(2 ސެޕްޓެމްބަރ 2019 އަ ގުޅޭ)
"މަންހާ މޮޔައެއްނޫންތަ، ދެން ކީއްވެ އޭނަ އެތަނަށް ދިޔައީ؟ މިގޭގަ އުޅެން ބޭނުންނުވަނީތަ.........ވަރަށް އުފާވެއްޖެ މަންހާ އެނބުރި އަންނަކަހަލަ ހިޔާލެއްކުރީމަ" ޒާރާ ވާހަކަދައްކަމުން ދާއިންގެ ކައިރިއަށް އައެވެ. އެހިނދު ދާއިން އަތުން އިޝާރާތްކޮއްލީ ޒާރާ ހުރިތަނުގައި މަޑުކުރާށޭ ބުނާފަދަ ގޮތަކަށެވެ.
"އަހަރެން ޒާރާ އާއި ވަރަށް ގިނަ ސުވާލުތަކެއް ކުރަން ބޭނުން، އެކަމަކު މިވަގުތު އަހަރެން މިވަނީ ޒާރާ އާއި އެއްވެސް ވާހަކައެއްދައްކާކަށް ނޫން، މިއައީ ނެހާގެ އެއްޗެހި މިހާރު މިވަގުތު މަންހާގެ އެޕާޓްމެންޓަށް ބަދަލުކުރަންވެގެން، ޒާރާ އެކަމަށް އެއްވެސް ފާޑެއް ކިޔާއަޑު އަހާކަށް އަހަރެން ބޭނުމެއްނޫން، އަދި ބުނަން............މަންހާވެސް އަހަރެން ކައިރީ އަބަދަކު ޒާރާއޭ ކިޔައިގެން ވާހަކަތަކެއްނުދައްކާ، އެހެންވީމަ މިއަދުން ފެށިގެން ޒާރާވެސް ނުވާނެ އަހަރެންގެ ކައިރީ މަންހާއޭ ކިޔައިގެން އެއްވެސް ވާހަކައެއް ދައްކައިގެން..............ތިދައްކަން އުޅޭ ވާހަކަ ފަހަށް ބާއްވާލާ................" ދާއިން މިހެން ބުނެ ތަންކޮޅެއް ބާރަށް އާމޯސްއަށް ގޮވާލިއެވެ. އަދި އެކޮޓަރީގައި ނެހާއަށް ހަދާފައި ހުރި ކޮޓަރީގެ ތެރެއަށް ދާއިންވަނެވެ.
ދާއިން އާމޯސް އާއި ސޯފިއާއަށް މަންހާގެ އެޕާޓްމެންޓު ސާފުކުރުމަށް އެންގިއެވެ. އަދި ނެހާގެ ކޮޓަރިއަށް އެކުއްޖާގެ ހުރިހާ ސާމާނެއް ގެންދިއުމަށް އިމީ އާއި ހަވާލުކުރިއެވެ. އަދި ރޭގަނޑުގެ ކެއުމަށް އާއިލާގެ ހުރިހާ މެންބަރުންނާއިއެކު މަންހާ ބައިވެރިވިއެވެ. އަފްޝީން ނެހާގެ ހުރިހާ ކަމެއްކޮއްލުމާއިއެކު އެކުއްޖާ ނިންދަވާލާފައި މޫމިނާގެ ކޮޓަރީގައި ބޭއްވީ ދާއިންގެ އެދުމުގެ މަތިންނެވެ. ކުޑަކޮށް އެކަމާ ހައިރާންވިޔަސް އަފްޝީން އެއްވެސް ސުވާލެއްނުކުރިއެވެ. އޭނަވެސް އައީ އެހެން މެންބަރުންނާއިއެކު ކެއުމުގައި ބައިވެރިވާށެވެ.
ދާއިންއަށް ބޮޑު ބަދަލުތަކެއް އައިސްފިކަން ޔަގީންވަނީ ޒާރާއަށެވެ. އެހެނީ ކުއްކުރެވުނީ އޭނައަށެވެ. ދާއިންއަށް ހުރިހާ ކަމެއް ފަޅާއެރީބާއޭ އޭނަގެ ހިތަށްއަރަމުންދިޔައެވެ. ފަލަކްގެ ފޯނު ކަނޑާލުމާއިއެކު އޭނައަށް ދެތިންފަހަރަށް މިހާރު ފަލަކް ގުޅައިފިއެވެ. ނަމަވެސް ފޯނުނެގޭ ފަދަ ފުރުޞަތެއް އޭނައަކަށް ނުލިބުނެވެ. ގޭތެރޭގައި އެންމެން މާހަލަބޮލިގެން އުޅޭތީވެ އެކަނިވެލާނެ ފުރުޞަތެއްނުލިބުނީއެވެ. އެކި ހިޔާލުތައް ސިކުނޑީގައި ގިނަވެގެންދިއުމުން ޒާރާއަށް ރަނގަޅަށް ނުވެސްކެވުނެވެ. އަނެއްކޮޅުން ކާމޭޒުދޮށުގައި މިރޭ ޒާރާއިން އިރު އޭނައަށް އާދަޔާއި ހިލާފު ހަމަހިމޭންކަމެއް ވެރިވެފައިވެއެވެ. އޭނަގެ ދުލުން ބަހެއްނުބުނި ތަނުގައި މޭޒުދޮށުގައި އެހެންމީހުން ވާހަކަދައްކާއަޑުވެސް އޭނައަށް އިވޭހެނެއް ހިޔެއްނުވެއެވެ.
ކައިނިންމާފަ ސިޓިން ރޫމުގައި މޫމިނާ އާއި ވާހަކަދައްކަން މަންހާ މަޑުކޮއްލައިގެން އިނެވެ. ދާއިން އުޅުނީ އާމޯސް އާއި ސޯފިއާގެ މަސައްކަތްތައް ހުރިގޮތް ބަލާށެވެ. އަފްލީން އާއި މާކިންގެ އިތުރުން އެތަނުގައި އެވަގުތު ޒާރާވެސް އިނެވެ. އޭނަގެ ނަޒަރު މަންހާއަށް ހުއްޓިފައިވާކަން ހުދު މަންހާއަށް އެނގެއެވެ. އެކަމަށް އޭނަގެ އެއްވެސް ފަރުވާލެއްނެތެވެ. ޒާރާ އެތަނުގައި އިންނަން ބޭނުންވި އެންމެ ބޮޑު މަޤްޞަދަކީ މަންހާ ދައްކާ ވާހަކަތައް އަޑުއެހުމަށެވެ. މޫމިނާ ވަރަށް ދެރަވެގެން އެކިއެކި ސުވާލުތައް ކުރިއެވެ. ނަމަވެސް އެއިން އެއްވެސް ސުވާލަކަށް މަންހާ ސީދާ ޖަވާބު ނުދެއެވެ. ކޮންމެވެސް އެހެންވާހަކައެއް ދައްކާ މޫމިނާ ކުރާ ސުވާލު އޮއްބާލަނީއެވެ.
"މަން........." ދާއިން ގޮވާލިއަޑަށް މަންހާ އެދިމާލަށް އެނބުރި ބަލާލިއެވެ. އޭރު ދާއިން އައިސް އޭނައިން ސޯފާގެ ކައިރީ މަޑުކޮއްލަނީއެވެ.
"މަންހާ ގެންދަނީތަ.........." މޫމިނާގެ ލޯމަތިން އެންމެ ހިނދުކޮޅަކަށްވެސް މަންހާ ގެއްލެން ބޭނުންނުވާފަދަ ގޮތަކަށް އަހާލެވުނެވެ.
"މަންމާ، އަޅުގަނޑު ބުނީމެއްނު މަންހާ ހުންނާނީ މިގޭގައޭ، މަންހާގެ އެޕާޓްމެންޓު ތައްޔާރުވެފަ ހުރީ، އެހެންވެ މަންހާ އަރާމުކޮއްލަން ކޮޓަރިއަށް ފޮނުވަންކަމަށް މިއުޅުނީ..........." ދާއިން މޫމިނާގެ ގާތުގައި އިށީނދެ މޫމިނާގެ އަތްތިލައިގައި ހިފާލައިގެން އިނދެ ވާހަކަދެއްކިއެވެ.
"އާން...........ރަނގަޅުވާނެ، މަންހާއަށް އަރާމުކުރުން ވަރަށް މުހިއްމުވާނެ، ދަރިފުޅު ދޭ އަވަހަށް މަންހާ ގޮވައިގެން" މޫމިނާ ބޯޖަހާލަމުން ބުނެލިއެވެ. ދާއިން ހިނިތުންވެލަމުން ތެދުވެ މަންހާއަށް އަތްދިއްކޮއްލިއެވެ. މަންހާ ތެދުވެ ދާއިންގެ އަތުގައި ހިފައިގެން އެޕާޓްމެންޓުން ނުކުންނަން ހިނގައިގަތެވެ. އެތަންފެނި ޒާރާއަށް އިސްޖަހާލެވުނެވެ. އޭނަ އެއްވެސް އެއްޗެއް ބުނުމަކާއިނުލާ އެތަނުން ތެދުވެގެން ގޮސް އޭނަގެ ކޮޓަރިއަށް ވަދެއްޖެއެވެ.
ލިފްޓުގެ ފިތްބަރިއާއި ދިމާލުގައި ލެނގިލައިގެން ހުރި ދާއިން މަންހާގެ އަތުގައި ހިފާގެނެސް އޭނަގެ ހަށިގަނޑުގައި ޖައްސާލިއެވެ. ލަދުވެތި ހިނިތުންވުމެއް ވެރިވެފައިވާ މަންހާގެ މޫނު ވަގުތުން އިސްޖެހުނެވެ. ދާއިންގެ އެފަދަ އަދާތަކުން އޭނަގެ ހިތުގައި ބަޔާންކުރަންދަތި ވިންދެއް އަބަދުވެސް ޖަހަންފަށައެވެ. އެފަދަ އަދާތަކާއިއެކު ދާއިންގެ ބީހުންތައް އިތުރުވެގެން ދާކަމީ މިހާރު މަންހާއަށް އާކަމެއްނޫނެވެ. އެހެންނަމަވެސް އެފަދަ ބީހުމެއްގެ އިޙްސާސް އޭނައަށް އެންމެ ފަހުން ކުރެވިފައިވަނީ މީގެ އެތަށް މަސްދުވަހެއް ކުރީގައެވެ. ދާއިންގެ އަތުގެތެރޭގައި ފޮރުވެގެން އެގޮތަށް ހުންނަން މަންހާ ބޭނުންވިއެވެ. ދާއިންގެ ބޮސްދިނުންތަކުން އެހިތްފުރި ބަންޑުންވަމުން ދާކަހަލައެވެ. ކުއްލިއަކަށް ލިފްޓު ހުއްޓި އޭގެ ދޮރު ދެފަރާތަށް ހުޅުވިގެންދިޔަ އަޑާއިއެކު މަންހާ އާއި ދާއިންގެ ގުޅިފައިވާ ދެމޫނުވަކިވެގެންދިޔައެވެ. ނޭވާ އަވަސްވެފައިވާ ދާއިން ލިފްޓުގެ ދޮރާދިމާލަށް ބަލާލިއެވެ. އެހިނދު މަންހާ ދާއިންގެ މޭގައި މޫނުފޮރުވާލަމުން ބައްދާލިއެވެ. ލިފްޓުން ދާއިންގެ އަތުގެތެރޭގައި ހުރެ މަންހާ ނުކުތެވެ. އޭނަގެ ދެލޯ މަރާލައިގެން ހުރެ ދާއިންގެ ކޮންމެ ފިޔަވަޅަކަށް އޭނަވެސް ފިޔަވަޅެއް އަޅަމުން އެޕާޓްމެންޓުގެ ދޮރާ ހަމައަށް އައެވެ. އެގާތްކަމާއިއެކު ދެމީހުން އެޕާޓްމަންޓަށް ވަދެދޮރު ލައްޕާތަޅުލިއެވެ.
"ދުވަހަކުވެސް އަހަރެން މަންހާދެކެ ލޯބިނުވެޔޭ ނުބުނައްޗޭ..........މިހާރު މިދުނިޔެމަތީ އަހަރެން މިގޮތަށް ލޯބިވާ ދެވެނަ ފަރާތެއްނުހުންނާނެ، އަހަންނާ ދުރަށްދާން މަންހާ ނުވިސްނައްޗޭ......." އެޕާޓްމެންޓުގެ ދޮރުގައި އެތެރެއަށްވަދެ ލެނގިލައިގެން ހުރެ ދާއިން ވާހަކަދެއްކިއެވެ. މަންހާގެ މޫނުގައި ދެއަތުން ހިފާލައިގެން ހުރެއެވެ.
"...........އައި ލަވް ޔޫ........އަހަންނަށް ލޯބި، އެ އިޙްސާސް ދެނެގަންނަން އެނގުނީވެސް ދާއިން ފެނުނު ފަހުން، އެދުވަހުން ފެށިގެން އަހަރެން ދާއިންދެކެ ވަރަށް ލޯބިވޭ...........ދާއިންދެކެ ލޯބިނުވާން ހަދާނެގޮތެއް އަހަންނަކަށް ނޭގުނު، ކޮންމެ ހާލެއްގަ އަހަރެން އުޅެންޖެހުނުކަމުގައި ވިޔަސް އަހަރެންގެ ހިތުގައި އަބަދުވަނީ ދާއިން، އަހަރެންގެ ދެލޯ މަރާލައިފިނަމަ ކުރިމަތީގައިވަނީ ތިސޫރަ..........ސިކުނޑީގައިވަނީ ތިހިޔާލުތައް.............ހިތުގެ ހަމަޖެހުމަކީ ތީ...........އަހަންނަށް ކުރެވުނުކަމެއް ކުރެވުނީ ދާއިންއަށްޓަކައި، ދާއިންގެ އުފަލަށްޓަކައި ކުރެވޭ ކަމެއްކަމުގައި ދެކިގެން...............އަހަންނަށް މާފުކުރާނަންތައް..........." މަންހާ ފެންކަޅިވެފައި ހުރެ ވާހަކަދެއްކިއެވެ.
"މާފު ކުރަންވީ އަހަންނަށް...........އެތަށް ފަހަރެއްގެ މަތިން އަހަންނަށްވަނީ މަންހާގެ ހިތުގައި ޖެއްސިފަ، ވަރަށް ބޮޑަށް ދެރަވި މަންހާ ރޮއެރޮއެފަ އުޅުނުތަން ފެނުމުން، އެއިން ކޮންމެ ފަހަރަކު ހީވަނީ މީހަކު އަހަރެންގެ ހިތްއިރާލާހެން.......ކުއްވެރިއަކީ އަހަރެން.............އެކަމަކު ބުނަން.........ދެން ދުވަހަކުވެސް މިހިތެއް ބަދަލެއް ނުވާނެ، މަރުވެދާނީވެސް މަންހާގެ ލޯބިވާ ފިރިމީހާގެ ގޮތުގައި ހުރެ...........އަހަރެން ވައުދުވަން.............އައި ލަވް ޔޫ............އައި ލަވް ޔޫ މަން.........އައި ލަވް ޔޫ..........." ދާއިން މަންހާގެ ގައިގާ އޮޅުލައިގަތެވެ. މަންހާއަށްވެސް ދާއިންގެ ގައިގާ ބާރަށް ހިފަހައްޓާލެވުނެވެ. އެތަކެއް އަހަރު އޭނަވަނީ ދާއިންގެ ދުލުން އެލަފްޒުތަކެއް އަޑުއެހުމަށްޓަކައި ހުސްކޮއްލާފައެވެ. އެތަކެއް ވޭނެއް ތަޙައްމަލުކޮއްފައެވެ. ނިމުމެއްނެތް ދިގު އިންތިޒާރެއްކޮއްފައެވެ. އޭނަގެ އެހުރިހާ ދުވަހަކަށް ވާވަރަށް ހަމައެކަނި މިރޭ ފުދިއްޖެއެވެ. އެހުރިހާ ދުވަހެއްގެ ހިތްދަތިކަމާ ރުއި ރުއިމަށް ލޯބީގެ އެތިންލަފްޒު ޝިފާހޯދާދީފިއެވެ. މަންހާ ދާއިންއަކީ ކުއްވެރިއެއްގެ ގޮތުގައި ދެކޭވަރަށްވުރެ މާލޯބިވެއެވެ. ވީއިރު އޭނަ ދާއިންއަށް މާފުނުކޮށް ހުރުމަކީ ވާނޭކަމެއްނޫނެވެ.
ދާއިން އެއްވެސް އުނދަގުލަކާއިނުލާ އޭނަގެ އަތްދަނޑި މައްޗަށް މަންހާ އުފުލާލުމާއިއެކު މަންހާގެ ކޮޓަރިއަށް ވަނެވެ. އަދި އެނދުމަތީ މަންހާ ބާއްވާލުމާއިއެކު ނެހާ ގޮވައިގެން އެބަ އަންނަން ކަމުގައި ބުންޏެވެ. އަދި ކުޑަކޮށް ލަސްވެދާނެކަމާއި އެހެންވިޔަސް އޭނައަށް އިންތިޒާރު ކުރުމަށް ބުންޏެވެ. ދާއިން ކޮޓަރިން ނުކުންނަން އެނބުރުނު ވަގުތު މަންހާ އޭނަގެ އަތުގައި ހިފިއެވެ.
"ނުވާނެ ގިނައިރެއް، މަން އަހަންނަށް އިންތިޒާރުކުރާނަންތަ" ދާއިން މަންހާގެ އަތުގައި ބޮސްދީފައި ބުނެލިއެވެ. މަންހާ ލުއި ހިނިތުންވުމަކާއިއެކު ބޯޖަހާލަމުން ދާއިންގެ އަތުން ދޫކޮއްލިއެވެ. ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ހިތަށް ވެރިވެގެންދިޔައެވެ. އެހެންނަމަވެސް މިރެއަކީ މަންހާއަށް ޙާއްޞަރެއަކަށް ވުމަށް އޭނަ ބޭނުންވާތީ ބޭކާރު ފިކުރުތައް ސިކުނޑިން ނެރިލިއެވެ. އަދި ދާއިން ނުކުތުމާއިއެކު އަވަސްވެގަތީ އަލަމާރި ހަދާފައިވާ ކުޑަކޮޓަރީގެތެރެއަށް ވަނުމަށެވެ. އެންމެ މަތީ ޝެލްފުގައި ހުރި ފޮށިނަގާ މަންހާ ބަލާލިއެވެ. ދާއިން އަންނަން ވާއިރަށް އޭނަ އުފާވާނެފަދަ ކަމެއް ކުރަން މަންހާ ބޭނުންވީއެވެ. ނަމަވެސް އެފޮށިން އޭނަ ހޯދި އެއްޗެއް ނުފެނުނެވެ. އޭގައި އޭނަ ބެހެއްޓި ސެންޓުފުޅިއެއްނެތެވެ.
ދާއިން އައިސް ކޮޓަރިއަށް ވަތްއިރު ޒާރާ އެނދުގައި އިށީނދެލައިގެން އިނެވެ. ދާއިން އެނބުރި އައުމުން އޭނަ ވަރަށް އުފާވިއެވެ. ނަމަވެސް ދާއިންއަށް ބަދަލުތަކެއް އައިސްފައިވާތީ އޭނަ އެއައީ ކޮންބޭނުމަކުކަން އޮޅުންފިލުވާހިތްވެސް ޒާރާވިއެވެ.
"ދާން، ތިއައީތަ.........ނިދަން ތައްޔާރުވާންވީތަ" ޒާރާ އަހާލިއެވެ. ދާއިން އެއްވެސް އެއްޗެކޭ ނުބުނެ އަލަމާރިތެރޭ ފޮރުވާފައިހުރި ބޮޑު ފޮއްޓެއް ހިފައިގެން އައެވެ.
"މީ އަހަރެންގެ އޭންޖަލް އަހަންނަށް ފޮނުވާފަ ހުރި ސިޓީތައް.........އަހަރެން ޒާރާ ކައިރީ ސުވާލު ކުރިންދޯ ސެންޓުފުޅި އާއި ބެހޭގޮތުން، އެނގޭތަ ކީއްވެކަން.........އެއީ މިސިޓީތަކުގެ ސަބަބުން، އެއީ އެސެންޓުގެ ވަހަކީ ހަމައެކަނި އަހަރެންގެ އޭންޖަލްގެ ވަހަކަށް ވީތީ، އެސިޓީތަކަށް އެތަކެއް އަހަރުތަކެއް ވެފައިވާއިރު އެވަސްވަނީ އެސިޓީތަކާއި ގުޅިފައި، އެއިން ކޮންމެ ސިޓީއަކުން ދުވާނީ އެސެންޓުގެ ވަސް، އަހަންނަށް އަހަރެން ހޯދި އޭންޖަލް ފެނިއްޖެ................ޒާރާ، އަހަންނަށް އެނގޭ އެސެންޓު ފުޅި ޒާރާ ހޯދީ ކިހިނެއްކަން، އެކަމަކު އަހަރެން އަޑުއަހަން ބޭނުންވަނީ ޒާރާގެ ދުލުން ހުރިހާ ވާހަކައެއް ކިޔައިދޭ އަޑު" ދާއިން ރީތިވާ މޭޒުގައި ދެއަތްޖައްސާލަމުން އޭގައި ޖެހިލައިގެން ހުރެ ބުނެލިއެވެ. ޒާރާ ދާއިންގެ ކުރިމަތީ ހުޅުވާލެވިފައިވާ ފޮއްޓަށް ބަލަހައްޓައިގެން އިނދެވުނެވެ. އޭގައިވަނީ އޭނައަށް ކުރިންފެނިފައިވާ ސިޓީއުރަތަކަކުން ފުރިފައެވެ. އެސިޓީއުރަތައް އޭނައަށް ފެނުނީ މަންހާގެ ކޮޓަރިން ސެންޓުފުޅި ނެގިދުވަގު އެލާފައިއޮތް ފޮށީގެ ތެރެއިންނެވެ. އޭގެމާނައަކީ އެހުރިހާ ސިޓީއަކީ މަންހާ ދާއިންއަށް ފޮނުވާފައިވާ ސިޓީކަމެވެ. ޒާރާއަށް ހިންދިރުވާލެވުމާއިއެކު ދާއިންއަށް ބަލާލެވުނެވެ.
"މަންހާ...........އޭނަ..........އޭނަ ކުރިންވެސް މައްސަލައެއް ނުޖައްސާނެ އަހަރެން އޭނަގެ އަތުން އެއްޗެހި ނެގިޔަސް............" ޒާރާ އަޅައަޅައިގަންނަމުން ވާހަކަދެއްކިއެވެ. އެވީކަންތައް ފޫއްބައްދާނެގޮތަކާއިމެދު އޭނަ ވިސްނިއެވެ. އޭނަ ހުރީ ދާއިން އާއި ވާހަކަދައްކަން ތައްޔާރަށެވެ. އެކަމަކު ދާއިން ކުއްލިއަކަށް އެދައްކަންފެށީ އޭނައަށް މީގެކުރިން ރެއަކާވެސް ނުލާ ވާހަކަތަކެކެވެ.
"ޒާރާ، އަހަންނަށް އެނގޭ މަންހާ ނުބުނާނެކަން ޒާރާ ކޮންމެ އެއްޗެއް އޭނަގެ އަތުން ގެންދިޔަޔަސް އެންމެ ބަހެއްވެސް، އޭނަ ދޭއެއްޗެއް ދޭނީ ހެޔޮހިތުން........މައްސަލައަކީ އަހަރެން އެ އެޕާޓްމެންޓަށް ނުވަންނާށޭ ބުނެފަ އޮއްވަ ޒާރާ ވަނީމަ.........އަހަރެން އެކަމެއް ނުކުރާށޭ ބުނީމަ ޒާރާއަށް އެބަސްނުވޭ އެއްވެސް އެއްޗަކަށް އެހެންވީމަތާ މިހެންމިވީ، ދެން ގޮސް ވިޝާލްގެ ކަންތައް، އެކަންވެސް ހިނގީ ކިހިނެއްކަން އަހަންނަށް އެނގިއްޖެ، އެކަމަކު އެދަރަޖައަށް ޒާރާ ހިނގައިދާނެކަމަށް އަހަންނަށް އެއްގޮތަކަށްވެސް ގަބޫލެއް ނުކުރެވުނު.....ހިތަށްއެރި މަންހާގެ މައްޗަށް އެހާ އަނިޔާވެރިވާން ޒާރާއަށް ކެރުނީ ކީއްވެބާއޭ؟ ޒާރާ އަހަންނަށް ކީއްވެކަން ބުނެދީބަލަ.......މަންހާ ކީއްކޮއްގެންތަ ޒާރާ އެވަރު އޭނައަށް ކުރަން ޖެހުނީ...." ދާއިން ވާހަކަދެއްކީ މަޑުމައިތިރިކަމާއިއެކުއެވެ.
"އަހަރެން ހަމަ ހައިރާންވެއްޖެ ދާއިންއަށް އޭނަ ކުރީ ކީއްކަން ނޭގުނީތީ، މިހާރު އަހަންނަށް އެނގިއްޖެ...........ދާއިންވެސް ހުރީ އަހަރެން އެއްފަރާތްކޮއްލާފަ މަންހާ އާއިއެކު އުފާވެރި ދިރިއުޅުމެއް އުޅެންވެގެން، އެކަމަކު އަހަރެންގެ ނަސީބުކަމެއް ނޫނީ ބަދުނަސީބުކަމެއް ނޭގެ، އަހަރެން ސިކުނޑި ހަމަނުޖެހޭ ބޮޑު މޮޔައެއްހެން ހުރެފަ ހަމަވިސްނުން ލިބުނީކީ، މިސިޓީތަކަކީ ދެން އެހެން ކޮންކަމެއް، ދާއިން އާއި މަންހާ ހިތާވެގެން އުޅޭތާ އެތަކެއް އަހަރުވެއްޖެކަން މީގެން އެބައެނގޭ، އެހެންވެ އަވަހަށް ފުރުޞަތު ލިބުނީމަ ދެމީހުން ކައިވެނި ކޮއްލީ، ކިހާ މޮޅު، އޭގަ ދެރަލިބުނީ އަހަންނަކައްނު......" ޒާރާ އެނދުން ތެދުވެ ވާހަކަދެއްކިއެވެ.
"އެހެނެއްނޫން، ޒާރާ ބޭނުންގޮތަކަށް ހީކުރެވިދާނެ، އެކަމަކު ހަގީގަތަކީ އެއެއްނޫން، އަހަރެން މަންހާ އާއި ގުޅުނީ އޭނަދެކެ ލޯބިވާތިއެއްނޫން، އެކަމަކު އަހަރެންގެ ދިރިއުޅުން އެވަގުތު އޮތް ހާލަތު އޭނައަށް އެނގި އެކަމަށް އޭނަ ގަބޫލުވާތީ، އަދި އޭނައަކީ އަޙްލާގު ރަނގަޅު އަންހެނަކަށްވީތީ............ޒާރާ ނިކަން ވިސްނާލަބަލަ، ޒާރާ ރަނގަޅުވުމަށް އެންމެ ބޮޑުއެހީއެއްވީ މަންހާ އެއްނު، އޭނަ ދުވަހަކުވެސް ޒާރާއަށް ދެރަގޮތެއް ވާކަށް ނޭދޭ، އެދުވަހު ވަޅި ހިފައިގެން މަންހާ ހުއްޓަފެނުމުން އަހަރެން ޒާރާއަށްޓަކައި ބިރުގަތް، ޒާރާގެ ސަލާމަތަށްޓަކައި އަހަރެން މަންހާގެ އެޕާޓްމެންޓަށް ދިއުން މަނާ ކުރީވެސް، އެކަމަކު ޒާރާ ބޭނުންވީ މަންހާއަކީ މޮޔައެއްކަމަށް ހެދުމަށް..............ޒައުލްއަށް އެވަގުތު ނާދެވުނު ނަމަ އެއްވެސް ކުށެއްނެތި މަންހާ ހުންނާނީ ސިކުނޑި ހަމަނުޖެހޭމީހެއްގެ ގޮތުގައި ގުރައިދޫގަ............އެހެންވިނަމަ ދުވަހަކުވެސް އަހަންނަށް އަހަރެންގެ އަމިއްލަ ނަފްސަށް މާފުނުކުރެވުނީސް، އެކަމަކު ޒާރާ އެއްވެސް ޖެހިލުމެއްނެތި އެހުރިހާ ކަމެއް ކުރީ...............އެދުވަހު ވިޝާލް އާއި މަންހާ އެގޮތަށް ތިއްބަ ފެނުމުން ޒާރާއަށް ބަދުނާމު އެކުރެވުނީ މަންހާއެއް ނޫނޭ، ޒާރާގެ މި ފިރިމީހާ، މި ދާން ގަތްލަދާއި ދެރަވިވަރު ޒާރާއަށް ވިސްނާލެވުނުނަމަ..........އަހަރެން ޒާރާދެކެ ވަރަށް ލޯބިވިން...........ވަރަށް ބޮޑަށް ލޯބިވިން..........ކިތަށްރޭ އަހަރެން ޒާރާގެ ގާތުގައި ހޭދަކުރަނީ، އެއިން ކޮންމެ ރެއަކު އަހަރެން މަންހާ ގާތު އަހަންނަށް އިންތިޒާރު ކުރަންބުނެވޭ، އެކަމަކު ޒާރާ ދޫކޮއްލާފަ އަހަރެން ދަންތަ............." ދާއިންގެ ވާހަކަ ޒާރާ ރުޅިވެރިކަމާއިއެކު ހުއްޓުވިއެވެ.
"ދެން ހެޔޮ..........ދެން ހެޔޮ...................މަންހާގެ ރަނގަޅުކަން، މަންހާގެ މާތްކަން.............އަހަންނަށް ދާއިންއަށް ދަރިއަކު ނުދެވުނީމައެއްނު ތިހާވަރު ތިވަނީ، އަހަރެންދެކެ މާލޯބިވާ ކަމަށް ހެދިގެން އުޅޭނެ ކަމެއްނެތް، އޭނައަކީ ނުބައި އަންހެނެއް، އަހަރެންގެ އަތުން ދާއިން އަތުލައިގަންނަން އޭނަ ކުރާކަންތައްތައް ދާއިންއަކަށް ނުފެންނާނެ، އެހެންނުވާނީ އޭނައަކީ ސިއްރުން ކަންތައްކުރަން އެއްވަނަ އަންހެނެއް.............އަދި ލަދުހަޔާތް ކުޑަކަމުން އެނބުރި މިގެއަށް އަތުވެއްޖެޔޭ، ދާއިންއަށް ދަރިއަކު ލިބިއްޖެއެއްނު، ދެން އޭނަ ދޫކޮއްލަންވީނު..............އޭނަ އާއި ނުލާވެސް އަހަރުމެންނަށް އުފަލުގަ އުޅެވޭނެ، އަހަރެން..............އަހަރެން ނެހާގެ މަންމައަށް ވާނީ...........އޭނަ މިގޭން ފޮނުވާލާ...........ވަރިކޮއްލާ.........ނެރެލާ އެކީގަ..........." ޒާރާ ރުޅިއައިސްގެން ގޮސް ތުރުތުރުއަޅަމުންދިޔައެވެ. އޭނަގެ އަނގަމަޑުވީ ދާއިންގެ އަތް ހޫނުކަމާއިއެކު އައިސް އޭނަގެ ކޯތާފަތުގައި ޖެހުމުންނެވެ.
"ތިކިޔޭ އެއްޗެއް އެބަ އެނގޭތަ، ތިހާ ރުޅިގަދަވާކަށް ނުވާނެ ޒާރާ............އަހަރެން މަންހާ ވަރިއެއްވެސް ނުކުރާނަން، އޭނަ އުޅޭނީވެސް މިގޭގަ، އަދި ނެހާގެ މަންމައަކީ މަންހާ، އާން.........މަންހާ އަބަދުވެސް ހުންނާނީ އަހަރެންގެ އަންބެއްގެ މަގާމުގަ، އަޑުވިއްޖެއްތަ..............މަންހާ ހުންނާނީ އަހަރެންގެ އަންބެއްގެ މަގާމުގަ.........އަހަރެން މިހާރު އޭނަދެކެ ވަރަށް ލޯބިވޭ.............." ދާއިންވެސް ހުރީ ވަރަށް ރުޅިއައިސްފައެވެ. މިނޫނީ ދުވަހަކުވެސް އޭނަ ޒާރާގެ ގައިގާ ނުޖަހައެވެ. ކުރިމަތީ ހުރި ފޮށިގަނޑުގެ މަތިގަނޑު ޖަހާލުމާއިއެކު އެފޮށިހިފައިގެން ދާއިން ނުކުންނަން ދިޔަވަގުތު ޒާރާ އެނދުމަތީގައި އޮތް ކުށަންއެއްނަގާ ދާއިންއާއި ދިމާލަށް ހޫރުވާލިއެވެ. އޭތި އައިސް ދާއިންގެ ބުރަކަށީގައި ޖެހުމާއިއެކު ޒާރާއާއި ދިމާލަށް ބަލާލާފައި ދެބުމަށްގޮއްޖާލިއެވެ.
"ތީ އަހަރެން ލޯބިވި ޒާރާއެއްނޫން..........ތިކަހަލަ ޒާރާއެއްދެކެ އަހަރެން ލޯބިވާކަށް ބޭނުމެއްނޫން.............." ދާއިން ދަތްފިލަ ބާރުކޮއްލުމާއިއެކު ކޮޓަރީގެ ދޮރުލައްޕާލިއެވެ. އެވަގުތުވެސް ޒާރާގެ އިތުރު ބާލީހުގެ ހަމަލާއެއް ދޮރަށް އެރިއަޑުއިވުނެވެ. އަދި ޒާރާ ހަޅޭލަވައިގަތްއަޑުވެސް އިވުނެވެ. ދާއިން ފުންނޭވާއެއް ބޭރުކޮއްލުމަށްފަހު މޫމިނާގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތް އިރު ސިޓިން ރޫމުގައި މޫމިނާ ހުއްޓިލައިގެން ހުރިތަން ފެނުނެވެ. ސިހިފައި ދާއިންއަށް މަންމާއޭ ބުނެލެވުނެވެ.
"ކިހިނެއްތަ ވެގެން މިއުޅެނީ، ޒާރާ ރުޅިގަދަވެގެން އެއުޅެނީ ކޮންކަމަކާތަ، މަންހާ އައިތާ އަދިނުވެއެއްނު ގިނައިރެއް، ދަރިފުޅު މަންހާގެ ގާތަށް ނުދަންތަ؟" މޫމިނާ ކަންބޮޑުވެފައި ހުރި ގޮތަކަށް އެހިއެވެ.
"މިދަނީ މަންހާ ކައިރިއަށް، މިއައީ މިފޮށްޓާއި ނެހާ ބަލާ" ދާއިން ހުރިހާ ކަމެއްވެސް ރަނގަޅުކަން ދައްކާލުމުގެ ހިނިތުންވުމެއް މޫމިނާއަށް ދެމުން ބުނެލިއެވެ.
"ދެން ޒާރާ............" މޫމިނާ އެއްޗެއް ބުނަން އުޅެނިކޮށް ދާއިން ވާހަކަދެއްކިއެވެ.
"މަންމާ، ޒާރާއަށް އަދި ނުވިސްނެނީ، އެހެންނޫނަސް ކޫސަނި ކަންތައްތަކާ ރުޅިއައުމަކީ އޭނަގެ އާދައެއްނު، މަންމަވެސް ކޮޓަރިއަށްވަދެ ނިދާލެވޭތޯ ބަލާލާ، އެހާފަތިހާ ހޭލާއިރު އަވަހަށް ނިދަންވާނެއެއްނު" ދާއިން އޭނަގެ އަތުގައި އޮތް ފޮށިގަނޑު އެޕާޓްމެންޓުގެ ދޮރުކައިރި ބަހައްޓާލާފައި މޫމިނާ އާއި ވާހަކަދައްކަމުން އެކޮޓަރިއަށް ދިޔައެވެ.
އެއްއަތުން ނިދިފައި އޮތް ނެހާ އުރާލައިގެން ހުރެ މަންހާގެ އެޕާޓްމެންޓުގެ ދޮރު ހުޅުވާލުމާއިއެކު ފައިކައިރީ ހުރި ފޮށިގަނޑު ފައިން އެތެރެއަށް ކޮއްޕާލިއެވެ. އަދި އެޕާޓްމެންޓުގެ ދޮރު ރަނގަޅަށް ތަޅުލުމަށްފަހު ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމުގެ ކުރިން ދާއިން ފުންކޮށް ދެތިން ނޭވާލާ މީހާ ހަމަޖެހިލީ ޒާރާދެކެ އައި ރުޅީގެ އެއްވެސް އަސަރެއް މަންހާއަށް ނުދެއްކުމަށެވެ. ކޮޓަރިއަށް ދާއިންވަތްއިރު މަންހާ ފެންވަރާލައިގެން ފާހާނާއިން ނުކުންނަނީއެވެ.
"ނިދިފައޮތީ، އަހަރެން ބާއްވާލަންވީތަ" ދާއިން އޭނަގެ އަތުގެތެރޭ ނިދިފައިއޮތް ނެހާގޮވައިގެން އައިސް މަންހާގެ ގާތުގައި ހުއްޓިލަމުން ބުނެލިއެވެ.
"އަހަރެން އަތްލާތަނުން ހޭލަފާނެ، އަތްވަރަށް ފިނި އެހެންވެ" މަންހާ ދެއަތްދެއަތާ ޖޯޑުކޮއްލަމުން ބުނެލިއެވެ. ދާއިން ހޫންލައްވާލަމުން ބޯޖަހާލާފައި ނެހާގެ ކޮޓަރިއަށްވަނެވެ. އޭނަގެ ފަހަތުން މަންހާވެސް ވަނެވެ. ކުޑައެނދުގައި ހުރި ބާލީސްތައް މަންހާ ރަނގަޅުކޮއްލުމުން ދާއިން ނެހާ ބާއްވައިފިއެވެ. މަންހާ ރަޖައިން ނެހާގެ ކުޑަކުޑަ ހަށިގަނޑުގެ ބޮޑުބައެއް ނިވާކޮއްލަމުން އަރިމަތީބާލީސް ކައިރިކޮއްލިއެވެ. އަދި އޭނަގެ ދަރިފުޅަށް ބަލަހައްޓައިގެން ހުއްޓެވެ.
"ކިހިނެއްވީ؟" މަންހާ ކުޑައެނދުގެ އަރިމަތީފަޑީގައި ހިފަހައްޓާލައިގެން ނެހާއަށް ބަލަން ހުންނަން ފެށުމުން އަހާލިއެވެ. އަދި މަންހާގެ ފަހަތުން އައިސް އޭނަގެ އުނަގަނޑުގައި ދެއަތްވަށާލަމުން ބައްދާލިއެވެ.
"އައި މިސްޑް ހާ........." މަންހާ މަޑުމަޑުން ބުނެލިއެވެ.
"އައި މިސްޑް ޔޫ.........." ދާއިން ކުޑަކުޑަކޮށް ހީނލާފައި މިހެންބުނެ މަންހާގެ ކަނދުރާގައި ބޮސްދިނެވެ.
ދާއިން އާއި މަންހާ އިރުކޮޅަކު އެދެމީހުންގެ ދަރިފުޅަށް ބަލަހައްޓައިގެން ތިބިމަށްފަހު އެނދުގައި އޮށޮންނަން ހިނގައިގަތެވެ. މަންހާ ނާހާނަމޭ ހިތަށް އަރުވައިގެން ހުއްޓެއް ކަމަކު ޒާރާގެ ހާލު އެނގެން ބޭނުންވިއެވެ. ދާއިންގެ އަތްމަތީ ބޯއަޅާލައިގެން އޮވެ މަންހާ އެކިވާހަކަތައް ދައްކަމުންގޮސް އެންމެ ފަހުން ޒާރާގެ ވާހަކަވެސް އަހައިފިއެވެ.
"އޭނަ މަންއަށް ހިތުހުރި ގޮތަކަށް ކަންތައްކުރާއިރުވެސް ކީއްވެތަ މަން ޒާރާ އާއިމެދު ތިހާ ވިސްނަނީ......ބުނެބަލަ، ދެރައެއްނުވޭތަ އޭނަ ކުރާކަންތައްތަކުން، ފޫއްސެއްނުވޭތަ........." ދާއިން އޭނަގެ އަތްމަތީ ބޯއަޅާލައިގެން އޮތް މަންހާ އާއި ދިމާލަށް އެނބުރިލަމުން ބުނެލިއެވެ. އަދި އެރީތި އޮމާން ކޯތާފަތުގައި ފިރުމާލިއެވެ.
"ހުރިހާ އެންމެންނަކީ އެއްގޮތް ހިޔާލުތަކެއް ލިބިފައިވާ ބައެއްނޫން، ޒާރާ......އޭނަގެ ހިތުގަވެސް އިޙްސާސްތަކެއްވޭ، ހަގީގަތުގަ އެކަކުވެސް ބޭނުމެއްނުވާނެ އޭނަގެ ދިރިއުޅުމުގެތެރެއަށް އިތުރު މީހަކު އަންނާކަށް، މިބުނީ ދެމަފިރިންގެ ތެރެއަށް އިތުރު އަންބަކު އައުން، އަހަންނަކީ ތިދެމަފިރިންގެ ތެރެއަށް އައި އިތުރު މީހެއް، އަހަންނަކީވެސް އަންހެނެއް......ހަމައެގޮތަށް ޒާރާއަކީވެސް އަންހެނެއް، އަހަރެންގެ ހިތުގައިވާ ފަދަ އިޙްސާސްތަކެއް އޭނަގެ ހިތުގައިވެސް ވޭ، އޭނަވެސް ދާއިންދެކެ ލޯބިވޭ، ދާއިން ބޭނުންވޭ......އަނެއްކޮޅުން އޭނަގެ ކުށެއްނޫން އެއީ އޭނައަށް ދަރިން ނުލިބުން، އަހަރެންގެ ނަޒަރުގައި ޒާރާގެ ކުށަކީ އޭނަގެ ރުޅި އާއި އުފެދެމުން އައި ހަސަދަވެރިކަން ކޮންޓްރޯލް ނުކުރިކަން....އަބަދުވެސް އަނެކާ އަކީ ތިމާފަދަ އިންސާނެއްކަން ވިސްނަންވާނެ، ތިމާއަށް ތަދުވާއިރު އަނެކާއަށްވެސް ތަޒުވާނެކަމާ، ތިމާއަށް ދެރަވެ ރޮވޭއިރު ހަމައެގޮތަށް އަނެކާގެސް އޮންނަނީ ހިތެއްކަމާއި އޭނަވެސް ދެރަވާނެކަމާ، އޭނަގެ ދެލޮލުންވެސް ފައިބަނީ ތިމާގެ ދެލޮލުން ފައިބާފަދަ ކަރުނަކަން ދަންނަންވާނެ، މީހަކާ ދިމާލަށް ދުލުން ބަހެއްބުނާއިރު އެބުނެވޭ އެއްޗަކާއިމެދު ވިސްނަންވާނެއެއްނު.......ކީއްކުރާނީ، މިހިސާބަށް ކަންތައްތައް ދާންމިޖެހުނީ އެންމެ ނުބައި ދަނޑިވަޅުގަ ހުރިހާކަމެއްވީމަ، މިބުނީ އަހަރެން ވިހެއި ދުވަހަކީ ދެވަނަ ފަހަރަށް ޒާރާވެސް މިދުނިޔެއަށް ނޭވާލީ ދުވަސް، އޭނައަށް ފުންނިންޖަކުން ހޭލެވުނުއިރު އަހަންނަކީ ދާއިންގެ އަންބެއް، އަދި އޭރު ދާއިންގެ ދަރިފުޅު ވިހައިގެން ހޮސްޕިޓަލުގަ އަހަރެން އޮތީ.......އެހުރިހާ ކަމެއް އޭނައަށް ދާއިން ސިއްރުކުރަން މަސައްކަތް ކުރިޔަސް އެކަން ނުވާނެކަން ދާއިންއަށް އޭރު ވިސްނުނުނަމަ......އޭރު އެހުރިހާ ކަމެއް އޭނައަށް ހަޖަމްކުރަން ޖެހުމުން އޭނައަށް ކުއްލި ޝޮކެއްނު ލިބޭނީ، އެދުވަސްތަކުގައި އޭނަ ކިހާ ކަމަކާ ވިސްނާނެ، ދާއިން ޒާރާއަށް އޭރުއްސުރެ ވިސްނާދިންނަމަ އަހަންނާ ނެހާއަކީ ދާއިންގެ ދިރިއުޅުމުގެ އެއްބައިކަން އޭނައަށް ޖެހޭނީ ގަބޫލުކުރަން............" މަންހާގެ ނިތްކުރީގައި ކުއްލިއަކަށް ދާއިން ބޮސްދިނުމާއިއެކު މަންހާގެ ވާހަކަތައް ހުއްޓުމަކަށް އައެވެ.
"ތިކަހަލަ އަންބަކު ކޮންމެ މީހަކަށް ލިބޭނެނަމަ ދޯ" ދާއިން ލޯތްބާއިއެކު ބުނެލިއެވެ.
"އޭރުން ހުސްވެސް އުޅޭނީ ދެއަނބިން ގެންގުޅޭ މީހުންނެއްނު........." މަންހާ ހީނލާފައި ބުނެލިއެވެ. އެއާއިއެކު ދާއިންވެސް ހީނލިއެވެ. އަދި މަންހާގެ އުނަގަނޑުގައި ހިފާ ކައިރިކޮއްލަމުން މަންހާގެ ކަންފަތްކައިރީ ލޯބި ލޯބި ވާހަކަތައްދައްކަންފެށިއެވެ. ގިނައިރެއްނުވެ މަންހާގެ މޫނަށް ޖަންބުކުލަ ވެރިވެ ލަދުވެތިކަމާއިއެކު ދޭތެރެއަކުން ހީނލާއަޑުއިވެންފެށިއެވެ. ދާއިންގެ ބީހުންތަކަށް މަންހާ މަރުޚަބާ ކިޔަމުން އެހިތް ހުޅުވާލާފައިވާފަދައިން އެހަށިގަނޑުވެސް ދާއިންއަށްޓަކައި ހުޅުވާލިއެވެ. ކޮޓަރީގެ އޭސީގެ ފިނީގައިވެސް ދެހަށިގަނޑުގެ ހޫނު އެކަކު އަނެކަކަށް އިޙްސާސްކުރެވެމުންދިޔައެވެ. ދާއިން އޭނަގެ އަތުގެތެރޭ މަންހާ ގެންގުޅެލި ގޮތްވެސް ހުދު މަންހާއަށް ނޭގެއެވެ. އެއްވެސް ބަރުކަމެއްނެތް ލުއި ލުއި ފަތެކޭ މަންހާއެކޭ ތަފާތެއް ނެތްކަހަލައެވެ.
ވަރުބަލިކަމާއިއެކު ފުންނޭވާތަކެއް ލަމުންދިޔަ ދާއިން އޭނަގެ އަތުގެތެރޭގައި އޮތް މަންހާއަށް ބަލާލިއެވެ. ހަމައެހިނދު މަންހާ ލަދުން ދާއިންގެ އަތާ ހަށިގަނޑާ ދޭތެރެއަށް މޫނުލާ ފޮރުވާލިއެވެ.
"މަންހާ ކޮންކަމަކާތަ ތިހާ ލަދުގަންނަނީ، އެކަމަކު ބުނަންތަ، މަންހާ ތިގޮތަށް ލަދުގަނެގެން މޫނުފޮރުވާލާ ކޮންމެ ފަހަރަކު އަހަރެން ވަރަށް ވޭ އިތުރަށް މަންހާ ލަދުގަންނަވާލާ ހިތް.........އޭރުން އަދި ވަކިން މަން ލޯބިވާނެކަން އެނގޭ..........." ދާއިން ފުންނޭވާތަކެއް ލަމުން ބުނެލިއެވެ. ރޭގަނޑުގެ އެތަށް ދަމެއްހޭދަވެގެން ދިޔައިރުވެސް ދާއިންގެ ލޮލަށް ނިންޖެއްނައެވެ. އެކަމާހުރެ މަންހާ ނިދޭތޯ ނުވެސްއުޅެއެވެ. ދާއިން އޭނަގެ ހިތުގައިވާ އެތަށްކަމެއް މަންހާ އާއި ޙިއްޞާކުރިއެވެ. އެތަށް ފަހަރަކު ލޯބިވާ ވާހަކަ ބުންޏެވެ. މަންހާގެ ހިތް އުފަލުންގޮސް ބަންޑުންވަނީއެވެ. ދާއިންގެ ފަރާތުން ދުވަހަކުވެސް މިދަރަޖައަށް ލޯބިލިބިދާނެއޭ އޭނަ ހީނުކުރެއެވެ.
ކޮޓަރީގައި ހުރި ބައެއް އެއްޗިއްސަށް ގެއްލުންދިނުމުންވެސް ޒާރާގެ ހިތަށް ފިނިކަމެއް ނުލިބުނެވެ. އަދިވެސް ކަންފަތުގައި ހަރުލާފައިވަނީ ދާއިންގެ އަޑެވެ. އޭނަ ޒާރާ އާއި ދިމާލަށް ކީ އެއްޗިއްސެވެ. ޚާއްޞަކޮށް އޭނަ މިހާރު މަންހާދެކެ ލޯބިވާ ވާހަކައެވެ. އިރެއްގައި ޒާރާގެ މީހަކަށް ދާއިންވީނަމަވެސް އޭނަގެ އަތުން ދާއިން ބީވެގެން ހިނގައްޖެކަމުގެ އިޙްސާސް ކުރެވުނު ހިނދު އެނދުގައި އިށީނދެވުނެވެ. ދެލޯ ފުރި އެއްވެސް ހިފެއްޓުމެއްނެތި ކަރުނަތައް ފައިބަން ފެށުމާއިއެކު ޒާރާއަށް މޫނުގައި އަތްއެޅުނެވެ. އަދި ބާރަށް ރޯންފެށުނެވެ. ދަންވިވަރަކަށް އޭނަގެ ސިކުނޑިޔާ ދާއިން އާއި މަންހާގެ ހިޔާލުތައް ކުޅެންފެށިއެވެ. އެދެމީހުން އުފާހޯދަމުންދާނެކަމުގެ ހިޔާލުތަކެވެ. އެހެންނަމަވެސް ޒާރާ ބާކީވެފައިވާކަމެވެ. އެފަދަ ހިޔާލުތައް ސިކުނޑިއަށް އަރަންފެށުމުން ކުރިއަށްވުރެ ބޮޑަށް ޒާރާއަށް ރޮވުނެވެ. އޭނަގެ ސިކުނޑިއަށް ރަނގަޅު އެއްގޮތެއްވެސް ނުވިސްނުނެވެ. އެންމެ ފަހުން ރޮމުން ރޮމުން އެނދުން ތެދުވިއެވެ. އަލަމާރިތެރޭ ބަހައްޓާފައި ހުރި ފޮށްޓެއް ނަގާ ހުޅުވާލުމަށްފަހު ހެނދުންތައް އެއަށް އަޅަންފެށިއެވެ. އެފޮއްޓަށް އެޅޭނެވަރަކަށް އެއްޗިހި އެޅުމަށްފަހު ފޮށިލައްޕާލާ ދެއަތުން ދެލޮލަލާއިއެކު މޫނު ފޮހެލިއެވެ. އަދި ލައިގެން ހުރި ޖިންސުގެ ޖީބުގައި އޮތް އޭނަގެ މޯބައިލް ފޯނު ނަގާ ޓެކްސީއަކަށް ގުޅިއެވެ. ގޭގެ އެކަކަށްވެސް ނޭގި ޒާރާ ފޮށިހިފައިގެން ނުކުމެ ގޭގެ ދޮރުމަތީ ހުރީ ޓެކްސީގެ އިންތިޒާރުގައެވެ. އެހެންހުރިއިރުވެސް އޭނައަށް ރޮވެނީއެވެ. އިރުއިރުކޮޅާ އަތުގެ ނުފުށުން ފަހަރަކު ލޮލެއް ފޮހެލައެވެ.
ގިނައިރެއްނުވެ ޓެކްސީ އައިސް ޒާރާގެ ކުރިމައްޗަށް މަޑުކޮއްލިއެވެ. އަދި ޒާރާގެ އަތުގައި އޮތް ފޮށި ފެނުމާއިއެކު ޑްރައިވަރު އެފޮށި ކާރުގެ ފަހަތު ޑިކީއަށް ލުމަށް އެހީވެދިނެވެ. ޓެކްސީގެ ޑްރައިވަރަށްވެސް ހައިރާންކަމާއިއެކު ޒާރާއަށް ބަލާލެވުނީ އޭނަ ރޯތީއެވެ. ކާރަށް އަރާ ޒާރާ ހަމަޖެހިލުމާއިއެކު ޑްރައިވަރު ދާންވީތަނެއް އަހާލިއެވެ. އެއާއިކު ޒާރާ އޭނަގެ ގޭގެ ނަންބުންޏެވެ. މެންދަމުން އަލިވެ ތިނެއްޖަހާކަން ހާއިރުކަމަށްވާތީ މާލޭ މަގުތަށް ވަރަށް ފަޅެވެ. އެހެންނަމަވެސް މަދުމަދުން ދުއްވާ ދެތިން އުޅަނދެއް ފެނެއެވެ. ކާރުގެ ތެރޭ އިން ޒާރާ ދެލޮލުން ފައިބާ ކަރުނަތައް ފޮހެމުންދާ މަންޒަރު ޑްރައިވަރަށް އޭނަގެ ކުރިމަތީގައި ހުރި ލޯގަނޑުން ފެނެއެވެ. އެއްޗެއް ނުބުނަން އިނދެފަވެސް އެފަދަ ގަޑިއެއްގައި އަންހެނެއް އެކަނިމާއެކަނި ފޮއްޓެއް ހިފައިގެން ކާރަށް އަރާ ރޮމުންދިއުމީ ކޮންމެވެސް ކަމެއްގޯސްވެއްޖެކަމުގެ ނިޝާނެއްކަމުގައި ޑްރައިވަރު ދެކުނެވެ. އެހެންވެ އެހީއެއްވުމުގެ ނިޔަތުގައި ޒާރާ އާއި ވާހަކަދެއްކިއެވެ.
"ކޮއްކޯ.........ކީއްވެތަ ތިހާވަރަށް ތިރޮނީ، އަނެއްކާ މިފަދަ ދަންގަނޑިއެއްގަ................." ޑްރައިވަރުގެ އަޑުގައި ކިތަންމެ ހިތްހެޔޮކަމާއި އޯގާތެރިކަން އެކުލެވިފައިވިޔަސް ޒާރާ އޭނަ ބުނަންއުޅުނު އެއްޗެއް މެދުކަނޑާލިއެވެ.
"ކަލޭ ބަލަންޖެހޭތަ ކީއްވެކަން އަހަރެން ރޮނީ، އަހަރެންގެ ކަންތަކާ ނުބެހި ކާރު ބާރަށް ދުއްވަބަލަ" ރޮވިފައިވިޔަސް ޒާރާގެ އަޑުގައި ހުރީ ރުޅިވެރިކަމެވެ. އެއަޑުއިވި ޑްރައިވަރަށް އިތުރަށް އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. އޭނަގެ ހުރިހާ ސަމާލުކަމެއް ކުރިމަތީ ފެންނަން އޮތް މަގަށް ހުއްޓާލައިގެން އިންގޮތަށް ބަހެއްނުބުނެ ޒާރާގެ ގެއާއި ހަމައަށް އާދެވެންދެން އިނެވެ.
ގޭގެ ބޭރު ދޮރޯށި ހުރީ ތަޅުލާފައެވެ. ޓެކްސީގެ ޑްރައިވަރު ގޭގެ ދޮރުމަތީ ޒާރާގެ ފޮށި ބެހެއްޓުމަށްފަހު އޭނަގެ ކާރަށް އަރައިގެން ދުއްވާލީއެވެ. މަގުގެ ދެފަރާތަށް ޒާރާ ބަލާލާފައި ފޯނު ނަގާ ފަލަކްއަށް ގުޅަން ފެށިއެވެ. ތިންފަހަރަށް ގުޅުނު އިރުވެސް ފަލަކް ފޯނެއްނުނެގިއެވެ. ދެންވެސް ފޯނުގައި ސޭވްކުރެވިފައިވާ ނަންބަރުތައް ހޯދަމުންދިޔައެވެ. ފަހީމާގެ ނަންބަރު ސޭވްކުރެވިފައި އޮތްތަން ފެނުނީދެނެވެ. ދޮރޯށީގައި އަތުން ދެތިންފަހަރަށް ޒާރާ ޖަހާލީ ގޭތެރޭގައި ތިބި މީހުންނަށް އަޑުއިވިދާނެއޭ ހިތާއެވެ. އޭރު ފަހީމާގެ ނަންބަރަށް ގުޅާލައިގެން ކަންފަތުގައި ފޯނު ޖައްސާލައިގެން ޒާރާ ހުއްޓެވެ.
ދަމު ނަމާދަށް ތެދުވެ ކުޑަކޮށް ކިޔަވާލާފައި އޮށޮންނަން ނިންމައިގެން އިން ފަހީމާއަށް އެނދުގެ ބޯލާކޮޅުގައި އޮތް ބާލީހުގެ ދަށުން އޭނަގެ ފޯނު ރިންގުވިއަޑުއިވުނެވެ. ދަންގަޑިއަކަށްވެފައި ހައިރާންވީ އޭނައަށް މިގަޑީގަ ގުޅާނެ މީހަކު ނުހުންނާނެތީއެވެ. ފަހަރެއްގައި އޮޅިގެން މީހަކަށް އޭނަގެ ފޯނަށް ގުޅެނީއޭ ހިތާ މުއްސަލަ މަތީ އިންގޮތަށް އިނީއެވެ. އެހެންނަމަވެސް ތިންހަތަރު ފަހަރަށް ގުޅުމާއިއެކު ތެދުވެ މުއްސަލަ އެއޮންނަންވާ ތަނުގައި ބޭއްވުމަށްފަހު ބާލީސްދަށުގައި އޮތް ފޯނު ނަގާ ހެލޯ އޭ ބުނެފިއެވެ.
"މަންމާ..........ދޮރު ހުޅުވުބަލަ......." ރޮވިފައިވާ އަޑަކުން ޒާރާ ބުންޏެވެ.
(ނުނިމޭ)