ހަބަރު

ރިލްވާންގެ މައްސަލާގައި ފުލުހުން އަޅަން ޖެހޭ ފިޔަވަޅު އަޅާކަން ކަށަވަރު ކުރާނަން: އިމްރާން

ނޫސްވެރިޔާ އަހްމަދު ރިލްވާން މަރާލި މައްސަލާގައި، މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓާ ގުޅިގެން ފުލުހުންގެ މުއައްސަސާއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާ ކަން ކަށަވަރު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރިލްވާންގެ މައްސަލާގައި ފަސް ފުލުހެއްގެ އިހުމާލު އޮތް ކަމަށް ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައި ވަނިކޮށް، މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިލްވާންގެ މައްސަލަ ތަހުގީގު ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަނަކުން ކަމަށެވެ.

އެ ތަހުގީގަށް ބިނާކޮށް ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެމަނިކުފާނު އަޅުއްވާނެ ކަމަށާއި އެ މައްސަލައާ ގުޅިގެން ފުލުހުންގެ މުއައްސަސާއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާ ކަން ކަށަވަރު ކުރައްވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާންގެ ޓްވީޓް

އިމްރާން އެހެން ވިދާޅުވެ ޓްވީޓެއް ކުރައްވާފައި މި ވަނީ، ރިލްވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ ދެ ފުލުހަކު ހައްޔަރު ކުރަން ބޭނުންވާ މިންވަރަށް ހެކި ނެތް ކަމަށް ބުނެ އެ ދެ ފުލުހުން ހައްޔަރު ކުރެވޭނެ އެއްވެސް ގާނޫނީ ސަބަބެއް ނެތް ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ. އަދި އެ ކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެސް ވަނިކޮށެވެ.

ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް، ރިލްވާން ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތު ހައްޔަރު ކުުރުމުގެ ކޯޓް އަމުރެއް ހޯދަން ފުލުހުންގެ މުއައްސަސާގައި ރޭގެ ވަގުތެއްގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ އެދިވަޑައިގެންފަ އެވެ.

ނަމަވެސް ފުލުހުން ރޭ ބުނީ ދެ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ފަދަ ހެކިތައް އެ ކޮމިޝަން އާއި ފުލުހުން ގުޅިގެން ކުރި ތަހުގީގަށް ލިބިފައި ނުވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ދެ ފުލުހުން ހައްޔަރު ކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބުތަކެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.