ތެލުގޫ ސުޕަސްޓާ ޕްރަބާސް އާއި ބޮލީވުޑް ތަރި ޝްރައްދާ ކަޕޫރުގެ "ސާހޯ" އަށް ކްރިޓިކްސް ވަރަށް ބޮޑަށް ފާޑުކީ ނަމަވެސް ބެލުންތެރިން ފިލްމަށް ދިން ތަރުހީބު ކުޑައެއް ނުވި އެވެ. މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި މި ފިލްމު އުފައްދާފައި ވަނީ 350 ކްރޯޑު (48 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.
މި ފިލްމު ފަސް ދުވަހުގެ ތެރޭގައި ވަނީ 350 ކްރޯޑު ހޯދާ ޚަރަދު ފޫބައްދާފަ އެވެ. މިހާރު ގިނަ ބަޔަކު ބަލަން ބޭނުންވަނީ ފިލްމަށް ޖުމްލަ ލިބޭނެ އަދަދަކަށެވެ. ބްލޮކްބަސްޓާއެއްގެ ދަރަޖައަށް ފިލްމު ހިނގައިދާނެތޯ އެވެ. ބްލޮކްބަސްޓާއަކަށް ފިލްމު ވާނީ ޖުމްލަ 600 ކްރޯޑަށް ވުރެ ގިނައިން ލިބިގެންނެވެ.
ފާޑުކިޔުންތެރިންނަށް ފިލްމު ކަމު ނުދިޔަ ނަމަވެސް ފިލްމު ބެލި ގިނަ މީހުންނަށް ފިލްމު ވަރަށް ކަމުދެ އެވެ. ޚާއްސަ ފިލްމުގެ ތެލުގޫ ވާޝަން އަށް ލިބެމުން ދަނީ އަދަޔާޚިލާފު ބޮޑު ތަރުހީބެކެވެ. އޭގެ އެއް ސަބަބަކީ ޕްރަބާސްގެ މަޝްހޫރު ކަމެވެ.
"ބަހޫބަލީ" އާއި "ބަހޫބަލީ 2"ގެ ބަތަލު ޕްރަބާސް އަކީ ސައުތު އިންޑިއާގައި މިހާރު އެންމެ ހިނގާ އަދި އެންމެ ކާމިޔާބު ސުޕަސްޓާރެވެ. އެހެން ކަމުން އޭނާގެ ފިލްމެއް ރިލީޒް ނުވާތާ ތިން އަހަރަށް ވުރެ ގިނަ ދުވަހަށްފަހު "ސާހޯ" ރިލީޒް ވުމުން ޕްރަބާސްގެ އެތައް މިލިއަން ފޭނުންނެއް ތިބީ އެ ފިލްމު ބަލަން ކެތްތެރިކަން ކުޑަވެފަ އެވެ. އިންތިހާއަށް ފާޑުކިޔުން އަމާޒުވި ނަމަވެސް ފިލްމު އެހާ ރަނގަޅަށް ހިނގަނީ މި ސަބަބާ ހުރެ ކަމަށް ބެލެވެ އެވެ.
ފާޑުކިޔުންތަކުގެ އިތުރުން "ސާހޯ"އަށް މިހާރު އިތުރު މައްސަލައެއް ވެސް ކުރިމަތިވެއްޖެ އެވެ. މިއީ "ލާގޯ ވިންޗް"ކިޔާ ފިލްމެއްގެ ކޮޕީއެއް ކަމަށް ފްރާންސްގެ މަޝްހޫރު ފިލްމު ޑައިރެކްޓަރެއް ކަމަށްވާ ޖެރޯމީ ސާލޭ ކުރި ޓުވީޓެއްގައި ބުނުމުންނެވެ. އޭނާގެ ޓުވީޓްގައި ބުނި ގޮތުގައި އޭނާގެ ފިލްމެއް ހިލޭ ކޮޕީ ކޮށްލިއިރު ރަނގަޅަށް އެކަން ކުރި ނަމަވެސް ތަންކޮޅެއް ރަނގަޅުވީހެވެ. ނަމަވެސް އިތުރަށް މި މައްސަލަ ކުރިޔަށް ގެންދަން ޑައިރެކްޓަރު ޖެރޯމީ ބޭނުންވާ ކަމެއް އަދި ސާފެއް ނުވެ އެވެ.
"ސާހޯ" ގައި ޕްރަބާސް ކުޅެފައިވަނީ ސިދާރްތު ނަންދަން / ސާހޯ ކިޔާ މީހެއްގެ ރޯލެވެ. އޭނާއަކީ ބޮޑު ވިޔަފާރިވެރިއެއް (ޖެކީ ޝްރޮފް) ގެ ނާޖާއިޒު ދަރިއެކެވެ. ބައްޕަގެ ކުއްލި މަރާއެކު ބައްޕަ މަރާލި މީހުން ހޯދާ އޭނަގެ މުދްތައް ސަލާމަތްކުރުމަށް ސާހޯ ނުކުމެ އެވެ. ފިލްމުގައި ފެންނަނީ ނުބައިބައި ރޯލުތައް ކުޅޭ ވަރުގަދަ މީހުންނާއި ސާހޯގެ ބޮޑެތި ކުރިމަތިލުން ތަކެކެވެ.