ލައިފްސްޓައިލް

ދިރިއުޅުން ގަބުރުސްތާނުގައި!

ފިލިޕީންސްގެ ވެރިރަށް މެނީލާގެ އެންމެ ބޮޑު ގަބުރުސްތާނަކީ އެ ރަށުގެ އެންމެ ފަގީރު އާއިލާތަކުގެ ތެރެއިން އެތައް ސަތޭކަ އާއިލާއެއް ދިރިއުޅޭ ތަނަކަށް ވަނީ ވެފައެވެ. ފަގީރުކަމުން ބޯހިޔާވަހި ކަމެއް ނެތް މި އާއިލާތައް ދިރިއުޅެނީ މަރުވެފައިވާ އެތައް މިލިއަން މީހުންނަކާ އެކުގަ އެވެ. ކުޑަކުޑަކުދިން ކުޅެން ގެންގުޅެނީ ގަބުރުކައްޓެވެ. މި މީހުން ނިދަނީ މަހާނަތަކުގެ މަތީގަ އެވެ. ޓިވީބެލުމާއި އެނޫންވެސް މުނިފޫހިފިލުވުމުގެ އެކި ކަންތައްތައް ވެސް މިތަނުގައި އެމީހުން ކުރެ އެވެ. ކޮންމެ ދުވަހެއްގެ ގިނަ ވަގުތުތަކެއް އެމީހުން ހޭދަކުރަނީ މަރުވެ ކުނިވަމުންދާ ހަށިގަނޑުތައް އަންދާ ނައްތާލުމުގަ އެވެ.

މި ގަބުރުސްތާނުގައި ފިލިޕީންސްގައި ރައީސްކަން ކޮށްފައިވާ އެތައް ރައީސުންނަކާއި ފިލްމީ ތަރިން އަދި އެނޫންވެސް މަޝްހޫރު އެތައް ބަޔަކު ވަޅުލާފައި ވެއެވެ.

ގަރުނަކަށް ވުރެ ގިނަ ދުވަސް ވެފައިވާ މި ގަބުރުސްތާނުގައި މީހުން ދިރިއުޅެން ފަށާފައިވަނީ 1950 ގެ އަހަރު ތަކުން ފެށިގެންނެވެ. ލަފާ ކުރެވޭ ގޮތުގައި މިތަނުގައި 10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭނެ އެވެ.

މަހާނަތަކުގެ މަތީގަޔާއި ސަންދޯއްތަކުގައި އެމީހުން ވަނީ އެމީހުންގެ ގެދޮރުއަޅާފަ އެވެ. ބައެއް މީހުން އެމީހުން ދިރިއުޅޭ ތަން ރީތި ކުރުމުގެ ގޮތުން ތަފާތު ފޮޓޯތައް ވެސް ތަތްކޮށްފައި ހުރެ އެވެ. އެތަނުގައި އެމީހުން ކައިބޮއި، ޓީވީ ބަލައި، އެއްޗެތި ހިއްކަން އަޅާ އަދި ދަރިން ގޮވައިގެން ދިރިއުޅެމުން ދެއެވެ. އެމީހުންނާއި އިންޗިއެއްހާ ދުރުގައި ގަބުރު ހުއްޓަސް އެމީޙުންގެ ފަރުވާލެއް ނެތެވެ. އަރާމު ނިންޖަކުން ނިދާ އަދި ލަވަކިޔާ ކަރޯކޭ ޖައްސާ ހަދާކަށް އެމީހުންނަކަށް އެއްވެސް ކަމަކަށް ނުވެއެވެ.

ގިނަ ބަޔަކަށް މިއީ ވަރަށް ބިރުވެރި ވާހަކައަކަށް ވެދާނެ އެވެ. ނަމަވެސް މީހުން ގިނަކަމުން ފުރިފައިވާ މި ޝަހަރުގެ އެންމެ ފަގީރުންގެ ތެރޭގައި ހިމެނޭ މި މީހުންނަށް މިއަށްވުރެ އަމާން ހިތްހަމަޖެހޭ ތަނެއް ނެތެވެ. ކުށްކުރާ މީހުން އިންތިހާއަށް އަށް ގިނަވެފައިވާ މި ޝަހަރުގައި އެންމެ ކުށްކުރުން މަދު ތަނަކީ މި ގަބުރުސްތާނު ކަމުގައި އެމީހުންނަށް ގަބޫލު ކުރެވެ އެވެ.

މިތަނުގައި ދިރިއުޅޭ މީހުން އަމިއްލައަށް މިތަނުން މަސައްކަތްތައް ވެސް ހޯދައިގެން އާމްދަނީ ހޯދަ އެވެ. އެއްބަޔަކު ކުރާ ކަމަކީ މަހާނަގާ އެކި ޑިޒައިންތަކަށް ހެދުމެވެ. އަނެއް ބަޔަކު މަހާނަތައް ރާނާ މަގުބަރާތައް ހަދައިގެން ފައިސާ ހޯދަ އެވެ. އަދި ފައިސާއަށް މަހާނަތައް ބަލަހައްޓާދޭ މީހުން ވެސް ވަރަށް ގިނަ އެވެ. ވިއްސަކަށް މަހާނަ ބަލަހައްޓާދޭ މީހަކަށް އަހަރަކު 315 ޕައުންޑް ލިބެ އެވެ.

މަރުވެފައިވާ މީހުންގެ ހަށިތައް އެންދުމުގެ މަސައްކަތް ކުރާ މީހުން ވެސް މަދެއް ނޫނެވެ. މިއީ އެހާ ހިތްހަމަޖެހޭ ވަޒީފާއެއް ނޫން ނަމަވެސް މަހާނަ ބަލަހައްޓަން ތިމާގެ މީހުން ފައިސާ ހަރަދުކުރުން ހުއްޓާލުމުން އެ ހަށިގަނޑެއް އަންދާލަން މަޖްބޫރު ވަނީ އެވެ.

މި ގަބުރުސްތާނުން މަހާނައެއް ކުއްޔަށް ދެނީ ފަސް އަހަރުގެ މުއްދަތަކަށެވެ. އޭގެ ކުރިން ވެސް މަހާނަ ބަލަހައްޓަން ޚަރަދު ނުކުރާނަމަ އެތާގައިވާ ކަށިތައް ނަގާ އެ މަހާނައެއް ސާފުކުރެ އެވެ. ގަބުރުސްތާނުގެ އެކި ހިސާބުގައި ގޯނިގޯންޏަށް އަޅާފަޔާއި ފުނި ފުންޏަށް ޖަހާފައިވާ ކަށިތަކަކީ އެގޮތަށް ނަގާފައިވާ ކަށިތަކެވެ. މީގެތެރެއިން ބައެއް ކަށިތަކުގައި ފުޅައަޅާފައި ވެސް ހުރެ އެވެ.

މި ގަބުރުސްތާނުގައި ފާއިތުވީ 51 އަހަރު ދިރިއުޅެމުން އަންނަ މީހަކު އިނގިރޭސި ވިލާތުގެ "ދަ ގާޑިއަން" ނޫހަށް ކިޔައިދިން ގޮތުގައި އެތަނުގައި ދިރިއުޅޭ ގިނަ މީހުންނަކީ އެއްވެސް ކަހަލަ އާމްދަނީއެއް ނުލިބޭ ފަގީރުންނެވެ. އެމީހުން ބަނޑުފުރާނަ މުއްތި ކުރަނީ އެކި ކަހަލަ ކުދިކުދި މަސައްކަތްތައް ކޮށްލައިގެންނެވެ. އެގޮތުން ކުރާ އެއް މަސައްކަތަކީ މަރުވާ މީހުންގެ އާއިލާތަކަށް މާ ވިއްކުމެވެ.

މިތަނުގައި ދުވާލަކު މަދުވެގެން 80 މީހުން ވަޅުލަ އެވެ. އެހެންކަމުން ތަނުގައި ދިރިއުޅޭ ގިނަ މީހުންނަށް ކޮންމެވެސް ވަރަކަށް ފައިސާ ލިބެ އެވެ. ނަމަވެސް އެހެން މައްސަލައެއް މިހާރު ވަނީ ދިމާވެފަ އެވެ. ވަޅުލާނެ ޖާގަ ނެތުމެވެ. ސަހަރާ ވަނީ މުޅިން ފުރިފަ އެވެ. ބައެއް ފަހަރަށް ވަޅުލާނެ ތަނެއް ނެތިގެން ވަކިހިސާބަކުން ހަށިގަނޑު ބާއްވަފައި ދާންޖެހޭތަން ވެސް އާދެ އެވެ.

މި ގަބުރުސްތާނުގައި ބައެއް މީހުން ފިހާރަތައް ވެސް ހަދާފައި ހުރެ އެވެ. އާންމު ދިރިއުޅުމަށް ބޭނުންވާ ވަރަށް ގިނަ އެއްޗެތި މި ފިހާރަތަކުން ލިބެ އެވެ.

މިތަނުގައި ދިރިއުޅޭ ބައެއް މީހުންނަކީ ވަރަށް ކުޑައިރު މިތަނަށް އައިސް ދިރިއުޅުން ފަށައި ކައިވެނިކޮށް ދަރިން ލިބި އަދި މިހާރު މާމަ ކާފަ ދަރިން ވެސް ލިބިފައިވާ މީހުންނެވެ. އަދި ކުރިޔަށް އޮތް ތާނގައި މިތަން ދޫކޮށް ދިއުމުގެ ވިސްނުމެއް އެމީހުންގެ ނެތެވެ.

މަގުތަކުގައި ދަމާފައިވާ ކަރަންޓް ނަރުތަކުން ވަގަށް ކަރަންޓް ނަގައިގެން މި މީހުން ބޭނުންކުރާއިރު އެންމެ އުނދަގޫ ކަމަކީ ފާޚާނާ ކުރެވޭނެ ގޮތާއި ސާފު ފެން ލިބޭނެ ގޮތެއް ނެތުން ކަމަށް އެތާ ދިރިއުޅޭ މީހުން ބުންޏެވެ.

މިތަނުގައި ދިރިއުޅޭ 26 އަހަރުގެ އަންހެނަކު ބުނީ އޭނާ ދިރިއުޅެނީ މީހަކު ކުއްޔަށް ހިފާފައިވާ މަހާނައެއްގައި ކަމަށެވެ. އެތަން ބަލަހައްޓާ މީހެއްގެ ގޮތުގަ އެވެ. އެތަނުގައި އޭނާއާއެކު މަންމަ އާއި ދައްތަ އަދި ދަރިން ވެސް ދިރިއުޅެ އެވެ.
ކަރަންޓު ނުހުންނާތީ ހޫނު މޫސުމުގައި ވަރަށް އުނދަގޫކަމަށް އެ އަންހެންމީހާ ބުންޏެވެ. އެމީހުން ފެން ބޭނުން ކުރަނީ ޝަހަރުގައި ހުންނަ އާއްމުން ފެންނަގާ ވަޅުތަކުން ހަންހަމަށާއި ފުޅިފުޅިއަށް ފެން އަޅައިގެން ގެނެސްގެންނެވެ.

އާއިލާގެ މަހާނައެއްގައި 19 އަހަރު ދިރިއުޅެފައިވާ އެވްލީން ކިޔާ އަންހެނަކު ބުނި ގޮތުގައި މި ގަބުރުސްތާނުގައި އޮންނަ އެންމެ ހިތްހަމަޖެހޭ އެއް ކަމަކީ ހިލޭ ބޯހިޔާވަހިކަން ލިބުމެވެ.

ކުނިވެ ފުޅައަޅާފައިވާ ގަބުރެއްގެ އަތެއް އަންދާމުގެ މަސައްކަތުގައި އުޅުނު މަދީނާ ކިޔާ އަންހެނަކު ބުނީ މަރުވެފައިވާ މީހުންނާއެކު ދިރިއުޅުމަކީ ހީކުރާހާ ބިރުވެރިކަމެއް ނޫނެވެ. މަރުވެފައިވާ އެއްވެސް މީހެއްގެ ރޫހު އެ ގަބުރުސްތާނުގައި ނޫޅޭ ކަމަށް އޭނާ ބުންޏެވެ.

"ނަމަވެސް އަހަރެން ގަބުރެއް ކޮންނަންޏާ ފުރަތަމައިނުން ވެސް އެ ގަބުރުގެ ކިބައިން މައާފަށް އެދެން. އޭނާއަށް އުނދަގޫކުރަން ޖެހޭތީ މައާފު ކުރާށޭ އަހަރެން ބުނަން. އެއީ އިހުތިރާމް އަދާކުރުމުގެ ގޮތުން،" މަދީނާ ބުންޏެވެ.