ކުޅިވަރު

ގޮންޖެހުންތަކާއެކު ވެސް ގުއާމް މެޗަށް ތައްޔާރު ވެއްޖެ

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ގުއާމް އާ ދެކޮޅަށް ތައްޔާރުވަމުން ދިޔައިރު، ޓީމަށް ކުރިމަތިވި ގޮންޖެހުން ތަކާއެކުވެސް ރާއްޖޭގެ ޓީމުން އޮތީ ރަނގަޅަށް ތައްޔާރު ވެގެން ކަމަށް ރާއްޖޭގެ ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގެ އޭޝިއާ ޒޯންގެ ފުރަތަމަ މެޗުގައި މާދަމާ ގުއާމް އާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗުގެ ކުރިން ގުއާމްގެ މީޑިއާތަކާ ވާހަކަ ދައްކަމުން ޝެގަޓް ބުނީ، ގުއާމްގެ ވިސާ ލިބުމުގައި ރާއްޖެއަށް ގެންޖެހުންތައް ކުރިމަތިވި ކަމަށެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ހދ. ހަނަިމާދޫ ކައިރިން އެ އަތޮޅު ނޮޅިވަރަންފަރު ލޯންޗެއް ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން މަރުވި ފަސް މީހުންގެ ތެރޭގައި ރާއްޖޭގެ މިޑްފީލްޑަރު އިބްރާހިމް ވަހީދުގެ އާއިލާގެ ހަތަރު މެންބަރު ހިމެނުމުން އޭނާ އަށް އާއިލާއާއެކު ހުރުމަށް ފުރުސަތު ދީފައިވާ ކަމަށެވެ.

"މާދާމާގެ މެޗުގައި ފެންނާނީ އަހަރެމެންގެ އެންމެ މޮޅު ޓީމެއް ނޫން،" ޝެގަޓް ބުނެފައިވާ ކަމަށް ގުއާމްގެ ޕެސިފިކް ޑެއިލީ އިން ރިޕޯޓް ކޮށްފައި ވެއެވެ. "އަހަރެމެންގެ މުހިންމު ކުޅުންތެރިޔެއްގެ އާއިލާގެ ފަސް މަންބަރު މަރުވެގެން އޭނާ އަށް ވަނީ އާއިލާއާއެކު ހުރުމަށް ފުރުސަތު ދީފައި، އެއީ ފުޓްބޯޅައަށް ވުރެ ފުރާނަ މާ މުހިންމު ވާނެ."

އޭނާ ބުނީ ރާއްޖޭގެ ޓީމަށް ކުރިމަތިވި ވިސާގެ މައްސަލައަކީ ބޮޑު ގައުމެއް ނަމަ ކުރިމަތި ވާނެ މައްސަލައެއް ނޫން ކަމަށެވެ. އަދި އޭނާ އެކަން ސިފަ ކުރީ ރާއްޖެ އާ މެދު ވެވުނު ބޭއިންސާފެއްގެ ގޮތުގަ އެވެ. ވިސާ ނުލިބި ގައުމީ ޓީމުގެ މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް) އާއި ޓީމުގެ ގޯލްކީޕަރު ހުސައިން ޝަރީފް ވަނީ މާލެ އަންނަން ތައްޔާރު ވެފަ އެވެ.

ޝެގަޓް ބުނީ ގޮންޖެހުންތަކާއެކުވެސް ރާއްޖެއިން އޮތީ ރަނގަޅަށް ތައްޔާރު ވެގެން ކަމަށެވެ. އަދި ގުއާމް އަކީ އެ ޓީމުގެ އަމިއްލަ ދަނޑުގައި ވަރުގަދަ ނަތީޖާތަކެއް ނެރެފައިވާ ޓީމެއް ކަމަށްވުމުން އެ ޓީމާ މެދު ސަމާލުވާން ޖެހޭ ކަމަށެވެ.

ރަޝިއާގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ގުއާމް ވަނީ އަމިއްލަ ދަނޑުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އަމިއްލަ ދަނޑުގައި ތުރުކްމުނިސްތާން އާއި އިންޑިއާ ބަލި ކޮށް އޮމާން އާ އެއްވަރު ކުރި އެވެ. ގުއާމްގެ ދަނޑުގައި އެ ޓީމު އަތް ދަށުން ސަލާމަތްވީ އިރާން އެކަންޏެވެ. އެ ފަހަރުގެ ކޮލިފިކޭޝަން ބުރުގައި ގުރޫޕްގެ ހަތަރު ވަނަ ގުއާމް ހޯދި އެވެ. ގުރޫޕްގެ ފުލަށް ދިޔައީ އިންޑިއާ އެވެ.

ގުއާމް އާއި ރާއްޖެ ކުޅޭ މެޗު ފަށީނީ ރާއްޖޭގަޑިން މާދަމާ ހެނދުނު 10:30 ގަ އެވެ. މާދަމާ ކުޅޭ މެޗަށް ފަހު، ރާއްޖޭގެ ދެ ވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ޗައިނާ އާ ދެކޮޅަށް މާލޭގަ އެވެ.