ސިއްހަތު

ހިކެން ބޭނުން މީހުން ކާން ރަނގަޅީ ދުވާލަކު ކިތައް ފަހަރު؟

ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ހިކެން ބޭނުންނަމަ ދުވާލަކު އެތައް ފަހަރަކު ކާން ޖެހޭނެ އެވެ. އޭރުން މެޓަބޮލިޒަމް ރަނގަޅުވެ ކެލޮރީޒް އަނދާލެއް އިތުރުވާނެ އެވެ.

ނަމަވެސް ފަހުގެ ހޯދުންތަކުން ދައްކާ ގޮތުން ކިތަންމެ ކުޑަކޮށް ނަމަވެސް ދުވާލަކު ހަ ފަހަރު ކާ މިހުންނަށް ސަރުބީ ވިރުވުމުގައި ދަތިތައް ކުރިމަތިވެ އެވެ. ނަމަވެސް އެކި މީހުންގެ ހަށިގަނޑު އުފެދިފައި ހުންނަނީ ތަފާތުކޮށް ކަމަށް ވާތީ ބައެއް މީހުންނަށް މިކަން މިގޮތަށް ދިމާ ނުވުމުން ވެސް އެކަށީގެން ވެއެވެ.

އެހެންކަމުން ހިކެން ބޭނުންވާ ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އަމިއްލަ ހަށިގަނޑު ދެނެގަތުމެވެ. އަދި އެމީހެއްގެ ދިރިއުޅުމާ އެންމެ ގުޅޭ ގޮތަކަށް ކެއުމުގެ ކަންތައް ރޭވުމެވެ. މިސާލަކަށް 10 ގަޑިއިރު ތަނެއްގައި މަސައްކަތް ކުރާ މީހަކަށް ދެ ގަޑިން ދެގަޑިން ކެއުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. މިފަދަ މީހުން ޖެހޭނީ އެމީހުންގެ ޝެޑިއުލް އޮންނަ ގޮތަށް ބިނާކޮށްފައި ކާނެ ވަކި ގަޑިތަކެއް ހަމަޖެއްސުމެވެ.

ބައެއް މީހުންނަށް ހީވަނީ އަވަހަކަށް ހިކޭނީ މަދުން ކައިގެން ކަމަށެވެ. ނަމަވެސް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވުރެ އެތެރެކުރާ ކެލޮރީޒް މަދު ކޮށްލައިފިނަމަ ރިޒާވްގައި ރައްކާކޮށްފައިވާ ސަރުބީ ވިރި ބަރުދަން ލުއި ވާން ފަށާނެ އެވެ.
އެހެންކަމުން ހިކެން ބޭނުންވާ މީހާ ދުވާލަކު ހަތަރު ފަހަރު ނުވަތަ ހަ ފަހަރު ކެޔަސް އެ ކެއުމުން ހަށިގަނޑަށް އެތެރެވާ ކެލޮރިޒް މަދުކުރެވިއްޖެނަމަ ހިކެން އުނދަގުލެއް ނުވާނެ އެވެ.

ސިއްހީ މައްސަލައަކާ ހުރެ ނަމަވެސް ނުވަތަ ފިޓްކޮށް ހުންނަން ބޭނުންވާތީ ހިކެން މަސައްކަތް ކުރާއިރު ވެސް އެންމެ ފުރަތަމައިނުން ބަރުދަން އިތުރުވީ ކިހިނެއްކަން ވިސްނާލުން މުހިއްމެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ބަރުދަން ލުއިކޮށްލަން އެންމެ ފަސޭހަވާނީ މިކަން ރަނގަޅަށް ވިސްނިގެންނެވެ.

އަހަރެމެންގެ ތެރެއިން ގިނަ މީހުން ހިކެން މަސައްކަތް ފަށާއިރު ވިސްނަނީ ކާނީ ކޮން އެއްޗިއްސެއްތޯ އެވެ. ކެއުން ގެންގުޅޭނެ ގޮތާ މެދު ވިސްނައެއް ނުލެވެ އެވެ. ފޯނާ ކުޅެން އިނދެގެން ނުވަތަ ޓީވީ ބަލަން އިނދެގެން އެތައް ބައިވަރެއް ކާލެވޭއިރުވެސް ގިނަ މީހުންނަކަށް މި ކުރެވެނީ ކީއް ކަމެއް ވެސް ނޭނގެ އެވެ.

ހިކެން ބޭނުންނަމަ އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ފޫހިވާ ވަގުތުގަޔާއި މުނިފޫހިފިލުވުމުގެ ގޮތުން ކަމެއް ކުރާ ވަގުތު އެ ކާ ކެއުން ހުއްޓާލުމެވެ. މިކަމަށް ބޭނުންވާ އަމިއްލަ ނަފްސު ކޮންޓްރޯލްކުރަން ފަރިތަ ކުރުމެވެ.

ގިނަ ބަޔަކަށް ބަނޑުހައިވުމާއި ފެން ބޮވައިގަތުމާ ވެސް އޮޅެ އެވެ. ފެން ބޮވައި ގަތުމުން ވެސް ބަނޑުވެފައި ވެއްޖެ ކަމަށް ގަބޫލު ކުރެވި ކެއުމަށް އިސްކަން ދެވެ އެވެ. އެންމެ ރަނގަޅު ގޮތަކީ ބަނޑުހައި ވާހެން ހީވާނަމަ ފެންތައްޓެއް ބޯލުމެވެ. އަދި ކޮންމެ ކެއުމެއް ކާން ފެށުމުގެ ކުރިން ވެސް ފެންތައްޓެއް ބުއިމެވެ. އޭރުން ކެވޭ މިންވަރު މަދު ކުރެވޭނެ އެވެ.