ހަބަރު

ރިލްވާން މައްސަލަ: މަޖިލީހާއި ބައްދަލު ކުރަން ސީޕީ އެދިއްޖެ

Sep 4, 2019

އަހުމަދު ރިލްވާން ގެއްލުނު މައްސަލާގައި ރިޔާސީ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓްގައި ހޯދާފައިވާ ކަންކަމާއި ގުޅިގެން މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއާ ބައްދަލު ކުރަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެދިވަޑައިގެންފި އެވެ.

ފުލުހުން ބުނީ، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާއި ސީޕީ ހަމީދު މިއަދު ރިލްވާންގެ އާއިލާއާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި ރިލްވާން މައްސަލާގައި ކޮމިޝަނުން ހޯދާފައިވާ ކަންކަމާއި ގުޅިގެން މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއާއެކު ބައްދަލުވުމެއް ހަމަޖައްސައި ދިނުމަށްއެދި ސީޕީ ހަމީދު ރަސްމީކޮށް މަޖިލީހުގައި އެދި ވަޑައިގެންފައިވާ ކަމަށެވެ.

އޮގަސްޓު 8، 2014 ވަނަ އަހަރު ރިލްވާން ގެއްލުނު ހާދިސާއާ ގުޅޭ ގޮތުން މަރު ކޮމިޝަން އިން ކުރި ތަހުގީގުގެ މައުލޫމާތުތައް ހާމަ ކުރުމަށް ރައީސް އޮފީހުގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަން ރައީސް ހުސްނު ސުއޫދު ވިދާޅުވީ ރިލްވާންގެ މަރުގެ މައްސަލައިގެ ފެށުމަކީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ ޖަމާއަތްތަކަކާއި ރާއްޖޭގައި އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް ދީނީ މިނިވަންކަން ފެތުރުމަށް މަސައްކަތް ކުރާ "މިނިވަން" ފިކުރުގެ ބަޔަކާ ދެމެދު ހިނގި މައްސަލަތަކެއް ކަމަށެވެ.

ސުއޫދު އިތުރަށް ވިދާޅުވީ ރިލްވާން މަރާލުމުގެ ކުރިން ދާގަނޑެއްގައި އޮޅާލާފައިވާ ކަމަށާއި އެއަށް ފަހު އޭނާ ލައްވާ ޝަހާދަތް ކިޔުވި ކަމަށެވެ. ޝަހާދަތް ކިޔުމުން ރިލްވާން މަރާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލީހުން އާންމު ކޮށްފައިވާ ހުލާސާ ރިޕޯޓްގައިވާ ގޮތުން ރިލްވާން ކިޑްނެޕް ކޮށްގެން ގެންގޮސް އެރުވީ އއ. އުކުޅަހު ދޯންޏަކަށެވެ. އެ ދޯންޏަށް އެރުވުމަށްފަހު ރިލްވާންގެ ކަރު ބުރިކޮށްލި ކަމަށެވެ. އަދި ބޯ ބުރިކޮށްލުމަށްފަހު އެ މީހުން ރިލުވާނުގެ ހަށިގަނޑު ކަނޑުފެއްތީ ކަމަށްވެސް ރިޕޯޓްގައި ވެއެވެ.

ރިލްވާން މަރާލި މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުންގެ މުވައްޒަފަކު އެކަމުގައި ބައިވެރިވެފައިވާނަމަ އެ ފުލުހަކާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.