ހަބަރު

ލަންކާގެ ބޮޑުވަޒީރު ރާއްޖޭން ފުރާވަޑައިގެންފި

Sep 4, 2019

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ރަނިލް ރާއްޖެ ވަޑައިގެންފައިވަނީ މިދިއަ ހޯމަ ދުވަހު ހެނދުނެވެ.

ރަނިލް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ގޮތުން ހަތަރު އެއްބަސްވުމެއްގައި ސޮއި ކުރި އެވެ.

އެ އެއްބަސްވުންތަކުގެ ތެރޭގައި ވިސާ ފެސިލިޓޭޝަން އެގްރީމަންޓެއް ވެސް ހިމެނެ އެވެ.

މި އެއްބަސްވުމުގެ ދަށުން ލަންކާއަށް ދަތުރުކުރާ ދިވެހީންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ހިލޭ ހަމަޖެހިގެންދާނެ އެވެ. އަދި ދެގައުމުގައި ވިޔަފާރިކު ރަން ބޭނުންވާ ފަރާތްތަކަށް މަލްޓިޕްލް އެންޓްރީ ބިޒްނަސް ވިސާ ހަމަޖެހިގެންދާ އިރު ލަންކާގައި ތައުލީމު ހާސިލު ކުރާ 18 އަހރުން ދަށުގެ ދިވެހި ދަރިވަރުންނާއި އެ ދަރިވަރުންގެ މައިންބަފައިންނާއި ބެލެނިވެރިންނަށް ވިސާގެ ލުއި ފަސޭހަ ލިބެ އެވެ.

ދެން ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި އިޖުތިމާއީ ރައްކާތެރިކަމާއި، ވޮކޭޝަނަލް ދާއިރާއިން ޒުވާނުން ތަރައްގީ ކުރުމުގެ އިތުރުން މަތީ ތައުލީމާގުޅޭ އެއްބަސްވުމެއް ހިމެނެ އެވެ.

ބޮޑުވަޒީރުގެ މި ދަތުުރުފުޅުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި ވެސް ވަނީ ތަގުރީރު ކުރައްވައިފަ އެވެ. ލަންކާގައި ކިޔަވާ ކުދިންގެ ކާފަ އާއި މާމައަށް ވެސް އެކުދިން ކައިރީ ތިބުމުގެ ފުރުސަތު ދިނުމަށް ވިސާ ހަމަޖެއްސުމަށް ނިންމަވާފައިވާކަމަށް ރަނިލް ވަނީ ރައްޔިތުންގެ މަޖިލީހުގައި ދެއްވި ތަގުރީރުގައި ވިދާޅުވެފަ އެވެ.

ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ޒަމާނުއްސުރެ ގުޅިގެން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން ރަނިލް އެ ދުވަހު ވިދާޅުވީ، ރާއްޖެއާއެކު ވެފައިވާ އެއްބަސްވުމުގެ ތެރެއިން ދިވެހިންނަށް މިހާރު ކިޑްނީ އާއި ލިވާ ޓްރާންސްޕްލާންޓް ކުރުމުގެ ފުރުސަތު ލަންކާގައި ހުންނަ ޕްރައިވެޓް ހޮސްޕިޓަލުތަކުން ކުރުމުގެ މަގު ވެސް ފަހިވެފައިވާ ކަމަށެވެ.

އޭގެ އިތުރުން، އައްޑޫގައި ޑްރަގް ރީހެބިލިޓޭޝަން ސެންޓަރެއްގެ އިތުރުން ދެ ސްކޫލެއް އެޅުމަށް ލަންކާ ސަރުކާރުން އެހީވުމަށް ނިންމަވާފައިވާކަމަށް ވެސް ރަނިލްގެ ތަގުރީރުގައި މިއަދު ވަނީ އިއުލާނުކުރައްވައިފަ އެވެ. އަދި ވޮކޭޝަނަލް ދައިރާއިން ދިވެހި ޒުވާނުން ތަރައްގީ ކުރުމަށް އެހީތެރިވުމުގެ ގޮތުން އެކަމަށް ހާއްސަ ޓީޗަރުން ފޮނުމުގެ އިތުރުން، ލަންކާގައި މަތީ ތައުލީމު ހާސިލްކުރުމުގެ އިތުރު ފުރުސަތުތައް ދިވެހި ދަރިވަރުންނަށް ދިނުމަށް ނިންމަވާފައިވާކަމަށް ވެސް ރަނިލް ވިދާޅުވި އެވެ.

ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި، ރާއްޖޭގައި ކުރިއަށްދާ އިންޑިއަން އޯޝަން ކޮންފަރެންސް 2019 ގައި ބައިވެރިވެވަޑައިގެން އެ ކޮންފަރެންސް ޗެއާ ކޮށްދެއްވައިފަވެ އެވެ.