ކުޅިވަރު

ވޯލްޑްކަޕްގެ ލޯގޯއިން ދޭހަވަނީ އަރަބި ސަގާފަތް

ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ، ވޯލްޑްކަޕުގެ ރަސްމީ ލޯގޯ ފީފާއިން ލޯންޗު ކޮށްފި އެވެ.

ލޯގޯ ލޯންޗު ކޮށްފައި ވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އެއް ވަގުތެއްގަ އެވެ. ގަތަރުގެ ވެރިރަށް ދޯހާއާއެކު ލޯގޯ ލޯންޗު ކުރި އެހެން ސިޓީ ތަކަކީ، އެމެރިކާގެ ނިއުޔޯކް، އާޖެންޓީނާގެ ބިއުނޮސްއައިރީސް، ބްރެޒިލްގެ ސައުޕޯލޯ، ޗިލީގެ ސެންތިއާގޯ، ދެކުނު އެފްރިކާގެ ޖޮހޮނަސްބާގް، އިނގިރޭސި ވިލާތުގެ ލަންޑަން، ފްރާންސްގެ ޕެރިސް، ޖަރުމަންގެ ބާލިން އިޓަލީގެ މިލާން، ރަޝިއާގެ މޮސްކޯ، އިންޑިއާގެ މުންބާއީ ދެކުނު ކޮރެއާގެ ސޯލް އެވެ.

ލޯގޯއިން ދޭހަ ކޮށްދެނީ، ގަތަރުގެ އަރަބ ސަގާފަތެވެ. ހަނަފަސް ސަހަރާގައި އޮތް ބިންތައް ކުރިއަރައި ޓެކްނޮލަޖީގެ ރޮނގުގައި ކުރިއަރައި ދިޔަ ގޮތް ލޯގޯއިން ރަމްޒު ކޮށްދެ އެވެ. އަދި ވޯލްޑްކަޕްގެ ޓްރޮފީވެސް ރަމްޒުކޮށްދެ އެވެ.

އެންމެ ފަހުން ބޭއްވި ހަތަރު ވޯލްޑްކަޕުގައިވެސް އެއްގޮތް ކަމެއް ހުރިއިރު، ގަތަރުގެ ވޯލްޑްކަޕުގައި އެއާ ބޮޑު ތާފާތެއް ގެނެސްފައި ވުމުން ގިނަ ބަޔަކު ވަނީ ރަނގަޅު ކަމެއްގެ ގޮތުގައި ސިފަ ކޮށްފަ އެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ކުރީގެ ތަރިންނާއި މިހާރުގެ ބައެއް ތަރިން ވަނީ ލޯގޯ ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ.

އަނެއް ބަޔަކު ފާޑު ކިޔުންވެސް އޮއްސާލި އެވެ. އެއީ ގަތަރަށް ވޯލްޑްކަޕް ބާއްވަން ބިޑު ދިން އިރު، ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރުމުންނެވެ. އަދި ވޯލްޑްކަޕަށް ސްޓޭޑިއަމްތަކާއި މަގުތައް އިމާރާތް ކުރުމުގެ މަސައްކަތުގައި އުޅޭ ގައުމުން ބޭރުގެ މަސައްކަތްތެރިންނާމެދު ގަތަރުން ކުރިން އަމަލު ކުރި ގޮތުންވެސް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފަ އެވެ.