ހަބަރު

ތުއްތު ކުއްޖަކަށް ފަރުވާ ހޯދަން ސިފައިންގެ މީހަކު ދެއްކި ހިތްވަރަށް ތައުރީފު!

އިއްޔެ ހެނދުނު 10:30 އެހާކަންހާއިރެވެ؛ ހ. ފެންނާގޭ ހަ ވަނަ ބުރީގައި އޮތް އުމުރުން އަދި 15 ދުވަސްވީ ތުއްތު ކުއްޖެއްގެ ނޭވާ ހުއްޓި އަވަސް ފަރުވާއަށް ބޭނުންވި އެވެ. އެ ތުއްތު ކުއްޖާގެ އާއިލާއަށް ބޮޑު ހިތާމައެއް ލިބި، އަވަސް ފަރުވާއެއް ހޯދޭނެ ގޮތެއް ނެތިފައި ވަނިކޮށް އެހީތެރިވެދީ ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމުގައި ނަމޫނާ ދެއްކީ ސިފައިންގެ މީހެކެވެ. އެއީ ޕްރައިވެޓް އިބްރާހިމް ސިނާނެވެ.

ސިނާނަކީ ފެންނާގެ ހަވަނަ ބުރީގެ އެހެން އެޕާޓްމަންޓެއްގައި ދިރިއުޅެމުން އައި މީހެކެވެ. ތުއްތުގެ ކުއްޖާގެ ހާލަތު އެނގުމުން ސިނާން ވަނީ ކުއްޖާއަށް އަވަސް ފަރުވާ ދެވޭނެ މަގެއް ހޯދައިދޭން މަސައްކަތް ކޮށްފަ އެވެ. އެވަގުތަކީ ފެންނާގޭގެ ހުރި ލިފްޓް މައްސަލައެއް ދިމާވެފައިވާ ވަގުތެކެވެ. ލިފްޓް ބޭނުން ކުރެވޭނެ ގޮތެއް ނެތެވެ.

އެހެން ސިނާން އޭނާގެ އަތްދަނޑިމަތީގައި ބާއްވައިގެން އެ ތުއްތު ކުއްޖާ ސިޑިން ތިރިއަށް ބަލައި ކުއްޖާއާއެކު ދުވެފައި ސިފައިންގެ އަސްކަރީ ހޮސްޕިޓަލް ސެނެހިޔާއަށް ގެންގޮސްދިނެވެ. ސެނެހިޔާއިން ތުއްތު ކުއްޖާއަށް ފަރުވާދީފައި ވަނީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ފަސްޓް ލެފްޓިނެންޓް ޑރ. ޝިފްލާ އަބްދުލް ލަތީފެވެ.

އެ ކުއްޖާގެ ފުރާނަ ވަނީ ސަލާމަތްވެފަ އެވެ. މިހާރު ހާލު ރަނގަޅެވެ. ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތް ކުރަން ސިނާން ދެއްކި ހިތްވަރަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފަ އެެވެ. ސިފައިންގެއިން ވަނީ ސިނާންގެ ހިތްވަރު ފާހަގަ ކޮށްފަ އެވެ.

ތުއްތު ކުއްޖާގެ ފުނާރަ ސަލާމަތް ކުރަން އަވަސް ފަރުވާ ލިބޭނެ މަގު ތަނަވަސް ކުރަން ސިނާންގެ އަތްމަތީގައި ތުއްތު ކުއްޖާ އުފުލައި ދުވަމުން ދިޔަ މަންޒަރު ދުށް ގިނަ ބަޔަކުވެސް ވަނީ ސޯޝަލް މީޑިއާގައި އެ ވާހަކަތައް ހިއްސާކޮށްފަ އެވެ. ވެ.

ސިނާންގެ މަސައްކަތަށް ތައުރީފު ކުރައްވާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވެސް ސިފައިން އަބަދުވެސް ދެމި ތިބޭނީ ރައްޔިތުންގެ ޚިދުމަތުގައި، އެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ކަމަށެވެ.