުންފުނި ކަމަށްވާ ހޮރައިޒަން ފިޝަރީޒް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ދުނިޔޭގެ ބާޒާރުގައި ވަރަށް ބޮޑަށް ދަށްވެފައިވާތީ، މަސް ބޭރު ނުކުރެވިފައިވާ ކަމަށެވެ.

އަދި ބުނީ އޭގެ ސަބަބުން މަސް ބަންދު ކުރުން ވެސް މަޑު ޖައްސާލަން ޖެހިފައިވާތީ މާންދޫ ކާރުހާނާގެ މަސް ބަންދު ކުރާ ސްޓޯރުތައް މިހާރު ފުރިފައިވާ ކަމަށެވެ.

ސްޓޯރުތައް ފުރިފައިވާތީ ބާޖެއް ގެންގޮސްގެ މަސް އެރުވުމުގެ އިންތިޒާމުތައް ކުރަމުން ގެންދާ ކަމަށް ވެސް ބުންޏެވެ.

"... [4، ސެޕްޓެމްބަރު 2019] އިން ފެށިގެން ދޯންޏަކުން ދުވާލަކު 1 ޓަނު މަސް ކިރާ ގޮތަށް ހަމަޖައްސާ އެކަން އެންގުމަށްޓަކައި އިއުލާނު ކުރީ މެވެ،" ހޮރައިޒަން އިން ބުނެފައިވެ އެވެ.

މަސް ގަތުން ކޮންޓްރޯލް ކުރުމާބެހޭ ގޮތުން ހޮރައިޒަން ފިޝަރީޒް ކުންފުންޏަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ އިތުރު މައުލޫމާތު ލިބޭ ގޮތެއް ނުވި އެވެ.

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު މިހާރު އުޅެނީ މަސް ޓަނެއް 1250 ޑޮލަރަށެވެ. އަދި ރާއްޖޭގެ އުތުރުގައި މިހާރު މަސްވެރިކަން ދަނީ ރަނގަޅުވަމުންނެވެ.